މޮނިކޮން އަމުރުގެ ދަށުން އަށް މީހަކު އެބަ ބަލަހައްޓަން: ފުލުހުން

މީހެއްގެ ފައިގަ ޓެގް އަޅުވާފަ-- އެނިޒާމުގެ ސަބަބުން ކުށްވެރިން ކޮންޓުރޯލް ކުރެވޭ-- ފޮޓޯ: ފުލުހުން

މުޖުތަމައުއަށް ނުރައްކާތެރި މީހުން، ބަލެހެއްޓުމަށްޓަކައި ހައި ކޯޓުން ކުރި އަމުރުގެ ދަަށުން އަށް މީހަކު ޓެގް އަޅުވައިގެން ބަލަހައްޓަމުން ގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ މި ނިޒާމުގެ ތެރެއިން އަށް މީހެއްގެ ފައިގައި މިހާރު ޓެގު އަޅުވާފައިވާ ކަމަށާއި ޓެގު އެޅުވުމަށް އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސޯޅަ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެދިނުމަށް ހައި ކޯޓުގައި އެދުމަށް ހޯމް މިނިސްޓްރީގައި ފުލުހުން އެދުނެވެ. ނަމަވެސް މޮނިކޮން އަމުރާ ގުޅޭ ކޮމެޓީން ހުއްދަ ދޭން ނިންމީ ނުވަ މީހަކަށް މޮނިކޮން އަމުރު ނެރެން ހައިކޯޓަށް ހުށަހެޅުމަށެވެ.

ފުލުހުން މީގެ ކުރިން ބުނެފައި ވަނީ ނުވަ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރުމަށް ހައިކޯޓުގައި އެދިފައިވާ ކަމަށެވެ.

މުޖުތަމައުއަށް ނުރައްކާތެރި ކުށްވެރިންގެ ގައިގައި ޓެގު އެޅުވުމުން، ފުލުހުންގެ އިދާރާގައި ހުންނަ ސިސްޓަމެއް މެދުވެރިކޮށް، އެ މީހުން އުޅޭ ގޮތް ބެލޭނެ އެވެ.

މޮނިކޮން އަމުރުގެ ދަށުން ޓެގު އަޅުވާފައިވާ މީހުން ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުދިއުމަށާއި، ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުމާއި އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދެވޭނެ އެވެ. އަދި އެ މީހުންގެ ޒާތީ ދިރިއުޅުމުގެ ކަންކަން ބަލައި، މޮނީޓާ ކުރުމުގެ ބާރު ވެސް ފުލުހުންނަށް ލިބިގެންވެ އެވެ. އެގޮތުން އެ މީހުންގެ މުއާސަލާތީ މުއާމަލާތްތައް ކޮންޓްރޯލްކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެ އެވެ.

comment ކޮމެންޓް