މި އިހްސާސްތައް އެނގޭނީ މަޔަކަށް!

ނެފްޓަކް ސަރަހއްދުގައި ހުރި ހިޔާވައްސެއްގައި ރޮހިންގާ މަޔަކު އޭނާގެ ކުޑަ ދަރިފުޅު ގޮވައިގެން--ސަން ފޮޓޯ/ ހުސަިން ހަސަން

(ކޮކްސް ބާޒާރު، ބަނގުލަދޭޝް)- ދަރިން އުރަށްޖަހާލައިގެން އަންނަ މައިން އަހަރަމެން ފެންނައިރަށް ފަށަނީ ރޯށެވެ. ބޭ އިހްތިޔާރުގައި ފުރަތަމަ ވެސް ދައްކަނީ އަނިޔާގެ ވާހަކައެވެ. އެމީހުންގެ ދަރިން އެމީހުންގެ ކުރި މަތީގައި މަރާ ވާހަކައެވެ. ހިތެއް ހުރި އިންސާނަކަށް ވިއްޔާ އެއީ ކެތް ވާވަރުގެ ވާހަކަތަކެއް ނޫނެވެ. އެތައް ފަހަރަކު އިންޓަވިއު މެދު ކަނޑާލަނީ އެ މީހުންގެ އެ ވޭނީ އާހްތަކާއި ކެކުޅުންތަކުގެ ވާހަކަތައް، އިވި، ހިތް ފަޅައިގެންދާ ވަރު ވުމުންނެވެ.

ނަފް ކޯރު ހުރަސްކޮށް ބަންގާޅަށް އެތެރެވާ ގިނަ އަންހެނުން އަންނަނީ އެމީހުންގެ މައުޞޫމް ޅަ ދަރީންތައްް ގޮވައިގެންނެވެ. އެތަނުން ކޮންމެ މަޔަކުވެސް ބުނެދެނީ ތަފާތު ވާހަކައެކެވެ. ކޮންމެ މަޔަކު ވެސް ކިޔައިދެނީ އެމީހުންގެ ދަރިންނަށް ކުރި އަނިޔާގެ ވާހަކައެވެ. މައިވަންތަ ކަމުގެ ނަޒަރަކުން ދަރިންގެ މުސްތަގުބަލާ މެދު އުފެދިފައިވާ ސުވާލުތައް އެމީހުންގެ މޫނުމަތީން ކިތަންމެހާވެސް ފެނެއެވެ. އެ އިހްސާސް ދެނަގަނެވޭނީ މަޔަކަށެވެ. ނުވަ މަސް ވަންދެން ހަށިގަނޑުގެ ލެއިން ކާންދީގެން ގެންގުޅުނު ކުދިން ދުނިޔެއަށް އައިސް ބިކަވާކަށް އެއްވެސް މަޔަކު ނޭދޭނެއެވެ.

ރޮހިންގާ މާބަނޑު އަންހެނަކު އޭނާގެ ދޮށީ ދަރި ކިހިލި ޖަހައިގެން--ސަން ފޮޓޯ/ ހުސައިން ހަަސަން

" ތިން ކުދިން ތިބި އިރު ދެ ކުދިން މަރާލީ އަހަރެންގެ ކުރި މަތީގައި. ކިހިނެތް ކެތް ކުރާނީ. އެއީ އަހަރެން ވަރަށް ލޯބިން ބަލާ ބޮޑު ކުރި ދެ ކުދިން. އެކުދިންގެ ކުށަކީ ކޮބާ. ދަރިފުޅުގެ ފުރާނައިގެ ބަދަލުގައި އަހަރެންގެ ފުރާނަ ނަގާލަން އެދުނިން،" އަޑުން އަޑުނަގައި ރޮމުން ރިމްދާ ބުނީ މިހެންނެވެ. މިޔަންމާ ސިފައިން ވަނީ އޭނާ ދެ ފިރިހެން ދަރިން، އެއްވެސް ރަހްމެއް ނެތި އޭނާގެ ލޮލުގެ ކުރިމަތީގައި މަރާލައިފައެވެ. އެ ރަހުމެއް ނެތް އަނިޔާވެރީން ވަނީ އޭނާގެ ކުރިމަތީގައި ލޯބިވާ އަންހެން ދަރިފުޅުގެ އިތްފަތް ނަގާލައި އެ ދަރިފުޅުވެސް މަރާލައިފައެވެ.

މައެއްގެ ލަގޮނޑިއަށް ކެތްވާނީ ކިހިނަކުން ހެއްޔެވެ. ވިސްނާލާށެވެ. އަމިއްލަ ދަރިފުޅު ނުފެނި ސިކުންތު ކޮޅެއް ވިޔަސް ހާސްވެ ކަންބޮޑުވާ މައިން އުޅެއެވެ. އެ މައިންގެ ލޮލުގެ ފިނިކަމަކީ އެކުދީންނެވެ. ނަމަވެސް ރޮހިންގާ މުސްލިމުންގެ ތެރޭގައި ދަރިފުޅު ވީ ނުވީ ތަނެއް ނޭނގި ގެއްލިގެން އުޅޭތާ އެތަކެއް އަހަރުވެފައިވާ މައިން އެބަތިއްބެވެ. ދަރިފުޅުގެ ހަނދާނުގައި ހަމަ ނިދި ނުލިބޭ މައިން އެބަތިއްބެވެ. އެއީ ކޮންކަހަލަ އިހްސާސެއްކަން އެނގޭނީ ހަމަ މައިންނަށެވެ.

ރޮހިންގާ ދެ މައިން އެމީހުންގެ ދަރިން ގޮވައެިގެން--ސަން ފޮޓޯ/ ހުސައިން ހަަސަން

ބަލާލި ކޮންމެ ދިމާއަކުން އަޅުގަނޑުމެންނަށް ފެންނަމުން ދިޔައީ، އަނިޔާވެރިކަމަށް ކެތް ނުކުރެވިގެން އަމިއްލަ ވަޒަން ދޫކޮށް ބަންގާޅަށް ހިޖްރަކުރި ރޮހިންޔާ މައިންގެ މި ހިތްދަތި މަންޒަރުތަކެވެ. ދަރިފުޅު ގޮވައިގެން ބިތް ޖެހިފައިތިބި އެތައް ބަޔަކު ރެފިއުޖީ ކޭމްޕަތަކުން އަހަަރަމެން ދުށީމެވެ. ފިޔާ ކޮޅެއް ތެލުލައިގެން ދަރިންނަށް ކާން ދިން މައިން ދެކުނީމެވެ. ދަރިންގެ ހައްގުގައި ހުސް ބަނޑަށް މުޅި ދުވަހު ތިބި މައިންނާވެސް ބައްދަލުވިއެވެ. އެމީހުންގެ ޝަކުވާތައް ބައިވަރެވެ. ދަރިންގެ މުސްތަގުބަލާ މެދު ދެކޭ ހުވަފެންތައް ވެސް ގިނައެވެ.

މައިންގެ އިހްސާސްތައް މިހެން ހުރި އިރު މައިވަންތަ ކަމުގެ ލޯބިން މަހުރޫމްވެފައި ތިބި އެތައް ހާސް ކުޑަކުދިންވެސް ރޮހިންގާ މުސްލިމުގެ ތެރޭގައި އެބަތިއްބެވެ. މަންމަ ވީ ތަނެއް ނޭނގިގެން އަތްފުނާ އަޅާ އެތައް ކުދިންނާ ބައްދަލުވިއެވެ. އެކުދިންގެ މައިން ބަފައިން މިޔަންމާ ސިފައިންގެ އަނިޔާގެ ޝިކާރއަކަށް ވީއިރު އެކުދީންނަށް އަޅާލާނެ އެކަކުވެސް ނެތެވެ.

ރޮހިންގާ މުސްލިމަކު އޭނާ ގެ ތުއްތު ދަރިފުޅުގޮވައިގެން ނެފްޓަކް ސަރަހައްދުގައި ހުރި ހިޔާވައްސެއްގައި--ސަން ފޮޓޯ/ ހުސައިން ހަަސަން

މިއީވެސް ރޮހިންގާ މުސްލިމުންގެ ކޭމްޕްތަކަށް ދިޔައިރު ފެނުނު ތަފާތު މަންޒަރު ތަކެވެ. މައިން އެއްވެސް ގޮތެއް ނެތިފައި ތަންތަނުގައި ބިތް ޖެހިފައި ތިބިތަން ފެނުމުން އަަސަރުކުރިއެވެ. ވަރަަށް އަސަރުކުރެއެވެ. މައިންގެ ހިތުގައި އަޅާ ވޭން އަންދާޒާ ކޮށްލަން ނޭނގުނަސް އެ އިހްސާސް ތިޔަ މައިންނަށް ކުރެވޭނެއެވެ.

މިއަދު އަޅުގަނޑުމެން އަމިއްލަ މައިން ބަފައިންގާތު އުފަލުގައި އުޅެމުންދާއިރު އެ ނިއުމަތުން މަހުރޫމްވެފައި ތިބި ރޮހިންގާ މުސްލިމް ކުޑަކުދިން ބައިވަރެވެ. އެ ކުދީން ބޭނުންވަނީ ތިޔަ މައިންގެ ފަރާތުން މައިވަންތަ ކަމުގެ ކުޑަވެސް އެހީއެކެވެ.

comment ކޮމެންޓް