މަޖިލީހުގެ ގޮނޑި އަތުރާފައިވާ ގޮތް ބަދަލު ކުރަން ޖެހޭ: ނަޝީދު

މަޖިލީހުގެ ރައީސް ނަޝީދު: ނަޝީދު ވިދާޅުވީ މަޖިލީހުގައި މެންބަރުން ތިއްބަވާ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށް --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި ގޮނޑިއަތުރާފައި ހުންނަ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އެހެން ވިދާޅުވެފައިވަނީ، މާލެ ސިޓީއަށް ނިސްބަތްވާ މެންބަރުން ކުރީ ސަފުގައި ތިއްބަވާތީ އެކަމާއި ހިތް ހަމަ ނުޖެހިވަޑައިގަތް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ޝަކުވާ ކުރެއްވުމުންނެވެ.

ސަރުކާރުގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިވާ އަބްދުﷲ ހުށަހެޅުއްވި ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުމުގެ ބިލަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ، އިންސާފާއި ހަމަހަމަ ކަމުގެ ވާހަކަ ދައްކާއިރު މަޖިލީހުން އެކަމައް މިސާލު ދައްކަން ޖެހޭ ކަމަށެވެ.

"މިހެން މިދެންނެވީ އަޅުގަނޑަކަށް އެއްގޮތަކަސް ވެސް ނޭންގޭ ކޮން ގަވާއިދެއްގަ ކަމެއް އޮތީ މާލެއަށް ނިސްބަތްވާ މެންބަރުން ކުރީ ސަފުގައި މަޖިލީހުގެ ކުރީގައި ތިބޭ ތިބުން މިއީ އަޅުގަނޑަށް ގަބޫލުކުރެވޭ ކަމެއް ނޫން،" ޝިޔާމް ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް(މ): މަޖިލީހުގެ ތަޅުމުގައި މާލެ ސިޓީގެ މެންބަރުން ކުރީ ސަފުގައި ތިއްބަވާތީ ޝިޔާމް ވަނީ ހިތްހަމަ ނުޖެހުން ފާޅު ކުރައްވާފައި -- ފޮޓޯ: މަޖިލިސް

ސީޓީއެއްގެ ލަގަބް ލިބިގެން މާލޭ މެންބަރުން ކުރީގައި ތިބޭ ނަމަ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ މެންބަރުން އެންމެ ފަހަތުގައި ނުބަހައްޓަވާ ކުރީ ސަފައް ގެންގޮސް ދިނުމަށް ޝިޔާމް ވަނީ އެދިވަޑައިގެންފަ އެވެ.

ޝިޔާމްގެ ވާހަކައަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، މަޖިލީހުގެ ތަޅުމުގައި ގޮނޑި އަތުރާފައި ވަނީ މަޖިލީހުގެ ގަވާއިދުގައި ވަކި ގޮތަކަށް އޮވެގެން ނޫން ކަމަށާއި އެއީ 1932 ވަނަ އަހަރު އެންމެ ފުރަތަމަ މަޖިލިސް އުފެއްދެވިއިރު ވެސް އޮންނަ ގޮތް ކަމަށެވެ.

އެގޮތުން ރަދުންގެ އަށް މެންބަރުންނާއި އެކު މާލޭގެ މެންބަރުން އެންމެ ކުރީގައި ތިއްބަވާކަން ނަޝީދު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު އަމިއްލަ ގޮތައް ދެކޭ އިރުގައި އަޅުގަނޑަކަށް ވެސް ނުފެނޭ މިއަކީ އެއް މި މަޖިލީހުގައި މެންބަރުން އިށީންނަވައިގެން ތިއްބަވަން ބުއްދިވެރިގޮތެއް ކަމަށް،" ނަޝީދު އެހެން ވިދާޅުވުމާއި އެކު މަޖިލީހުގެ ތެރެއިން ބައެއް މެންބަރުން އަތްތިލަބަޑި ޖެހި އަޑުވެސް ވަނީ އިވިފަ އެވެ.

ދުނީޔޭގެ އެހެން ގައުމުތަކުގައި މަޖިލިސް ތަޅުމުގައި މެންބަރުން ތިއްބަވަނީ އެއް ޕާޓީއަކަށް ނިސްބަތްވާ މެންބަރުން އެއް ސަރަހައްދެއްގައި ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. އަދި 19 މަޖިލިސް ކުރިއަށް ގެންދާނީ މެންބަރުން އެދިލައްވާ ގޮތަކަށް ކަމަސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި މަޖިލީހުގެ ގޮނޑިޖަހާ ތަރުތީބް އަތުރާފައި މިހުރި ގޮތް ބަދަލުކުރަން ޖެހިފައިވާތާ އެތައް ދުވަހެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ އެވާހަކަފުޅަށް ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސެއިން ވެސް ވަނީ ތާއިދު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ.

"މިއަދު ރައީސް ތިޔަ ވިދާޅުވީ އަޅުގަނޑުމެން މިހުރިހާ ކަމެއް ވެސް ބަދަލުކުރަން ޖެހޭ ވާހަކަ. ކުރީގައި އެތުރިފައި ހުރި އެތުރުން ވެސް ބަދަލުކުރަން ޖެހޭ ވާހަކަ މިއަދުގެ ރައީސް އެހެން ވިދާޅުވީމަ ހަގީގަތުގައި ވެސް އަޅުގަނޑު ވަރަށް އުފާވެއްޖެ، ވަރަށް އުފާވެރި ދުވަހެއް،" އަލީ ހުސެއިން ވިދާޅުވި އެވެ.

comment ކޮމެންޓް