އިންވެސްޓް ފޯރަމް ދުބާއީގައި ފައްޓައިފި

ނައިބް ރައީސް އަބްދުﷲ ޖިހާދު ފޯރަމްގައި ވާހަކަ ދައްކަވަނީ -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ބޭރުގެ ފަރާތްތަކަށް އަންގައިދީ އިންވެސްޓްމަންޓްގެ ފުރުސަތުތައް އިތުރުކުރުމަށް ޓަކައި ރާއްޖެ އިން ބާއްވަމުން އަންނަ އިންވެސްޓްމަންޓް ފޯރަމް މިއަދު ދުބާއީގައި ފައްޓައިފި އެވެ.

ދުބާއީ އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގެ ޝެއިހް މަހްތޫމް ހޯލްގައި އިންވެސްޓްމަންޓް ފޯރަމް ފައްޓަވައި ދެއްވީ ނައިބް ރައީސް އަބްދުﷲ ޖިހާދު އެވެ.
މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގެ ހަތަރު ވަނަ ބުރު ފެށުމުގެ ރަސްމިއްޔާތު -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ
ދެ ގައުމުގެ ވަޒީރުންނާ އެކު އެ ފޯރަމް ފެށުމުގެ ގޮތުން ޔޫއޭއީގެ އިކޮނޮމިކް މިނިސްޓަރު ސުލްތާން ބިން ސައީދު އަލް މަންސޫރާއި ދުބާއީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ވައިސް ޗެއާމަން މާޖިދު އަލް ޝަމްސްގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވާހަކަފުޅު ދެއްކެވި އެވެ.
ޔޫއޭއީގެ އިކޮނޮމިކް މިނިސްޓަރު ސުލްތާން ބިން ސައީދު އަލް މަންސޫރުގެ ވާހަކަފުޅުގައި ރާއްޖޭގެ ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ދިރާސާ ކުރުމަށް ޝައުގުވެރިކަން ހުރިކަން ފާހަގަ ކުރެއްވި އެވެ.
މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގެ ހަތަރު ވަނަ ބުރު ފެށުމުގެ ރަސްމިއްޔާތު -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ޖުމްލަ 350 މީހުން ނާ އެކު ފެށި އެ ފޯރަމް ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ ދެ ގައުމުގެ ވަޒީރުން ބައިވެރިވެވަޑައިގެން ބާއްވާ އިފްތިތާހީ ސެޝަނާއި ދިވެހި ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކާއި މަޝްވަރާކޮށް މާކެޓް ކުރުމަށް ބާއްވާ ސެޝަނުގެ އިތުރުން ގާލާ ޑިނާއެއް ހިމެނޭ ގޮތަށް ކަމަށް އިކޮނަމިކް މިނިސްޓްރީ އިން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ފޯރަމްގައި ހުޅުމާލޭގެ ޔޫތު ސިޓީގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާއި ރީޖަނަލް އެއާޕޯޓްތައް ތަރައްގީ ކުރުމަށް ހުރި ފުރުސަތުތަކާއި އިންވެސްޓްމަންޓް ބޭންކުތަކަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫމާތު ދޭނެ ކަމަށެވެ.

މީގެ ކުރިން ވަނީ ތިން އިންވެސްޓްމެންޓް ފޯރަމެއް ބާއްވައިފަ އެވެ. އެއީ، މިިދިޔަ އަހަރު އިންޑިއާގައި ބޭއްވި ފޯރަމާއި 2015 ވަނަ އަހަރު ޗައިނާގައި ބޭއްވި ފޯރަމާއި 2014ގައި ސިންގަޕޫރުގައި ބޭއްވި ފޯރަމެވެ.

comment ކޮމެންޓް