ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފީއިން މި މަހުގެ 14 ގައި ނެރޭ ކޮކާ-ކޯލާ ދުނިޔޭގެ ރޭންކިންގެ އެއްވަނަ މަގާމަށް ޖަރުމަން ޖެހިލާނެ ކަމަށް އީއެސްޕީއެން އިން ރިޕޯޓުކޮށްފިއެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ޖަރުމަނުން އެންމެ ފަހުން ކުޅުނު ދެ މެޗު ވަނީ ކާމިޔާބު ކޮށްފައެވެ. ފުރަތަމަ މެޗުގައި 1-2 ގެ ނަތީޖާއަކުން ޗެކް ރިޕަބްލިކް އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި ޖަރުމަނުން ވަނީ ނޯވޭ ކޮޅަށް ހަ ލަނޑު ޖަހައިފައެވެ.
މިވަގުތު ރޭންކިންގެ އެއްވަނާގައި އޮތް ބްރެޒިލް ވަނީ ކޮލިފައިންގެ ފުރަތަމަ މެޗުގައި އިކުއެޑޯ ބަލިކޮށްފައެވެ. ނަމަވެސް ރޭ ކުޅުނު މެޗުގައި ކޮލަމްބިއާ ވަނީ ބްރެޒިލް ހިފަހައްޓައިފައެވެ. އެއާއެކު ރޭންކިންގެ ދެވަނައަށް ބްރެޒިލް ވެއްޓޭނެއެވެ.
ވާދަވެރި އާޖެންޓީނާ ދަނީ ރޭންކިންގައި ވެއްޓެމުންނެވެ. އެގޮތުން މިފަހަރުގެ ރޭންކިން ނެރޭއިރު އެ ޓީމު ތިން ވަނައިން ހަތަރު ވަނައަށް ވެއްޓޭނެއެވެ. މިއީ ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ރޭންކިންގެ ގަދަ ތިނަކުން އާޖެންޓީނާ ވެއްޓޭ ފުރަތަމަ ފަހަރެވެ.
ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލް މިފަހަރުގެ ރޭންކިންގެ ތިން ވަނައަށް ޖެހިލާނެއެވެ. މިއީ ފީފާ ރޭންކިންގައި ޕޯޗުގަލަށް އެހާ ބޮޑު ކުރިއެރުމެއް ލިބުނު ފުރަތަމަ ފަހަރެވެ. މިވަގުތު ނުވަ ވަނާގައި އޮތް ބެލްޖިއަމް، ރޭންކިން ނެރޭއިރު އޮންނާނީ ފަސް ވަނާގައެވެ.
އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން ރޭންކިންގެ އެންމެ ކުރި ލިބޭނީ މިސްރަށެވެ. އެ ގައުމު އޮތީ ރޭންކިންގެ 30 ވަނާގައެވެ. ކޮންކާކަފް ސަރަހައްދުން އެންމެ ކުރި ލިބޭނީ 14 ވަނާގައި އޮންނަ މެކްސިކޯއަށެވެ. އަދި އޭޝިއާ ސަރަހައްދުން އެންމެ ކުރީގައި އޮތީ އަދިވެސް އީރާނެވެ. އެ ގައުމު އޮތީ ރޭންކިންގެ 25 ވަނާގައެވެ.