ފީފާ ރޭންކިންގައި ރާއްޖެއަށް ދެ ދަރަޖައިގެ ކުރިއެރުމެއް

އޭޝިއަން ކަޕް ކޮލިފައިންގައި އޮމާން އާ ދެކޮޅަށް ނިކުތް ގައުމީ ފުޓްބޯޅަ ޓީމު-- ސަން ފައިލް ފޮޓޯ

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން މިއަދު އިއުލާނުކުރި ޑިސެމްބަރު މަހުގެ ރޭންކިންގައި ރާއްޖެއަށް ދެ ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެއެވެ.

ކޮންމެ މަހަކު އެއްފަހަރު ނެރޭ ރޭންކިންގައި ރާއްޖެއަށް މިފަހަރު ލިބިފައިވަނީ ދެ ދަރަޖައިގެ ކުރިއެރުމަކާއެކު 155 ވަނައެވެ. ސާކް ސަރަހައްދުގެ އެއްވަނަ މިފަހަރު ވެސް އަވަށްޓެރި އިންޑިއާއިން ހޯދިއިރު މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ދަށުން ރޭންކް ކުރެވިފައިވަނީ ޕާކިސްތާނެވެ. އެގޮތުން 105 ވަނައިގައި އިންޑިއާ ރޭންކް ކުރެވުނުއިރު ޕާކިސްތާން ރޭންކް ކުރެވިފައި ވަނީ 201 ވަނައިގައެވެ.

މިދިޔަ ފަހަރު ވެސް އެއްވަނާގައި އޮތް ޖަރުމަނުން މިއަހަރު ނިންމާލާނީ ދުނިޔޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ރޭންކިންގެ ދެ ވަނައިން ފެށިގެން ދިހަ ވަނަ އާއި ހަމަޔަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ދެވަނައިގައި ބްރެޒިލް އޮތްއިރު ތިންވަނައިގައި އޮތީ ޕޯޗުގަލްއެވެ. ހަތަރުވަނައިގައި އާޖެންޓީނާ އޮތްއިރު ފަސްވަނައިގައި އޮތީ ބެލްޖިއަމެވެ.

އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކް ކުރެވިފައިވަނީ 23 ވަނަ ލިބުނު ސެނެގޯލެވެ. އުތުރު އެމެރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކު ކުރެވިފައި ވަނީ 16 ވަނައިގަ އޮތް މެކްސިކޯއެވެ. ހަމައެހެންމެ ދެކުނު އެމެރިކާގެ އެންމެ މަތީ ރޭންކިން ދެވަނައިގައި އޮތް ބްރެޒިލްއަށް ލިބޭއިރު އޭޝިއާގެ އެންމެ މަތީގައި ރޭންކް ކުރެވިފައި ވަނީ 32 ވަނައިގައި ރޭންކް ކުރެވިފައިވާ އީރާންއެވެ. އޯޝޭނިއާގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކް ކުރެވިފައިވަނީ 121 ވަނައިގައި ރޭންކް ކުރެވިފައި އޮތް ނިއުޒިލޭންޑެވެ.

މިފަހަރުގެ ރޭންކިންގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދީ އޯޝޭނިއާގެ ގައުމެއް ކަމަށްވާ ވަނުއާޓޫއެވެ. އެ ޓީމުން 28 ދަރަޖައިގެ ކުރިއެރުމެއް ހޯދިއިރު 13 ދަރަޖައިގެ ވެއްޓުމަކާއެކު އެންމެ ބޮޑު ވެއްޓުމެއް މިފަހަރު ލިބިފައިވަނީ މެދުތެރޭ އެމެރިކާގެ ގައުމެއް ކަމަށްވާ ނިކަރަގުއާއަށެވެ.

comment ކޮމެންޓް