ބަންގާޅު ބޯޑަރު: މިޔަންމާ ސިފަކުރެވުނީ އޮއްސެމުންދާ "އިރެއް"!

ބަނގްލަދޭޝް އަދި މިއަންމާ ގުޅުވައިދޭ ނަފް ކޯރުގައި ގާއިމް ކުރެވިފައިވާ ފާލަމެއްގައި ނޫސްވެރިއާ މުހައްމަދު ސަމާހް، ކުރިމަތިން އެ ފެންނަނީ މިޔަންމާ--ސަން ފޮޓޯ/ހުސައިން ހަސަން

ޝާ ޕްރަ ދީޕްގައި އޮންނަ، އެ ރަށު ޓާމިނަލް ބްރިޖަކީ ބަންގާޅު ބޯޑަރުން މިޔަންމާއާ އެންމެ ކައިރިއަށް ފައިމަގުގައި ދެވޭ ހިސާބެވެ. މި ހިސާބަކީ މިޔަންމާގައި ލާއިންސާނީ އެތައް އަނިޔާތަކެއް ކުރަމުންދާ ސިފައިންނާއި ހަރުކަށި ބުޑިސްޓުންގެ އަނިޔާއިން ސަލާމަތްވުމަށް ރޮހިންގާ މުސްލިމުން ބަންގާޅަށް ހިޖުރަ ކުރުމަށް ބޭނުންކުރާ ބަނދަރެވެ. އެމީހުންގެ ފުރަތަމަ މަންޒިލެވެ.

މިއަދު އަޅުގަނޑަށް ވަނީ އެ ފާލަމުގެ އެންމެ ކޮޅާ ހިސާބަށް ދެވިފައެވެ. އެތަނުން މިޔަންމާގެ އުސް ފަރުބަދަތަކާއި ބަންގާޅާ ދިމާއަށް އޮންނަ އެ ގައުމުގެ އައްސޭރިފަށް ރީތިކޮށް ފެނުނެވެ. އެ ވަގުތަކީ ވެސް ޝާ ޕްރަ ދީޕާ ދިމާއިން ފެންނަން އޮންނަ ހިސާބުން ކޮންމެ ވެސް ވަރަކަށް ދުން އަރަމުންދިޔަ ވަގުތެކެވެ. އެ ސަރަހައްދުގައި ތިބި ބައެއް އާންމުން ބުނީ އެއީ ރޮހިންގާ މީހުން ދިރިއުޅޭ ހިސާބުން އަރަމުންދާ ދުންތަކެއް ކަަމަށެވެ. އެ މަންޒަރު ވަނީ އަޅުގަނޑުމެންގެ ކެމެރާތަކަށް ރެކޯޑު ކުރެވިފައެވެ.

މިޔަންމާ އައްސޭރި ފަށުން ދުން އަރާ މަންޒަރު --ސަން ފޮޓޯ/ ހުސެއިން ހަސަން

މިޔަންމާގެ އައްސޭރި ހަމަލޮލަށް ފެނުމުން އަޅުގަނޑަށް އެ މަންޒަރު ފެނުނީ އޮއްސެމުން ދިޔަ އިރެއްގެ ގޮތަށެވެ. އެތައް ކުލަތަކަކުން މަންޒަރު ޖަރީ ކުރި ނަމަވެސް އެ އިރު އޮއްސުމުން އޭގެ ހައިބަތާއި އެއިން އަޅާ ދަޅައަށް ނިމުމެއް އާދެއެވެ. މިއަދު ދުނިޔެއަށް މިޔަންމާ މީހުން ދައްކަމުންދާ ޖައްބާރު ކަމާއި ބޯހަރު ކަމުގެ ނިމުމަކީވެސް އެފަދަ ކަމެކޭ ހިތަށް އެރިއެވެ. މިޔަންމާގެ ސަރުކާރުގެ އަނިޔާވެރިކަމަށް ނިމުން އައިސް އެވެރިން މުސްލިމުންނަށް ކުރަމުންދާ އަނިޔާއަށް އަދި ނިމުމެއް އަންނާނެ އެވެ. އިރު އޮއްސޭނެއެވެ.

މާޒީގެ ސަފުހާތަކުންވެސް ދައްކަނީ އެފަދަ އިބުރަތްތެރި ފިލާވަޅު ތަކެކެވެ. މީގެ އެތައް ގަރުނެއް ކުރިން ކަލެއް ކަމަށް ދައުވާކޮށް މުސްލިމުންނަށް އިހާނެތިކޮށް ކަންތައްކޮށް އެ މުސްލިމުން ނެތިކޮށްލުމަށް ފިރުއައުނެއް ވެސް ތެދުވިއެވެ. މިސްރުގައި ތިބި ބަނީ އިސްރާއިލް މީހުންގެ ނަސްލު ނައްތާލުމަށް އެ ފިރުއައުނު އޭނާގެ ޖައްބާރު ކަމާއި ބާރުގެ ބޭނުން ކުރި ކަން އިސްލާމީ ތާރީހުންނާއި ކީރިތި ގުރުއާނުގައި ވަނީ ސަރީހަކޮށް ބަޔާން ކޮށްދީފައެވެ.

ބަނީ އިސްރާއިލް ބާގައިގެ މީހުންނަށް ލިބޭ ފިރިހެން ދަރިން ގަތުލު ކުރުމަށް އެ ފިރުއައުނު އަމުރު ކުރިއެވެ. ބޭނުމަކީ އެ ނަސްލު ނައްތާލައި އޭނާގެ ވެރިކަން ދިފާއު ކުރުމެވެ. އިސްލާމް ދީން އެ ގައުމުން ފުހެލުމެވެ. ފިރުއައުނުގެ އަނިޔާގައި ބަނީ އިސްރާއިލް މީހުން އެތައް އަހަރެއް ވޭއަތު ކުރިއެވެ. އެ ގައުމުގެ އަންހެން ކުދިންގެ އިއްފަތެރިކަން ފޭރުނު އިރު އެ ބާގައިގެ ފިރިހެނުން އަޅުމަސައްކަތަށް ގެންދެވުނެވެ. އިންސާނިއްޔަތާ ހިލާފް އެތަކެއް އަނިޔާތަކެއް އެމީހުންނަށް ނުހައްގުން ދިންކަން ތާރީހުން ހެކިދެއެވެ.

އެންމެ ފަހުން އެ ފިރުއައުނުގެ އަނިޔާއަށް ކެތް ނުކުރެވިގެން އެ އަނިޔާއިން ސަލާމަތްވުމަށް މޫސާގެފާނު އެކަލޭގަފަނުގެ ގައުމުގެ މީހުން ގޮވައިގެން މިސްރުން ނުކުތެވެ. އަދި ފިރުއައުނަށް މިކަން އެނގި އެމީހުންގެ ފަހަތުން ދިޔުމާއެކު ކަލެއް ކަމަށް ދައުވާކޮށް ބިންމަތީގައި ބޮޑާވެ އުޅުނު އެ ޖައްބާރު ރަސްގެފާނު ނިކަމެތި ގޮތަކަށް މަރުވެގެން ދިޔައީއެވެ. މިއަދުވެސް އޭނާގެ ހަށިގަނޑު އިބުރަތަކަށް ފެންނާނެހެން އެބައޮތެވެ. އެއީވެސް ޖައްބާރު ކަމާއި ނުލަފާކަން ދައްކައި އަނިޔާވެރިކަމާ އެކު ވެރިކަން ކުރި ރަސްކަލެކެވެ. ނަމަވެސް މާތް ﷲ ނަސްރުދެއްވަނީ ހައްގު ގޮތުގައިތިބޭ މީހުންނަށެވެ. އެންމެ ފަހުން އެ ފިރުއައުނުގެ އިރުވެސް އުދަރެހުން އޮއްސުނީއެވެ.

ރޮހިންގާ މުސްލިމަކު އޭނާގެ ދަރިފުޅު ކޮލަށް ބޮސްދެނީ-އެތައް ބައިވަރު ދަރިން ވަނީ އެމީހުންގެ މައިން ބަފައިންނާ ވަކިވެފައި--ސަން ފޮޓޯ/ މުހައްމަދު ސަމާހް

މިއަދު ރޮހިންގާ މުސްލިމުންނާ މެދު މިޔަންމާ ސަރުކާރުންވެސް ކަންތައް ކުރަމުން އެދަނީ ހަމަ ފިރުއައުނުގެ ޒަމާނުގައިވެސް ކަންތައް ކުރި ގޮތަށެވެ. ޅަދަރިން މަރަމުންދާއިރު އެމީހުންގެ މައިންބަފައިން ދިރިތިއްބާ އަންދާލަނީ ހައްގަކާ ނުލައެވެ. އަމިއްލަ ފަސްގަނޑުގައި އަމިއްލަ ވަންތަކަމެއް ނެތި އެމީހުން ދިރިއުޅޭތާ 900 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އެމީހުންނަށް ހުރިހާ އަނިޔާއެއް ކުރަމުން އެ ގެންދަނީ، އެއްކައުވަންތަ ކަލާންގެއަކީ ﷲ ސުބުހަނަހޫވަތައާލާ އޭ ބުނާތީއެވެ. އެ ނަސްލު ނައްތާލަނީ އެއީ އިސްލާމުން ކަމުގައި ވާތީއެވެ.

"އަހަރެމެންގެ ކުށަކީ މުސްލިމުންނަށްވުން. ނަމަވެސް އެއީ އަހަރަމެންގެ ކާބަފައިންގެ ދީން. އެދީން ދޫކޮށެއް ނުލެވޭނެ. އަހަރަމެންގެ މުޅި ނަސްލު ނައްތާލިޔަސް އަހަރެމެންނަކީ މުސްލިމުން ނޫން ބަޔަކަށް ނުވާނެ. އަދި ހައްގަށް ނަސްރު ލިބޭނެ. އިރާދަ ކުރެއްވިއްޔާ ކޮންމެވެސް އެއް ދުވަހަކުން އަނބުރާ އަހަރަމެންގެ ވަތަނަށް ދާނަން،" ހުސްވި ހަފްތާގައި މިޔަންމާ ދޫކޮށް ބަންގާޅަށް ހިޖުރަކުރި އަމީނު ބުނީ މިހެންނެވެ.

ސަންގެ ނޫސްވެރިޔާ މުހައްމަދު ސަމާހް ރޮހިންގާ ކުޑަކުއްޖަކާ ވާހަކަ ދައްކަނީ-މިހާތަނަށް މިޔަންމާ ސިފައިންގެ ލާއިންސާނީ އަމަލު ތަކުގެ ސަބަބުން އެތައް ބައިވަރު މުސްލިމުންވަނީ މަރުވެފައި--ސަންފޮޓޯ/ހުސައިން ހަސަން

ރޮހިންގާ މުސްލިމުން ބަދަލު ހިފާކަށް ބޭނުމެއް ނޫނެވެ. އަދި އެމީހުން މިޔަންމާ މީހުންނާ ހަނގުރާމަ ކޮށްގެން އެ ބިން ހޯދާކަށްވެސް ބޭނުމެއް ނޫނެވެ. ބޭނުންވަނީ އެމީހުނަށް ހައްގުވާ ވަރު އެމީހުނަށް ދިނުމަށެވެ.

" އަހަރަމެން ބަދަލުހިފާކަށް ބޭނުމެއް ނޫން. އަސްލު އަހަރަމެންނާ އެމީހުން އެހާ ދެކޮޅުވެރި ވަނީ ކީއްވެ ކަމެއް ނޭނގެ. އަހަރަމެންގެ އަހުން މަރާ އިރު އެމީހުންގެ ކުށަކީ ކޮބާކަންވެސް ބުނެ ނުލާ. އަހަރަމެން ބޭނުންވަނީ އަހަރެމެންގެ އުފަން ބިން. އެއީ ކާބަފައިން އަހަރަމެންނާ ހަވާލު ކުރި ތަރިކައެެއް،" ހަތަރު ދަރިން ގޮވައިގެން ބަންގާޅަށް ހިހުރަކުރި އަމުރުލް ސަން އަށް ކިޔައިދިނެވެ.

މިޔަންމާ މުސްލިމަކު އޭނާގެ މަންމަ އަށް ދޮންކެޔޮ ވަކެއް ކާން ދެނީ--ސަން ފޮޓޯ/ ހުސެއިން ހަސަން

މިޔަންމާ ސަރުކާރުގެ އަނިޔާވެރިކަމާއި މުސްލިމުންނާ ދެކޮޅަށް ހިނގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް މުޅި ދުނިޔެ ފާޑު ކިޔާއިރު ވެސް އެ ގައުމު އަދިވެސް އޮތީ އެ ފާޑުކިޔުންތަކަށް ބީރު ކަންފަތެއް ދީގެންނެވެ. އަދިވެސް ހަމަ އެ ޖައްބާރު ކަމާއި ބޯހަރުކަން މަތީގައެވެ. މިއަދު އެމީހުންނަށް މުސްލިމުން މެރި ދާނެއެވެ. ދިރި ތިއްބާ އަންދާވެސް ލެވިދާނެއެވެ. ރޮހިންގާ މުސްލިމުންގެ މުޅި އާބާދީވެސް ނައްތާލެވިދާނެއެވެ. ނަމަވެސް ﷲ ސުބުހަނަހޫ ވަތައާލާ ނަޞްރު ދޭއްވާނީ ހައްގަށެވެ.

comment ކޮމެންޓް