އެފްއޭއެމުން ބޭނުންވެއްޖެ ނަމަ، އިސްތިއުފާ ދޭން ތައްޔާރު: ސްޓެވާޓް

ގައުމީ ޓީމުގެ ކޯޗު ޑެރަން ސްޓެވާޓް: އެފްއޭއެމްގެ ކޮމިޓީއަކަށް ހާޒިރުވާން ޖެހިއްޖެ ނަމަ، އެކަމަށް ވެސް ތައްޔާރު ކަމަށް ގައުމީ ކޯޗު ބުނޭ -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބޭނުންވެއްޖެ ނަމަ، އިސްތިއުފާ ދޭން ތައްޔާރަށް ހުރި ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑެރަން ސްޓެވާޓް ބުނެފި އެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރޭ ފަލަސްތީނާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން ރާއްޖޭގެ ޓީމު ވަނީ 8-1 ލަނޑުގެ ބޮޑު ތަފާތަކުން ބަލިވެފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ގައުމީ ކޯޗު ބުނީ، މެޗުން ބަލިވުމުން އެކަމުގެ ނަތީޖާގެ ޒިންމާ ނަގާ ކަމަށާއި ކޮމިޓީއަކަށް ހާޒިރުވާން ޖެހިއްޖެ ނަމަ، އެކަމަށް ވެސް ތައްޔާރަށް ހުރި ކަމަށެވެ. އަދި ވަޒީފާ ގެއްލުނަސް، ކުޅުންތެރިން ބަދުނާމު ނުކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"ދިގު ދަތުރަކަށް ފަހު، ކުޅުންތެރިން ކުރި ބުރަ މަސައްކަތް ފެނިއްޖެ. މެޗުގެ ނަތީޖާއަށް އަހަރެން ޒިންމާ ނަގާނަން. އެކަމުގެ ސަބަބުން ކޮމިޓީއަކަށް ހާޒިރުވާން ޖެހުނަސް، އެކަމަށް ތައްޔާރު. އަހަރެންގެ ވަޒީފާ ގެއްލުނަސް، ކުޅުންތެރިން ބަދުނާމެއް ނުކުރާނަން. އެފްއޭއެމުން ބޭނުންވެއްޖެ ނަމަ، އެއްވެސް ޝަކުވާއެއް ނެތި ޓީމު ދޫކޮށްލާނަން،" އޭނާ ބުންޏެވެ.

ގައުމީ ކޯޗު ބުނީ، ފަލަސްތީނު އަތުން ބޮޑު ނަތީޖާއަކުން ބަލިވީ ރާއްޖޭގެ ޑިފެންސް ލައިނަށް ހެދުނު ގޯސްތަކުގެ ސަބަބުން ކަމަށާއި ފަލަސްތީނުން ޖެހި ހަ ގޯލަކީ ރާއްޖެ އިން ހަދިޔާއެއްގެ ގޮތުގައި ދިން ގޯލުތަކެއް ކަމަށެވެ. އަދި މި ނަތީޖާއަށް ވުރެ ރަނގަޅު ނަތީޖާއެއް ރާއްޖެއަށް ނެރެވެން ޖެހޭނެ ކަމަށް ވެސް ގައުމީ ކޯޗު ބުންޏެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ނުކުންނަން ޖެހޭނީ ބޫޓާންއާ ދެކޮޅަށެވެ. އަންނަ އަހަރުގެ މާޗް މަހު ކުޅޭ އެ މެޗަކީ ރާއްޖޭގެ ހޯމް މެޗެކެވެ. ރާއްޖެ އާއި ބޫޓާނަށް ކޮލިފައިންގެ ޖާގަ ގެއްލިފައިވާ އިރު، 'ގްރޫޕް ޑީ'ގެ ޖާގަތައް ކަށަވަރުކޮށްފައި ވަނީ ފަލަސްތީނާއި އޮމާނެވެ.

comment ކޮމެންޓް