ގްރީން ސްޓްރީޓްސްގެ ކޯޗަކަށް ސުޒޭން ހަމަޖައްސައިފި

ސުޒޭން ގްރީން ސްޓްރީޓްސްގެ ކޯޗުކަމާއި ހަވާލުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ގްރީން ސްޓްރީޓްސް

ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗުކަމުގެ މަގާމަށް ރާއްޖޭގެ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ގިނަ ކުލަބުތަކަކަށް ކޯޗުކަން ކޮށްދީފައިވާ ސުޒޭން ވަނީ މިދިޔަ ސީޒަނުގައި ގދ. ތިނަދޫގެ ކޯޗުކަމާ ޕްރިމިއަ ލީގުގެ ދެވަނަ ބުރާ ހިސާބުން ހަވާލުވެ، އެ ޓީމު ލީގުގެ ގަދަ ހަތަރަކަށް ގެންގޮސްދީފައެވެ.

ފާއިތުވި ސީޒަންގައި ގްރީން ސްޓްރީޓްސްއަށް އިރުޝާދު ދިން ގައުމީ ޓީމްގެ ކުރީގެ ޑިފެންޑަރު ސޮބާހު މުހައްމަދު (ސޮބާ) އެވެ. ސޮބާގެ އިރުޝާދުގެ ދަށުން މާލޭ ލީގުގެ ދެވަނަ އެޓީމުން ހޯދި ނަމަވެސް ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ފުރުސަތެއް ނުލިބުނެވެ. އަދި ލީގަށްފަހު ޕްރެޒިޑެންޓްކަޕާއި، އެފްއޭކަޕްގެ ކުރިން ސޮބާ ވަނީ ގްރީންގެ ކޯޗު ކަމުން އިސްތިއުފާ ދީފައެވެ.

މިދިޔަ ސީޒަންގައި ގްރީންއަށް ކުޅުނު ބައެއް ކުޅުންތެރިން މިހާރު ވަނީ އެކްލަބް ދޫކޮށް މާޒިޔާ ފަދަ ބޮޑެތި ކުލަބުތަކަށް ބަދަލުވެފައެވެ. އޭގޮތުން އަހުމަދު ހަސަން (އައްމަޑޭ) އާއި ފޯވަޑް އަހްމަދު ނިޒާމް (ނިޒާމްބެ) ވަނީ އަންނަ އަހަރަށް މާޒިޔާ އަށް ސޮއި ކޮށްފައެވެ.

ގްރީންގެ ކޯޗަކަށް ހަމަޖެއްސި ސުޒޭނަކީ ވިކްޓަރީ ސްޕޯޓްސް ކްލަބު އަދި މާޒިޔާ ސްޕޯޓްސް ކްލަބަށް ވެސް އިރުޝާދުދިން ކޯޗެކެވެ. އެގޮތުން ސުޒޭންގެ ކޯޗިން ކެރިޔަރުގައި އެންމެ ކާމިޔާބު ދުވަސްތަކެއް ހޭދަކުރީ މާޒިޔާގަ އެވެ. މާޒިޔާގެ ކޯޗުކަމުގެ މަގާމު 2013 ވަނަ އަހަރުން ފެށިގެން 2016ގެ ނިޔަލަށް އަދާކުރި ސުޒޭން ވަނީ އެ ކްލަބަށް ދިވެހި ޕްރިމިއާ ލީގު 2016 އާއި ޕްރެޒިޑެންޓްސް ކަޕް 2015 އާއި ޗެރިޓީ ޝީލްޑް 2015 އަދި އެފްއޭ ކަޕް 2014 ހޯދައިދީފަ އެވެ.

comment ކޮމެންޓް