ސްނައިޕަރު މައްސަލައިގެ ޝަރީއަތް ކެންސަލްކޮށްފި

ކވ. މ. ލިލީޕާކް، ފަޒީލް ހަމީދު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު، ސްރީލާންކާގެ ރައްޔިތެއް ކަމަށްވާ ލަހިރު މަޑުޝަންކަ މަނިއްކުއަޑޫރާ ---- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ގަފޫރާއި، އިތުރު ތިން މީހެއްގެ މައްޗަށް ދައުވާ ކުރި މައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.

އެ މައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މިއަދު މެންދުރުފަހު 2:00 އަށެވެ. ކްރިމިނަލް ކޯޓުން ބުނީ ޝަރީއަތް ކެންސަލް ކުރީ، ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ، ލަހިރު މަޑު ޝަންކަރު މަނިއްކުއަޑޫރާ ތަރުޖަމާނު ހާޒިރު ނުވުމުން ކަމަށެވެ.

އެ މައްސަލައިގައި އެނގިހުރެ މީހަކު މަރަން ރޭވުމުގެ ދައުވާ އުފުލާފައިވަނީ، އަދީބުގެ އިތުރުން ލަހިރު މަޑު ޝަންކަރާއި، މ. ލިލީޕާކް ފަޒީލް ހަމީދުގެ މައްޗަށެވެ.

އެ ތިން މީހުންގެ އިތުރުން ގ. އޮއިވާލި، އިސްހާގު ހުސައިންގެ މައްޗަށްވެސް އެ މައްސަލާގައި ދައުވާ ކޮށްފައިވެއެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ، އެނގިހުރެ މީހަކު މަރަން ރޭވުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

މީގެ ކުރިން ބޭއްވި ޝަރީއަތްތަކުގައި ވަނީ، ބައެއް މީހުންގެ ހެކިބަސް ނަގާފައެވެ.

މިއަދުގެ ޝަރީއަތް އާއްމުންނަށް ވަދެވޭނެހެން ހުޅުވާލައިގެން ކުރިއަށް ގެންދަން އޮތް ނަމަވެސް، މީގެ ކުރިން އެ މައްސަލައިގެ ޝަރީއަތްތައް ކުރިއަށް ގެންދިޔައީ ސިއްރުންނެވެ.

comment ކޮމެންޓް