ނަޝީދުގެ ވެރިކަން ބަދަލުވުމުން، ކުރިމަތިވީ ފަސޭހަ ހާލަތެއް ނޫން: އާޒިމާ

އައިޝަތު އާޒިމާ ޝަކޫރު: "ދެ ދުވަހުން އެއް ދުވަހު" ވެރިކަން ވައްޓަން ނުކުންނާކަން ނުވާނެ ކަމަށް ވިދާޅުވި--- ސަން ފައިލް ފޮޓޯ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިއުމުން ގައުމަށް ކުރިމަތިވީ ފަސޭހަ ހާލަތެއް ނޫން ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.

އާޒިމާ އެހެން ވިދާޅުވީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އިސްނަންގަވައިގެން، "ކަނބަލުންގެ މަހާސިންތާ" ފެށުމުގެ ގޮތުން ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާޒިމާ ވިދާޅުވީ ދެ ދުވަހުން، އެއް ދުވަހު، ސަރުކާރު ބަދަލުވުމުން ކުރިމަތިވި ކަންތައްތައް އެކަމަނާ ތަޖުރިބާކޮށްފައިވާ ކަމަށާއި ރިޔާސީ ދައުރު ފުރިހަމަ ނުކުރެވި އުޅެނިކޮށް، ވެރިކަން ބަދަލުކޮށްލުމުން ފައިދާއެއް ނުވާނެ ކަމަށެވެ.

"2012ގައި ގައުމެއްގެ ވެރިކަން ބަދަލުވީމަ އޮތް ހާލަތު އަޅުގަނޑުމެން އެންމެ ތަހަންމަލު ކުރިން. އެއީކީ ފަސޭހަ ހާލަތެއް ނޫން އެއްވެސް ގޮތެއްގައި،" ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ބަންޑާރަ ނައިބުގެ މަގާމު ފުރުއްވަމުން ގެންދަވަނިކޮށް، އިތުބާރު ނެތް ކަމުގެ ވޯޓަކުން މަގާމުން ވަކިކުރި އާޒިމާ މިރޭ ވިދާޅުވި އެވެ.

"އެއްވެސް ބޭފުޅަކަށް އޮތް ހައްގެއް ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެ 'ޑިސެޓެބިލިޓީ' ގެނައުމަކީ. އޭގެއިން އެއްވެސް މީހަކަށް ވާނެ ފައިދާއެއް އޮންނާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ."

އާޒިމާ ވިދާޅުވީ ސަރުކާރެއް ބަލިކަށި ކުރުމަކީ ގައުމަށް ލިބޭ ފައިދާއެއް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް ކޮށްދެވޭ ފައިދާއެއް ވެސް ނޫން ކަމަށެވެ.

ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއަށް ގައުމު ދޫކޮށްލުމަކީ ތަރައްގީގެ ވަގުތު ބޭކާރުކޮށްލުން ކަމަށާއި ސިޔާސީ ހަނގުރާމައާ ހުރެ، 2004 ވަނަ އަހަރުން ފެށިގެން ފައިދާ ހުރި އިންވެސްޓުމަންޓުތަކެއް ގައުމަށް ގެނެވިފައި ނުވާ ކަމަށް އާޒިމާ ވިދާޅުވި އެވެ.

"އެހެންވީމަ ސަރުކާރު ވަރުގަދަ ވާންޖެހެނީ. އެހެންވީމަ ގައުމުގެ 'ސްޓެބިލިޓީ' އޮންނަން ޖެހެނީ. އެހެންވެގެން އަޅުގަނޑުމެން ދެ ދުވަހުން އެއް ދުވަހު މަގުމައްޗަށް ނުކުމެ ސަރުކާރު ވައްޓާލަން ނޫޅެންވީ،" ގާނޫނީ ވަކީލު އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވަނީ ނަޝީދުގެ ސަރުކާރާ ދެކޮޅަށް 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު މާލޭގައި ކުރި ސިލްސިލާ މުޒާހަރާތަކުގެ އިސް ސަފަށް ނުކުމެވަޑައިގެން، ސަރުކާރާ ދެކޮޅަށް އަޑު އުފުލާފަ އެވެ. އަދި އެ ދުވަސްވަރު މުޒާހަރާތަކުން ހައްޔަރު ކުރި މީހުން މިނިވަން ކުރުމަށްޓަކާ، ގާނޫނީ ވަކީލެއްގެ ރޯލު ވެސް އޭނާ އަދާ ކުރެއްވި އެވެ.

ސިލްސިލާ މުޒާހަރާތަކަށްފަހު ނަޝީދުގެ ވެރިކަން ބަދަލުވީ، ދައުރުގެ މެދު ތެރެއިން ފެބްރުއަރީ 7، 2012، އެވެ. އެ ދުވަހުގެ މެންދުރު ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވަމުން ނަޝީދު ވިދާޅުވެފައި ވަނީ ރައީސް ކަމުގައި ހުރެއްޖެނަމަ ރާއްޖޭއަށް އިތުރު ގެއްލުންތަކެއް ކުރިމަތިވެދޭނެތީ އިސްތިއުފާ ދެއްވީ ކަމަށެވެ.

ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުން، ރައީސްކަމާ ހަވާލުވެވަޑައިގެންނެވީ، އޭރުގެ އިދިކޮޅު ފަރާތްތަކާ ބައިއަތު ހިއްޕަވާފައިވާ ނަޝީދުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.

ރައީސް ވަހީދުގެ ވެރިކަމުގައި ބަންޑާރަ ނައިބުގެ މަގާމު ދެ ފަހަރަށް އާޒިމާ ވަނީ ފުރުއްވާފަ އެވެ. އަދި ޖެންޑާ މިނިސްޓަރުގެ މަގާމު ވެސް އަދާ ކުރެއްވި އެވެ. ޖެންޑާ މިނިސްޓަރުގެ މަގާމަށް ވަޑައިގެންނެވުމަށްފަހު މަޖިލީހުގެ ރުހުން ހޯދަން ހުށަހެޅުމުން އެކަމަނާއަށް ރުހުމެއް ނުލިބުނެވެ. ނަމަވެސް ބަންޑާރަނައިބުގެ މަގާމަށް މަޖިލީހުގެ ރުހުމާއެކު، އެ މަގާމުގައި ދެމިހުންނެވުނީ އެންމެ ހަތަރު މަހު އެވެ.

އާޒިމާއާ ދެކޮޅަށް އެމްޑީޕީގެ އޭރުގެ ޗެއާޕާސަން ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ހުށަހެޅުއްވި އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ 41 މެމްބަރުންގެ އަގުލަބިއްޔަތާއެކު ފާސްވިއެވެ. ނަތީޖާއެއްގެ ގޮތުން އާޒިމާއަށް ކެބިނެޓުގެ ގޮނޑި ގެއްލުނެވެ.

comment ކޮމެންޓް