ކޮތަރު ކޮއްޓޭ ކިޔައިގެން ބިރުދައްކަނީ މާލޭގެ ކުލީގެ އަގު ވެއްޓިދާނެތީ: ސައީދު

ޕީޕީއެމް އަދި ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންެގ ބައްދަލުވުމުގައި މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނަމިކް މިނިސްޓަރު ސައީދު --- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

ނިމިގެން ދިޔަ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަން ފެށި ފްލެޓް ތަކަކީ ކުދި 'ކޮތަރުކޮށި' ތަކެކޭ ކިޔައިގެން ރައްޔިތުންނަށް ބިރު ދައްކަނީ އެ ތަންތަނަށް މީހުން އައިސް މާލޭގެ ކުލީގެ އަގު ވެއްޓިދާނެތީ ކަމަށް ކުރީގެ އިކޮނަމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ، ބޯހިޔާވަހިކަމަށް ހައްލު ހޯދައި ދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއަކީ ވަރަށް ފުރިހަމަކޮށް ޒަމާނީ ޓެކްނޮލަޖީ ބޭނުންކޮށްގެން ފެށި މަޝްރޫއެއް ކަމަށެވެ.

"ކޮތަރު ކޮއްޓޭ ކިޔައިގެން ބިރު ދައްކަނީ އެ ރަށްރަށުން މީހުން އެތަންތަނަށް އައިސްފާނެތީ. އޭރުން ކުލީގެ އަގުވެއްޓޭނެ މާލޭގަ،" ސައީދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވަނީ ކޮލެޓީކޮށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެންކަމަށާއި ކޮތަރު ކޮށި އަޅަނީ އެމްޑީޕީގެ ސަރުކާރުން ކަމަށް ސައީދު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާ ފްލެޓްތައް: އެ ފްލެޓްތަކަކީ ކުދި ކޮތަރު ކޮށިތަކެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ ޕީޕީއެމް/ޕީއެންސީ އިން ވަނީ އެކަމަށް ރައްދު ދީފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން ނިމިގެން ދިޔަ ސަރުކާރުން ބްރިޖް އެޅީ ފީ ދަނޑިން ކަމަށް އޭރު އެމްޑީޕީން ބުނި ކަމަށާއި މި ސަރުކާރުން ބްރިޖުގެ ބަދަލުގައި އެޅުމަށް ނިންމާފައިވަނީ ކޯޒްވޭއެއް ކަމަށް ސައީދު ވިދާޅުވި އެވެ.

"އޭޝިއާ އެވޯޓް ލިބޭ ފެންވަރުގެ ކޮލިޓީ ޕްރޮޖެކްޓްސް ދިވެހިރާއްޖޭގައި ރައީސް ޔާމީންގެ ސަރުކާރުން ހަދާފައި އެހުރީ. ދެން އެއަކަށް އިތުރަކަށް އަޅުގަނޑު ނެތް ދައްކާނެ ވާހަކައެއް،" ކުރީގެ އިކޮނަމިކް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުން ފްލެޓް ދިނުމަށް ނިންމާފައިވާ އެއްވެސް ފަރާތަކަށް މި ސަރުކާރުން ފްލެޓް ނުދީފި ނަމަ، އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު ވެސް ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ސުޖާއު ވަނީ ދެއްވާފަ އެވެ.

"އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް މި ޔަގީންކޮށް އަރުވަނީ ހާއްސަކޮށް މިހާރު އަޅުގަނޑުމެންގެ ސަރުކާރުން ހުޅުމާލެ ފޭސް2 ގައި ތަރައްގީ ކުރާ ފްލެޓްތައް ލިބިވަޑައިގަތް ތިއްބެތި ރައްޔިތުންގެ ހައްގުގައި ޕީޕީއެމް ޕީއެންސީން މަގުމައްޗައް ނިކުންނާނެ ހާލަތަކީ އެއީ،" ކުރީގެ މަޖިލިސް މެންބަރު ކަން ވެސް ކުރައްވާފައިވާ ޝުޖާއު ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ނިމިގެން ދިޔަ ސަރުކާރުން، 7000 ހައުސިން ޔުނިޓް އަޅަން ނިންމާފައިވީ ނަމަވެސް، އިމާރާތުގެ ސްޓްރަކްޗާއަށް ގެނައި ބަދަލާ އެކު މިހާރުގެ ސަރުކާރުން ވަނީ ފްލެޓްތަކުގެ އަދަދު 6،860 އަށް މަދުކޮށްފަ އެވެ. އަދި މަދު ކުރި 140 ފްލެޓްގެ ބަދަލުގައި، އެ ތަންތަން ހާއްސަ ކުރާނީ ވިޔަފާރީ ބޭނުންތަކަށް ކުއްޔަށް ދިނުމަށް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް