ޖަލުގައި ހުންނެވި މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީގެ ރައްޔިތުކަމާމެދު ގޮތެއް ނިންމުމަށް ތައްޔާރުވަމުންދާ ކަމަށް އެގައުމުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
މިސްރުގެ ހަމަޖެހުމާއި ސަލާމަތަށް ނުރައްކާ ކުރާ ފަރާތްތަކުގެ ރައްޔިތުކަން ނެގޭނެކަމަށް އެގައުމުގެ ކެބިނެޓުން ވަނީ މިދިޔަ ހަފުތާގައި ފާސްކޮށްފައެވެ.
އެ ގާނޫނުގެ ދަށުން، ގައުމުގެ ސަލާމަތަށް ނުރައްކާވާފަދަ ކުށްތައް ކޮށްފައިވާ ފަރާތްތަކުގެ ރައްޔިތުކަން ނިގުޅައިގަތުމުގެ ބާރު ލިބިގެން ދެއެވެ.
ނަމަވެސް ކެބިނެޓުން ފާސްކުރި ގާނޫނުތައް ތަންފީޒު ކުރުމުގެ ބާރު ލިބޭނީ މިސްރުގެ ޕާލިމަންޓާ ހަމައަށް ގޮސް އަދި މިސްރުގެ ރައީސް އެ ގާނޫނުތައް ތަސްދީގު ކުރެއްވުމަށްފަހުއެވެ.
މިސްރުގެ އެސިސްޓެންޓް އިންޓީރިއާ މިނިސްޓަރު އަހުމަދު އަލް އަންވަރު އެ ގައުމުގެ އަލް އަކްބަރު ނޫހަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ގާނޫނަށް އަލަށް ގެނައި ބަދަލާއެކު މުރުސީގެ ރައްޔިތުކަން ނިގުޅައިގަތުމުގެ ބާރު ކެބިނެޓަށް އެބައޮތް ކަމަށެވެ.
އަންވަރު އިތުރަށް ވިދާޅުވީ ގާނުނަށް އަލަށް ގެނައި ބަދަލުތައް އަމާޒުކުރެވިފައިވަނީ ގައުމުގެ ސަލާމަތާ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރާ ޓެރެރިސްޓުންނަށް އަމާޒުކޮށެވެ.
ގަތަރަށް ޖާސޫސްކޮށްދިނުމުގެ ކުށުގައި 25 އަހަރަށް ޖަލަށް ލައިފައިވާ މައްސަލަ މުރުސީ ވަނީ މިމަހު ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް މިސްރުގެ އެންމެ މަތީ ކޯޓުން އެކަން ވަނީ ބަލިނުގެންފައެވެ.
މުރުސީއަށް ވަނީ މީހުން މެރުމުގެ ތުހުމަތުގައި 20 އަހަރަށް ޖަލަށް ލުމަށް ވެސް ހުކުމްކޮށްފައެވެ. އަދި އެ މަނިކުފާނުގެ ނަން ވަނީ ތިން އަހަރު ދުވަހަށް ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނައިފައެވެ.
މިސްރަށް 2013 ވަނަ އަހަރު ގެނައި ބަޣާވާތަށްފަހު އޭރު ވެރިކަން ކުރަމުންދިޔަ މުރުސީގެ ސަރުކާރު ވަނީ ވައްޓައިލައިފައެވެ. އޭރުއްސުރެ މުރުސީ ހުންނެވީ ޖަލުގައެވެ. ބާޣާވާތަށް ފަހު މިސްރުގެ ވެރިކަމަށް ވަޑައިގެންނެވި އެ ގައުމުގެ މިހާރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ދަނީ މުރުސީއަށާއި އެ މަނިކުފާނު ނިސްބަތްވެގެން މުސްލިމް ބްރަދަހުޑް ޕާޓީއަށް ތާއިދުކުރާ ފަރާތްތައް މަރައި ޖަލަށް ލަމުންނެވެ.
މަސްދަރު : އަނަދޮލޫ އޭޖެންސީ