އަބުޑީގެ މަންމަގެ ހަނދާންތައް ރޮދިތަކުން، 316 ގަޑިއިރަށް ފަހު!

އާމިނަތު ޝިހާނާ (އަބުޑީ) ވަނީ އޭނާގެ މަންމަގެ ތަސްވީރެއް، 98،000 ސްޓިޗް ބޭނުންކޮށްގެން އަތުން ފަހާފައި

ދިވެހި ފަންނުވެރިންގެ ހުނަރުތައް ފެނިފައި ގިނަ ފަހަރަށް ހަމަ ގަބޫލު ވެސް ނުކުރެެވޭ ވަރު ވެއެވެ. މި ފަހަރު ވެސް މިފަދަ ހުނަރެއް މިއޮތީ ފެނިފައެވެ. އާމިނަތު ޝިހާނާ (އަބުޑީ) ދާދި ފަހުން އާންމުކުރި އޭނާގެ އެންމެ ފަހު އުފެއްދުމާއެކު އެތައް ބައެއްގެ ބަސް ވަނީ ހުއްޓިފައެވެ. އެއީ، އަތުން ފަހައި އޭނާގެ މަންމަ ކުރަހާލި ތަސްވީރަކުންނެވެ.

އަބުޑީއަކީ ސްކޫލް ދައުރުން ފެށިގެން ކަވި މަސައްކަތްތައް ކޮށް އުޅުނު މީހެކެވެ. އޭރު އަބުޑީ ކޮށްއުޅުނު މަސައްކަތަކީ ފޮތްތަކުގައި ގަނޑުލާއިރު، އެ ގަނޑުތައް ޖަރީކުރުމާއި، އެކި އެއްޗެހި ބޭނުންކޮށްގެން ތަފާތު އެއްޗެއް އުފެއްދުން ފަދަ ކަންކަމެވެ.

ނަމަވެސް އާންމުންގެ ތެރޭގައި އަބުޑީ އެންމެ ބޮޑަށް އެނގެނީ ރޮދިން ތަފާތު މަންޒަރުތައް ތައްޔާރުކޮށްލާ މޮޅު މީހެއްގެ ގޮތުގައެވެ.

އަބުޑީގެ އުފެއްދުންތަކަށް އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ 2019 ވަނަ އަހަރު ބޭއްވި ފަންނު އެކްސްޕޯއިންނެވެ. އެ އެކްސްޕޯގައި އަބުޑީ ހުށަހަޅާފައިވަނި ރާއްޖޭގެ ތާރީހީ ދެ އިމާރާތެއްގެ މަންޒަރެވެ. ދުރުން ބަލާ ބެލުމަށް ހީވަނީ ކުލަ ޖައްސައި ކުރަހާލެވިފައިވާ މަންޒަރުތަކެއް ހެނެވެ. ނަމަވެސް ގާތުން ބަލާލުމުން އެނގިގެން ދިޔައީ އެއީ ރޮދިން ފަހައި ތައްޔާރު ކޮށްފައިވާ މަންޒަރުތަކެއް ކަމެވެ. އެ މަންޒަރުތަކަށް އަބުޑީ ބޭނުންކުރީ ތަފާތު ކުލަތަކެވެ.

https://www.instagram.com/p/C33I8zKS6tO/?img_index=1

މި ފަހަރު ވެސް އަބުޑީގެ އާ އުފެއްދުމެކެވެ. މި ފަހަރު އަބުޑީގެ މަންމައެވެ.

އަބުޑީގެ އިންސްޓަގްރާމް، އަބުޑީ މޯލްޑިވްސްގައި އޭނާގެ އާ އުފެއްދުމެއް ފުރިހަމަ ކުރަމުން އަންނަ ކަމުގެ ބައެއް މަންޒަރުންތައް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ހިއްސާކުރަމުން އައެވެ.

އެންމެފަހުން އެ އުފެއްދުން މި އޮތީ އާންމުކޮށްފައެވެ. އިއްޔެ ނޭޝަނަލް އާޓް ގެލެރީގައި ފެށި "ދަ ފެބިއުލަސް އާޓް ޝޯ"ގައި އަބުޑީގެ އާ މަންޒަރު ވަނީ ހިއްސާކޮށްފައެވެ.

ދަ ފެބިއުލަސް އާޓް ޝޯއަކީ އަންހެން ފަންނުވެރިންގެ ހުނަރުތައް ދައްކާލުމަށް ފަށާފައިވާ މައުރަޒެކެވެ. މި މައުރަޒުގައި އެކި ހުނަރުތަކުގެ އަންހެނުން ވަނީ ތަފާތު މަސައްކަތްތައް ހުށަހަޅާފައެވެ. މި މައުރަޒު އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

https://www.instagram.com/p/C34Pp6ex0Dh

މައުރަޒުގައި އަބުޑީ ހުށަހަޅާފައިވަނީ "މަންމަ"އެވެ. ތުރެޑް ޕެއިންޓިންގެ ގޮތުގައި އޭނާ ސިފަކުރާ މި އުފެއްދުމަކީ "މަންމަ" އޭ ބުނުމުން އެންމެ ފުރަތަމަ ހިތަށް ކުރެވޭ އިހުސާސްތައް ސިފަކޮށްދިނުމަށް ނިންމި އުފެއްދުމެކެވެ.

"މި މަންޒަރުގެ ކޮންމެ ރޮއްޖަކީ ވެސް މަންމައެއްގެ ދިރިއުޅުމުގައި ދަރިންނަށް ގެނެސްދޭ ހަމަޖެހުމާއި، މަންމައެއް ތަހައްމަލުކުރާ ދަތިކަންތައް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ރޮދިތަކެއް. މަންމައެއްގެ ބުރަ މަސައްކަތާއި ހިތްވަރުގަދަ ކަން މި ޕެއިންޓިން އިން ދައްކުވައިދޭން ބޭނުންވަނީ،" އަބުޑީގެ ޕެއިންޓިންގައި ބުނެއެވެ.

https://www.instagram.com/p/C34r_YeRguO/?img_index=1

އަބުޑީ ކިޔައިދިން ގޮތުގައި މިއީ އެތައް ހާސް ފަހަރަކު ރިޕީޓުކޮށް ރޮދިތައް ބޭނުންކޮށްފައިވާ އުފެއްދުމެކެވެ. އެގޮތުން މި ޕެއިންޓިންއަށް އެކި ކުލަތަކުގެ 98،000 ސްޓިޗް ބޭނުން ކޮށްފައިވާނެ ކަމަށް އޭނާ ފާހަގަކުރެއެވެ.

މި މަސައްކަތް ފުރިހަމަ ކުރުމަށްޓަކައި އޭނާއަށް 316 ގަޑިއިރު ހޭދަވިއެވެ. އިތުރު ގޮތަށް ހިސާބު ކުރާ ނަމަ އެއީ 13 ދުވަހު އެއްވެސް ހުއްޓުމެއް ނެތި މަސައްކަތް ކޮށްފި ނަމަ ވަގުތު ހޭދަވާނެ މިންވަރެވެ.

މި އުފެއްދުމާއެކު މައުރަޒު ބަލަން ދިޔަ އެތައް ބައެއްގެ ފަރާތުން ވެސް އަންނަނީ ތައުރީފު އޮހެމުންނެވެ.

comment ކޮމެންޓް