މުންޑޫ ކައުންސިލްގެ ނާއިބު ރައީސް ހައްޔަރުކޮށްފި

ލ. މުންޑޫ: ސަން ފައިލް ފޮޓޯ

އަންހެނަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ލ. މުންޑޫ ކައުންސިލްގެ ނާއިބު ރައީސް އާދަމް ނާސިފާއި އިތުރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

އެ ދެ މީހުން ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.

މުންޑޫ ކައުންސިލްގެ މެމްބަރަކު ރޭ "ސަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ ރޭ އިރާކޮޅުގެ ވަގުތެއްގައި ކަމަށާއި އެ މައްސަލާގައި ތުހުމަތު ކުރެވެނީ ކައުންސިލްގެ ނައިބު ރައީސް ނާސިފަށް ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭގެ މާރާމާރީއާ ގުޅިގެން ދެ ފިރިހަނަކު ރޭ މުންޑޫން ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މުންޑޫ ކައުންސިލް މެމްބަރު ވިދާޅުވީ އެ އަންހެން މީހާ ރޭ 9:00ގައި މުންޑޫ ސިއްހީ މަރުކަޒަށް ގެންދިޔުމުން އެ އަތޮޅު ގަމު ރީޖިނަލް ހޮސްޕިޓަލަށް ގެންދިޔުމަށް ލަފާދިން ކަމަށެވެ. ސަބަބަކީ އެ އަންހެން މީހާގެ ބޮލަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ކަމަށާއި މިހާރު އޭނާ އަށް ގަމު ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

ކައުންސިލް މެމްބަރު ވިދާޅުވީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކައުންސިލްގެ ނައިބު ރައީސް ނާސިފާއި އެ އަންހެން މީހާއާ ދެމެދު އެ ރަށު ބަނދަރު ސަރަހައްދުގައި ޒުވާބެއް ހިނގި ކަމަށެވެ.

ކައުންސިލްގެ ނައިބު ރައީސްގެ އިތުރުން ދެން ހައްޔަރު ކުރީ ކާކު ކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

comment ކޮމެންޓް