ބިގާ ގުޅޭ ގޮތުން ކުރާ ސުވާލުތަކަކީ ޒާތީ ސުވާލުތަކެއް: މިނިސްޓަރު ފައްޔާޒު

ބިޒްނަސް އިމޭޖް ގްރޫޕް (ބިގް)އަށް ފައިސާ ދިނުމާ ގުޅޭ ގޮތުން އޭނާއަށް ރައްދުކޮށް މަޖިލީހުގެ ތަޅުމުގައި ސުވާލުކުރުމަކީ ޒާތީ ކަމެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ސިފަކުރައްވައި އެކަން މަޖިލީހަށް ކުރެވިދާނެ ކަމާ މެދު ސުވާލު އުފައްދަވައިފި އެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އާ މިއަދު ސުވާލުކުރެއްވީ، މިނިސްޓަރުގެ ހިއްސާ ކުރިން އޮތް އަދި މިހާރުވެސް މިނިސްޓަރުގެ އާއިލީ މަސްލަހަތު އޮތް ބިގްއަށް ފައިސާ ދޫކުރުމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް އޮތްކަމަށް ތުހުމަތުވާ މައްސަލައިގަ އެވެ.

ޖާބިރުގެ ސުވާލާ ގުޅިގެން ފައްޔާޒު ވިދާޅުވީ، ބިގްއާ ގުޅޭ ގޮތުން އޭނާއާ ރައްދުކުރި ސުވާލުތަކަކީ މިނިސްޓަރުގެ ހައިސިއްޔަތުން އޭނާ އަދާކުރާ ޒިންމާއާ އެއްވެސް ގުޅުމެއް ހުރި ސުވާލުތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ސުވާލު ކުރެވޭނީ އޭނާ އަދާކުރާ ޒިންމާއާ ގުޅޭ ސުވާލު ކަމަށް ވެސް ފައްޔާޒު ފާހަގަ ކުރެއްވި އެވެ.

"މިއީ އަޅުގަނޑު ޒާތީ ކަމަކާ ގުޅޭ ގޮތުން ކުރެވޭ ސުވާލެއް. އެހެން ވީމާ މިއީ މަޖިލީހުގެ ގަވައިދުގެ ދަށުން އަޅުގަނޑު ޖަވާބުދާރީވާން ޖެހޭ ސުވާލެއް ވެސް ނޫން. އެކަމަކު ވީހާ ވެސް ބޮޑަށް މައުލޫމާތު ދިނުމަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތް ވީމާ މިތަނަށް އައީ،" ފައްޔާޒު ވިދާޅުވި އެވެ.

އެހެން ނަމަވެސް، މިނިސްޓަރު ވަނީ ބިގް ކުންފުންޏާއި އޭނާއާ ދެމެދު އޮތް ގުޅުންތައް ތަފްސީލްކޮށް މަޖިލީހުގެ މެންބަރުންނަށް އޮޅުން ފިލުއްވައި ދެއްވައިފަ އެވެ.

ވާހަކަ ކުރިއަށް ގެންދަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ބިގް ގްރޫޕް އުފެއްދީ އޭނާގެ ހިއްސާއެއް އޮވެގެން ކަމަށެވެ. ނަމަވެސް 2012 ވަނަ އަހަރު އޭރުގެ އެމްޑީޕީ ސަރުކާރު ބަދަލުވުމާ އެކު އޭނާ އެމްޑީޕީގެ ފިކުރުގައި މަސައްކަތް ކުރާތީ ކުރިމަތިވި ފިއްތުންތަކާ ހުރެ ކުންފުނީގެ ހިއްސާ އާއި ބޯޑް ޑިރެކްޓަރުކަން އޭނާ ދުކޮށްލި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ދުވަހަށް ފަހު ކުންފުނީގެ ހިއްސާ އޮތް ގޮތާއި އެ ކުންފުނީގެ ކަންކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ބޭބެ އާއި އެހެން ވެސް ރަށްޓެހިންގެ ހިއްސާ އެ ކުންފުނީގައި އޮންނަކަން ފައްޔާޒު ތަޅުމުގައި ހާމަކުރެއްވި އެވެ.

ބިގަކީ ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން ޑިރެކްޓަރު އަދި ފައްޔާޒުގެ ބޭބެ، ހަސަން އިސްމާއިލްގެ ހިއްސާ މިހާރުވެސް އޮންނަ ކުންފުންޏެކެވެ.

"އެހެން ނަމަވެސް، އެއްވެސް ނުފޫޒެއް އެ ކުންފުންޏަށް [ބިގަށް] ފައިސާ ދޫކުރާކަށް އަޅުގަނޑު ކޮށްފައެއް ނޯންނާނެ. އެއްވެސް ނުފޫޒެއް ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ މިދިޔަ ރިޔާސީ ކެމްޕޭންތެރޭގައި މަސައްކަތް ކުރެއްވިއިރު، ލިބުނު މައުލޫމާތުތަކުން ސިޔާސީ ވިސްނުމުގައި ކުރީގެ ސަރުކާރުން އެޅި އެކި ފިޔަވަޅުތަކުގެ ސަބަބުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދެ ބިލިއަނެއްހާ ޑޮލަރު ދޭން ޖެހޭ ކަމަށް ލަފާކުރެވިފައިވާ ކަމަށެވެ. އަދި އެ ބަދަލު ދިނުމުގައި ވީހާ ވެސް ދައުލަތަށް ލުއިވާނެ ގޮތަކަށް މަޝްވަރާކޮށްގެން ބަދަލު ދެވޭނެ އުސޫލެއް އެކުލަވާލުމަށް ސަރުކާރުގެ ތެރޭގައި ވަކާލާތު ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ނުފޫޒު ކަމަށް ވަންޏާ އަޅުގަނޑުގެ ނުފޫޒު އޭގައި އޮތް. އެކަމަކު އަޅުގަނޑު އަބަދުވެސް ވަކާލާތު ކުރަނީ ލުއި ގޮތަކަށް ބަދަލު ދެންޏާ ދޭން،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިގް ކުންފުނީގެ ޑިރެކްޓަރަކު ސަރުކާރުގެ އެއްވެސް ކުންފުންޏެއްގެ ބޯޑްގައި ހުންނެވިކަން ވެސް ނުވަތަ ނޫން ކަން ވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި މިނިސްޓަރުގެ ހައިސިއްޔަތުނ ކުރާ މަސައްކަތުގެ ދާާއިރާއިން އެއީ، އޭނާއަށް އެނގޭ މައުލޫމާތެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

comment ކޮމެންޓް