އެމްއެމްއޭގެ ބޯޑަށް އިދްހާމް ހަމަޖައްސަވައިފި

އިދްހާމް ހުސައިން: އޭނާ ވަނީ އެމްއެމްއޭގެ ބޯޑަށް އައްޔަންކޮށްފައި -- ފޮޓޯ: އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ބޯޑަށް އިދްހާމް ހުސައިން މިއަދު ހަމަޖައްސަވައިފި އެވެ.

އިދްހާމަކީ 1990 އިން ފެށިގެން، އެމްއެމްއޭގެ އެކި މަގާމުތައް އަދާ ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އެ އޮތޯރިޓީގެ މަނިޓަރީ ޕޮލިސީ އާއި ރިސާޗު އަދި ސްޓެޓިސްޓިކްގެ އެސިސްޓެންޓް ގަވަރުނަރުކަން ވެސް އަދާ ކުރައްވަމުން ގެންދަވަނީ އިދްހާމެވެ. އޭގެ ކުރިން އެ އޭރިއާގެ އެގްޒެކެޓިވް ޑައިރެކްޓަރު ކަން ވެސް އޭނާ ކުރައްވާފައިވެ އެވެ.

އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޑރ. އާޒިމާ އާދަމް އިސްތިއުފާ ދެއްވުމާ ގުޅިގެން ސަރުކާރުން މަޖިލީހަށް ނަން ފޮނުވައިގެން އެ މަގާމަށް މިހާރު އައްޔަން ކުރައްވާފައި ވަނީ އަޙްމަދު ނަޞީރެވެ.

ނަސީރަކީ އިގްތިސާދީ އަދި މާލީ ދާއިރާގައި ދިގު މުއްދަތަކަށް މަސައްކަތްކުރައްވާ، ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ގަވަރުނަރު އަހްމަދު ނަސީރު ވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗެއާމަންކަމުގެ މަގާމާއި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

comment ކޮމެންޓް