ކަށިކުނބުރު ބިޔަ ޖަންގަލި: ރަނގަޅަށް ބަލައި ދިރާސާ ކޮށްފިނަމަ ސަހަރޯއޭ ހީވާނެ!

ޖުވެނައިލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ކަމަށްބުނެ ނަގައިފައިވާކަމަށް ބުނެ ދައުރުވި ފޮޓޯއެއް. ގޭންގު ހަމަނުޖެހުންތައް ފަދަ އިޖުތިމާއީ މައްސަލަތައް ރާއްޖޭގައި ވަރަށް ގިނަ-- ފޮޓޯ: ސޯޝަލް މީޑިއާ

ކަށި ކުނބުރަކީ ވެލަކަށް ހެދޭ ގަހެކެވެ. ކަށި ގިނަ އެ ގަސް ފޯދި މުޅި ތަނަށް ފެތުރި ވާނުވާ ވަކިނުވާ ވަރުވުމަކީ ބޮޑު މުސީބާތަކަށް ވާނެއެވެ. ނާމާން ޖަންގައްޔަކަށް ވާނެއެވެ. އެތަނަށް ވަންނަ މީހަކަށް ވާއެއް ނުވާއެއް އެނގޭވަރެއް ނުވާނެއެވެ. ގައުމުގެ އިޖުތިމާއީ ފޭރާން ވީދި، މައްސަލަތައް މައްސަލަތަކުގެ މައްޗަށް ފުނިޖެހުމުން ކަށި ކުނބުރު ޖަންގައްޔެއްގައި އުޅެވޭހެން އިހުސާސް ނުވޭހެއްޔެވެ؟

ލޯ މަރައިގެން ނުފެންނަކަމަށް ހެދިޔަސް ހަގީގަތަކީ މިއީއެވެ. ރާއްޖޭގެ ހާލަތު ގޯހުން ގޯހަށް ދިޔައީ މިއަދު ނުވަތަ އިއްޔެއެއް ނޫނެވެ.

އަނިޔާވެރި ގޮތަކަށް 2017 ވަނަ އަހަރު މަރާލައިފައި އޮއްވާ ފެނުނު ބްލޮގަރު ޔާމީން ރަޝީދު---

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އާ ސަރުކާރުން އެކުލަވާލި ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ދާދި ފަހުން ދެއްކެވި ވާހަކަތައް މިކަމުގެ ހެއްކަކަށް ފުދެއެވެ.

"ފަނޑިޔާރުންގެ ސެކިއުރިޓީއަށް ބައެއް ގޭންގުތައް ބޭނުންކޮށްފައި އެބަހުރި. ބައެއް ގޭންގުތަކަށް އެބަ އޮވޭ ކޯޓާއެއް ލިބިފައި ފަނޑިޔާރުން އައްޔަން ކުރަން ބައެއް ކޯޓްތަކަށް،" ސުއޫދު ވިދާޅުވިއެވެ.

"ކްރިމިނަލް ކޯޓަށް މިވެނި ގޭންގަކުން ކޯޓާއެއް. ގޭންގުން ނޯމިޓޭޓްކުރާ ފަނޑިޔާރުން ކޯޓުތަކުގައި ތިބުން. ހިނގާފައި ހުރި ކަންތައްތައް މިއީ."

މި ވާހަކަތަކަށް ބާރު ލިބޭފަދަ ވާހަކަތަކެއް 2012 ވަނަ އަހަރު މޯލްޑިވްސް އިންސްޓިޓިއުޓް ފޯރ ސައިކޮލޮޖިކަލް ސާވިސެސް، ޓްރެއިނިން އެންޑް ރިސާޗް (މިޕްސްޓާ)އާއި އޭޝިއާ ފައުންޑޭޝަނުން ގޭންގު ހަމަނުޖެހުންތަކާ ބެހޭގޮތުން ކުރި ދިރާސާއަކުން ހާމަވެފައި ވެއެވެ.

"ސިޔާސީ މީހުންނާއި ގޭންގުތައް އާންމުކޮށް އޮންނަނީ އެކަކުގެ މައްޗަށް ބަރޯސާ ވެގެން. ގޭންގުގެ ބައެއް މެމްބަރުން އެމީހުން ކުށުން ބަރީއަވާންވެގެން ތިބެނީ ސިޔާސީ މީހުންނަށް ބަރޯސާވެގެން. ސިޔާސީ މީހުން ގޭންގުތައް ބޭނުންކުރަނީ ގޭންގުތައް ބޭނުންކުރާ އިދިކޮޅު ފަރާތްތައް ނައްތާލައި އެމީހުން ކުރީގަ އޮންނަން."

"ގޭންގުތަކަށް ބައެއް ފަހަރު އެބަ އެނގޭ ސިޔާސީ މީހުން ގަވައިދާ ހިލާފަށް ކުރާ ކަންތައްތައްވެސް. އެކަންތައްތައް ބޭނުންކުރޭ އެބަ ބްލެކް މެއިލް ކުރަންވެސް" އެ ދިރާސަގައި ބުނެފައިވެއެވެ.

މައްސަލަތަކާ މެދު އެކަށީގެންވާ ވަރަށް ދިރާސާ ނުކުރެވޭ

ގޭންގް ހަމަނުޖެހުންތަކާ ބެހޭގޮތުން ކުރި ދިރާސާއިން ނޭނގޭ ކިތަންމެ ކަމެއް ވަރަށް ސާފުކޮށް އެނގިގެން ދިޔައެވެ. ޚުދު ދިރާސާއެއްގެ އެންމެ ބޮޑު އަސްލަކީވެސް އެއެވެ.

އެ ރިޕޯޓުގައި "ގޭންގު ހަމަނުޖެހުމުގެ" އެންމެ އަޑިއަށް ފީނުމުގެ ސަބަބުން، އެ ހަމަނުޖެހުންތަކަކަކީ ކިހާ "ކޮމްޕްލެކްސް" މައްސަލަތަކެއްކަން ވަރަށް ރީއްޗަށް އެނގިގެން ދިޔައެވެ. މީގެ ކުރިން އަޅުގަނޑުމެންނަށް ހަމައެކަނި ހީވެފައި އޮންނަނީ، ސިޔާސީ ފަރާތްތަކުން ގޭންގުތަކަށް ފައިސާދީގެން ހަމައެކަނި މީހުން މަރައި މާރާމާރީތައް ހިންގަނީ ކަމަށެވެ. އެކަމުގައި ސިޔާސީ މީހުންވެސް އެމީހުން ހަރަދުުކުރާ ގޭންގުތަކުގެ ޝިކާރާއަކަށް ވެފައިވާ މިންވަރު ކުރިން އޮތީ ނޭނގިއެވެ.

މީހެއްގެ ގަޔަށް ވަޅި ހަރަން އުޅުނު ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްގެން ފުލުހުން ގެންދަނީ --- ފޮޓޯ: ކިޔުންތެރިއެއް

ގޭންގް ހަމަނުޖެހުމާ ބެހޭގޮތުން ކުރި ދިރާސާއަށް ފަހު އެފަދަ ދިރާސާތައް ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވިގެން ދިއުމަކީ، ކުރިއަށް ދިއުމުގެ ބަދަލުގައި ފަހަތަށް އެޅިގެން ދިޔަ ފިޔަވަޅެކެވެ. ގޭންގް ހަމަނުޖެހުމާ ބެހޭގޮތުން ހެދި ދިރާސާގައި އެސިސްޓެންޓް ރިސާޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަދި ކްލިނިކަލް ސައިކޮލޮޖީގެ ރޮނގުން މާސްޓާސް ހައްދަވާފައިވާ އައިމިނަތު ނަދާ ޝަރީފްވެސް އެކަމަށް އެއްބަސްވެލައްވައެވެ.

"އަސްލު ރާއްޖެގައި މާބޮޑަކަށް ކަންތައްތަކަށް ރިސާޗެއް ނުކުރެވޭ. އިޖުތިމާއީ މުހިންމު މައްސަލަތައް މި އޮންނަނީވެސް އަޅާނުލެވި ދޫކޮށްލެވިފައި. ގޭންގު ހަމަނުޖެހުމާ ބެހޭގޮތުން ހެދި ދިރާސާއަށް ފަހުވެސް ފޮލޯއަޕްއެއްވެސް ހެދިފައެއް ނެތް،" ނަދާ ވިދާޅުވިއެވެ.

ގޭންގާ ބެހޭ ގޮތުން ކުރި ފަދަ ދިރާސާތައް ކުރަން ފަންޑުވެސް ނުލިބޭކަމަށް ރާއްޖޭގެ ބައެއް ރިސާޗަރުން ބުނެއެވެ. އެ ދިރާސާއަށް ރާއްޖެގެ މުއައްސަސާތަކުންވެސް ލިބިފައިވަނީ ފިނި ތަރުހީބެކެވެ. ޚުދު ގޭންގުތަކާ ކޯޓުތަކާ އޮންނަ ގުޅުމާ ބެހޭގޮތުން ހުސްނުއްސުއޫދު ދެއްކެވި ވާހަކަތަކަށް ސުޕްރީމްކޯޓުން ވެސް ވަނީ ވަރަށް ހޫނު ރައްދެއްދީފައެވެ.

ގޭންގު ހަމަނުޖެހުމަކީ ރާއްޖެއަށް ދިމާވެފައިވާ ހަމައެކަނި އިޖުތިމާއީ މައްސަލައެއް ނޫނެވެ. އެ ލިސްޓަށް ކިތަންމެ މައްސަލައެއް އިތުރުކުރެވިދާނެއެވެ. އެ މައްސަލަތަކާ މެދު މާބޮޑު ދިރާސާއެއް ކުރެވިފައެއް ނެތެވެ.

" ގަނާ ކުރުން. ކުޑަކުދިންނަށް ކުރާ ގޯނާ މީވެސް ބޮޑެތި މައްސަލަތައް. ނެތް މާބޮޑު ދިރާސާއެއް ހެދިފައެއް،" ނަދާ ވިދާޅުވިއެވެ.

އިސްކަންދޭންވީ މުޅިން އާ މައްސަލަތަކަށް

އާ މައްސަލަތަކަކީ ގިނަފަހަރު އާންމުންނަށް އެއާ ބެހޭގޮތުން ވަރަށް މަދުން ނޫނީ މައުލޫމާތި ލިބިފައި ހުންނަ މައްސަލަތަކެވެ. އެއިން ކިތަންމެ މައްސަލައެއް ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލައި ދިރާސާ ކުރެވިދާނެއެވެ.

އިންޓަނެޓްގައި މީހުން ގުޅުންތައް އުފެދުމާ ބެހޭގޮތުން މަޝްހޫރު ފިލޯސަފަރު އެރޮން ބެން ޒިއޭވް ލިޔުއްވި "ލަވް އޮންލައިން: އިމޯޝަންސް އޮން ދަ އިންޓަނެޓް" ގެ ތައާރަފްއަކަށް ލިޔުއްވާފައިވާ ލިޔުންކޮޅަށް ބަލާލަމާހެއްޔެވެ؟

" ކޮމްޕިއުޓަރާއެކު އަޅުގަނޑުމެން މަސައްކަތް ކުރާ ގޮތް އެކަންޏެއް ނޫން، ލޯބީގެ ގުޅުންތައް އުފެދޭ ގޮތް ވެސް ބަދަލުވެއްޖެ. މިއީ މިހާރު އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބައެއް. އެކަމަކު މިފަދަ ގުޅުންތަކާ މެދު އަޅުގަނޑުމެންނަށް އެނގެނީ ހަމަ ވަރަށް ކުޑަކުޑަ މައުލޫމާތުކޮޅެއް،" އާރޮން ވިދާޅުވެފައިވެއެވެ.

" އޮންލައިން ގުޅުމާ އަސްލު ގުޅުމާ ތަފާތު ހުރޭތަ؟ އޮންލައިންކޮށް ހިނގާ "ނޭދެވޭ ގުޅުން" އެއީ ބޭވަފާތެރިވުންތަ؟ ނުދަންނަ މީހުންނަށް ތިމާގެ އެންމެ މުހިންމު ސިއްރުތައްވެސް ކިޔައިދޭން ފަސްނުޖެހެނީ ކީއްވެ؟ އޮންލައިން ގުޅުމުގެ ސަބަބުން ހަގީގީ ގުޅުންތަކާ މެދު މީހުން ދެކޭގޮތް ބަދަލުވާނެތަ؟"

މީސް މީޑިއާގެ ވަސީލަތްތަކުގެ ސަބަބުން އެކަކު އަނެކަކަށް ބޭވަފާތެރިވުމުގައި މުހިންމު ދައުރެއް އަދާކުރާކަމަށް ދިރާސާތައް ބުނޭ---

އޮންލައިން ފަދަ ވަސީލަތްތަކަށް ރާއްޖެ ފަދަ ގައުމުތަކަށް އަދި ވަރަށް އަލެވެ. ގިނަ މީހުންނަށް އަސްލު "ދުނިޔޭގައި" މީހުން މުއާމަލާތް ކުރާގޮތާއި އޮންލައިންކޮށް ކުރާ މުއާމަލާތާ ވަރަށް ބޮޑަށް ތަފާތުކަން އޮންނަނީ ނޭނގިފައެވެ.

އަސްލު ދުނިޔޭގައި ބުނެގެން ނުވާނެ ކިތަންމެ އެއްޗަކާއި ކަންތައްތައް އެއްވެސް ޖެހިލުމެއްނެތި އޮންލައިންކޮށް ބުނެ ހަދައެވެ. މަޖިލީހުގެ މެމްބަރުންތަކެއް އޮންލައިންކޮށް ވަރަށް "ލަދުވެތިގޮތަކަށް" އުޅުއްވަނިކޮށް ފަލީހަތްވި ހަނދާން ދުރުހެއްޔެވެ؟

" ފޭސްބުކުގެ ސަބަބުން އަހަރެންގެ އަންހެނުންނާ ވަރަށް ބޮޑަށް މައްސަލަ ޖެހޭ. އަންހެނުން ރުޅިއަންނާނެ އަހަރެން އެހެން އަންހެންކުއްޖެއްގެ ފޮޓޯއަށް ލައިކް ކޮށްލިޔަސް. ކިތަންމެ ބަޔަކު ފޭސްބުކާ ހުރެ ކުރީގެ ބިޓުންނަށް މެސެޖުކޮށް ހަދައިގެން ވަރިފަށަށް ވެސް އަރާ،" މީސް މީޑިއާ ބޭނުންކުރާ މީހަކު ބުންޏެވެ.

އޮންލައިންގެ ސަބަބުން ދިމާވާ މައްސަލަތަކުގެ އިތުރުން މުޅިން އަލަށް ރާއްޖެއިން ފެންނަމުންދާ ކިތަންމެ މައްސަލައެއް އެބަހުއްޓެވެ. ސިޔާސީ ގޮތުން ހަލަބޮލިވުމުގެ ސަބަބުން ރާއްޖޭގެ ކިތަންމެ ބަޔަކަށް ކުރެވޭ ނުކުރެވޭ ކަންތައްތައް ނޭނގޭ ދަރަޖައަށް ކަންތައްތައް ގޮސްފައިވާކަން އެނގޭ ހެއްޔެެވެ؟

ސިޔާސީ ގޮތުން ހަލަބޮލިވުމުގައި ތިމާގެ ދޫ ކިހާ މުހިންމު ދައުރެއް އަދާކުރާކަން އެނގޭ ހެއްޔެވެ؟ ސިޔާސީ މީހުން ޕޯޑިއަމްތަކުގައި ދައްކާ ވާހަކަތަކާ ހުރެ މީހުން ލޭ ހޫނުވެ ސިފައިންގެ އަގުބޮޑު ވެހިކަލްތައް ފަދަ ވެހިކަލްތަކުގައި ރޯ ކޮށްލާކަން އެނގޭހެއްޔެވެ؟ އެމެރިކާ ފަދަ ގައުމުތަކުގައި ޑޮނަލްޑް ޓްރަމްޕް ފަދަ ވެރިންގެ ވާހަކަދެއްކުންތެރިކަން ހުންނަގޮތުން އެގައުމުގައި ހަމަނުޖެހުން އުފެދޭތީ އެކަން ދިރާސާކުރާއިރު ރާއްޖޭގައި ވަކި ދިރާސާނުކުރެވޭންވީ ކީއްވެ ހެއްޔެވެ؟

" ހަޑި" ވާހަކަތައްވެސް ދައްކައި ދިރާސާކުރަން ޖެހޭ

ކޮންމެ މުޖުތަމައުއެއްގައިވެސް އެ މުޖުތަމައެއްގައި "ޓެބޫ" ނުވަތަ ދައްކަން ފަސްޖެހޭ ވާހަކަތައް ހުރެއެވެ. އެފަދަ ވާހަކަތަކަކީ ހަޑި ވާހަކަތަކެއް ކަމަށް އެއްބަޔަކު ބުނާއިރު އަނެއްބައި ވާހަކަތަކަކީ އެ ވާހަަކަތައް ދެއްކުމުން މުޖުތަމައު ހަލަބޮލިވެދާނެ ކަމަށް ބަލައި ނުދައްކާ ވާހަކަތަކެކެވެ.

އޭގެ މިސާލަކަށް "ޕިޑޮފީލިއާ" ނުވަތަ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަ ނަގަމާތޯއެވެ؟ އެ މައްސަލައިގައި މީގެ ކުރިންވެސް އަދި މިހާރުވެސް ރާއްޖޭގައި އެންމެ ބޮޑަށް އަލިއަޅުވާލައިފައި އޮންނަނީ ކުޑަކުދިންނަށް އެކަންޏެވެ. އެ އަމަލު ހިންގާ މީހުންނާ ދޭތެރޭ މާބޮޑަކަށް ވިސްނާ ފިކުރު ކުރުމެއް ނެތެވެ. އެފަދަ މީހުން އެފަދަ "މީހުންނަށް" ވެގެން ދިޔައީ ކީއްވެގެންތޯ އެއްވެސް ވަރަކަށް ދިރާސާކުރެވިފައެއް ނެތެވެެ.

" އަޅުގަނޑުމެން ތެރެޕީ ދޭއިރު މިގެންގުޅެނީ ހޮލިސްޓިކް އެޕްރޯޗެެއް. އެބަ ބަލަން އެފަދަ މީހަކަށް އޭނާ ވެގެން ދިޔައީ ކީއްވެގެންތޯ. އެމީހާ އެހެންވުމުގައި މާހައުލާއި، އާއިލާއާއި އޭނާއަށް ދިމާވި ހާދިސާތައް ބަލަން،" ނަދާ ވިދާޅުވިއެވެ.

" އަޅުގަނޑުމެން ބަލާލާއިރު އެފަދަ ބައެއް މީހުންނަކީވެސް އެމީހުން ކުޑައިރުވެސް ޖިންސީގޯނާގެ ޝިކާރައަކަށް ވެފައިވާ މީހުން. އެމީހުންނަކަށް އެއްވެސް ވަރަކަށް އަޅާނުލެވި އެމީހުންނަކީވެސް ކުޑަކުދިންނަށް ގޯނާ ކުރާމީހުންނަށް ވެފައެބަހުރި."

ކުޑުކުދިންގެ މައްސަލަތަކުގެ އިތުރުން "ޕޯނޮގްރަފީ" މައްސަލައަކީ ވަކި ކުޑަ މައްސަލައެއް ނޫނެވެ. ޕޯންއާ ބެހޭގޮތުން ރާއްޖޭގައި ދިރާސާއެއް ހެދިފައެއް ނެތްނަމަވެސް ރާއްޖޭގެ ގިނަ ބަޔަކު ޕޯންބަލާކަން އެންމެންނަށްވެސް އެނގެއެވެ. ޚުދު އެންމެ ކުރިއަރައިފައިވާ ގައުމުތަކުގައިވެސް އެކަން ހައްދުން ނައްޓައިގެން ދިއުމުގެ ސަބަބުން އެކަން ކޮންޓްރޯލްކުރުމަށް ދަނީ ފިޔަވަޅު އަޅަމުންނެވެ. އޭގެ ސަބަބުން މުޖުތަމައު ހަލާކުވަމުންދާކަން އެންމެންނަށްވެސް އެނގެއެވެ.

" އަޅުގަނޑުގެ ފިރިމީހާ އަބަދު ޕޯން ބަލަނީ. އޭގެ ސަބަބުން ކައިވެނީގެ ގުޅުމަށްވެސް އަސަރުކުރޭ. ހުއްޓުވޭތޯ ލައްކަ މަސައްކަތް ކުރެވިއްޖެ. އަޅުގަނޑަށް ހީވަނީ އަޅުގަނޑަށް ފިރިމީހާގެ އެދުންތަކަށް ރަނގަޅަށް އިޖާބަ ނުދެވޭހެން،" ރާއްޖޭގެ ޝެއިހެއް ހިންގާ ވައިބާ ގްރޫޕެއްގައި އަންހެނަކު ކޮށްފައިވާ ސުވާލެއްގައި ވެއެވެ.

ޕޯނޯގްރަޕީ ފަދަ މައްސަލައަކީ އިޖުތިމާއީގޮތުން ކިހާބޮޑު މައްސަލަތަކެއް ކަމެއް ރާއްޖޭގެ ގިނަ މީހުންނަށް އޮންނަނީ ނޭނގިއެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ އެއީ މީހުން ދައްކަން ފަސްޖެހޭ މައްސަލައަކަށް ވުމެވެެ.

ނަމަވެސް ވިސްނާލަމާތޯއެވެ؟ ޖިންސީ ގުޅުމަކީ ވަރަށް މާތް މަގުސަދެއް އޭގައި އެކުލެވޭ ކަމެކެވެ. ނަމަވެސް ތޭރަ ސާދަ އަހަރުގައި ކުޑަކުއްޖަކު ޕޯން ބަލައި އެއަށް ދެވިހިފައިފި ނަމަ އޭނާގެ ހަގީގީ އެންމެ ޒުވާން ފުރައަށް އަރައި ކައިވެނީގެ ގުޅުމާ ހިސާބަށް ދާއިރު ޖިންސީ ގުޅުމުގެ ހަގީގީ މާނަ އޮންނާނީ އޮޅުން ބޮޅުމެއްގެ ތެރޭގައި ނޫން ހެއްޔެވެ؟

" ޓެބޫ ޓޮޕިކްސްތަކަކީ ވަރަށް ސެންސިޓިވް ޓޮޕިކްތަކެއް. އެކަމަކު އެވާހަކަ ނުދައްކައި އޮވެގެންވެސް ކަމަކު ނުދާނެ. އަސްލު ކޮންމެވެސް ވަރަކަށް ދައްކައިގެން ކަން ނޭނގެ ރަނގަޅު ވާނީ. ނަަމަވެސް ވަރަށް ވިސްނައިގެން އެފަދަ ވާހަކަތައް ދައްކަން ޖެހޭނީ." ނަދާ ވިދާޅުވިއެވެެ.

ދިރާސާތަކުގެ ކުރިމަގު އޮތީ ކިހިނެއް؟

އިޖްތިމާއީ ބޮޑެތި މައްސަލަތައް ރާއްޖޭގައި ދިރާސަތައް ނުކުރެވި އޮތްނަމަަވެސް އެކަމަށް އަލިމަގެއް ލިބޭނެކަމުގެ ފެހި ސިގްނަލެއެއް ވަނީ ލިބިފައެވެ.

ސައިކޮލޮޖިސްޓް ނަދާ ވިދާޅުވީ ކުރިމަގުގައި އެކި ދިރާސާތައް ހެދުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.

" މިމަހު ފަހުކޮޅު އަޅުގަނޑު އިސްވެ ހުރެ އެބަހުޅުވަން" ތިބާ ސައިކޮލޮޖީ" ކިޔާ ކްލިނިކެއް. އެތަނުން އެކި އެކި އިޖުތިމާއީ މައްސަލަަކަށް ދިރާސާ ހަދާނަން" ނަދާ ވިދާޅުވިއެވެ.

އިޖުތިމާއީ މައްސަލަތައް ގިނަ މިރާއްޖޭގައި މިވީހާ ދުވަހުވެސް އެކަމަށް މާބޮޑު އަޅާލުމެއް ނެތި އެކަން އޮތްގޮތަށް ދޫކޮށްލައިފައި އޮތީއެވެ. ގައުމުގެ " އެއް ފަޅި ވާގިނެތޭ" ހިސާބަށް ދިޔައިރުވެސް ދިރާސާތައް ނުކުރެވި އެ އޮތްގޮތަށް އޮތީއެވެ. އިޖުތިމާއީ މައްސަލަތައް ފުނިޖެހިގެން ގޮސް "ކަށިކުނބުރު ޖަންގައްޔަކަށް" ރާއްޖެވެގެން ދިއުމުގެ އެންމެ ބޮޑު އަަސްލަކީ އެއެވެ. ކުރިމަގުގައި ރާއްޖެއިން ބޭނުންވަނީ އެ ވިހަގަދަ ކަށިތަކުން ގައުމު އެއްފަރާތް ކޮށްދޭނެ ގޮތެކެވެ. ރަނގަޅު ދިރާސާތަކެއް ކޮށް ހަރުދަނާ ސިޔާސަތުތަކެއް ގާއިމުކުރުމެވެ. މީހުން ހޭލުންތެރިކުރުވުމެވެ. ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމެވެ. ގާނޫނުތަކާއި ގަވާއިދުތައް، ވަކިމީހަކު ތަފާތުކުރުމެއް ނެތި އެންމެންގެ މައްޗަށްވެސް ފުރިހަމައަށް ތަންފީޒުކުރުމެވެ.

comment ކޮމެންޓް