ރޮހިންޔާ މުސްލިމުންނަށް ދޭ އަނިޔާއާ ދެކޮޅަށް މުޅި ރާއްޖޭގައި ބޮޑު އެއްވުމެއް ބާއްވަނީ

39 ޖަމިއްޔާއެއް ގުޅިގެން ބާއްވާ ހަރަކާތް އިންތިޒާމު ކުރާ ފާރާތުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން--- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

މިޔަންމާގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ އަސްކަރިއްޔާ އިސްވެ އޮވެ ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން މުޅި ރާއްޖޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައިފި އެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުގެ ނަމުގައި ރޮހިންޔާ މުސްލިމުންނަށް އެހީ ވުމަށް 39 އެންޖީއޯ އެއް ގުޅިގެން ހިންގުމަށް ތައްޔާރުވަމުންދާ ހަރަކާތްތަކާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެމުން، މީޑިއާ އޮފިޝަލް އާދަމް ނާއިފު ވިދާޅުވީ މިމަހުގެ 22 ވަނަ ދުވަހު މުޅި ރާއްޖޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށާއި އެކަމުގައި ހުރިހާ މުސްލިމް ރައްޔިތުން ބައިވެރިވުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.

"އަޅުގަނޑު ގޮވާލަން ހުރިހާ ސިޔާސީ ޕާޓީތަކަކަށް ވެސް މިއީ ގައުމީ ކަމަކަށް ހަދައިގެން އެންޑޯސްކުރުމަށް. މިކަމުގައި ވަކި ބަޔެއް އިސްތިސްނާއެއް ނުވޭ. މި ގެ ދަރިން މި ހުޅުވާލަނީ މުޅި ރާއްޖެއަށް. މި އެއްވުން އޮންނައިރު ރާއްޖޭގެ ހުރިހާ ރަށަކުން ވެސް ބައިވެރިވެވޭނެ،" އޭނާ ވިދާޅުވިއެވެ.

ނާއިފު ވިދާޅުވީ ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ހިންގާ އެއްވެސް ހަރަކާތެއްގައި އިސްލާމް ދީނާއި ދިވެހިރާއްޖޭގައި ހެދިފައިހުރި ގާނުނުތަކާ ހިލާފު އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި އެފަދަ ކަމެއް ކޮށްފިނަމަ ކޭމްޕޭނުގައި ހިމެނޭ އެންޖީއޯއެއް ވަކިކޮށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނަށް، ގެނައި އިސްލާހާއި އެކު ރާއްޖޭގެ ވެރިކަން ކުރާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް، ހިނގާލުމެއް އަދި އުޅަނދުބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަންޏެވެ.

މާލޭގައި މުޒާހަރާ އާއި އެއްވުންތައް ބޭއްވޭނީ ހަމައެކަނި ކާނިވަލުގައި ކަމަށް ހޯމް މިނިސްޓްރީން ވަނީ މީގެ ކުރިން ކަނޑައަޅައިފި އެވެ.

comment ކޮމެންޓް