ރޭންކިންގެ އެއްވަނައަށް ބްރެޒިލް، ރާއްޖެއަށް ބަދަލެއް ނާދޭ!

ވޯލްޑް ކަޕް ކޮލިފައިންގައި ބޫޓާން ކޮޅަށް ލަނޑުޖެހުމަށްފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފީއިން އެންމެ ފަހުން އިއުލާނުކުރި ކޮކާ-ކޯލާ ދުނިޔޭގެ ރޭންކިންގެ އެއްވަނަ މަގާމަށް ބްރެޒިލް ޖެހިލައިފިއެވެ. ރޭންކިންގައި ރާއްޖެ އޮތް މަގާމަށް މިފަހަރު އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

ފީފާއިން އިއްޔެ ހާމަކުރި ފިރިހެން ގައުމީ ޓީމުތަކުގެ ރޭންކިންއަށް ބަލާއިރު ބްރެޒިލް ދުނިޔޭގެ އެއްވަނަ ހޯދާފައި ވަނީ، ކުރިން އެއްވަނައިގައި އޮތް ދުނިޔޭގެ ޗެމްޕިއަންސް ޖަރުމަނު އެއް ޕޮއިންޓުގެ ތަފާތަކާއެކު ދެވަނައަށް ވެއްޓުމުންނެވެ.

ރާއްޖެ ހިމެނޭ، ސާކް ސަރަހައްދަށް ބަލާއިރު، އެއްވަނައިގައި އަދިވެސް އޮތީ އިންޑިއާއެވެ. އެއް ދަރަޖައިގެ ވެއްޓުމަކާއެކު ދުނިޔޭގެ 97 ވަނައިގައި އިންޑިއާ އޮތްއިރު، ރާއްޖެ އޮތީ ސާކް ސަރަހައްދުގެ ދެވަނައިގައެވެ. ދުނިޔޭގެ ރޭންކިންގެ 142 ވަނައިގައި ރާއްޖެ އޮތީ އިންޑިއާއަށް ވުރެ 62 ދަރަޖަ ފަހަތުގައެވެ.

ރާއްޖެ އެންމެ ފަހުން ވާދަވެރި މެޗެއް ކުޅެފައި ވަނީ، އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައެވެ. ޖޫން މަހު 13 ވަނަ ދުވަހު ބޫޓާނުގައި އެގައުމާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން ވަނީ 2-0 ލަނޑުން މޮޅުވެފައެވެ.

ސާކުގެ ތިންވަނައިގައި އޮތް ބޫޓާން ދުނިޔޭގެ ރޭންކިންގެ 165 ވަނައިގައި އޮތްއިރު، ސަރަހައްދުގެ ހަތަރު ވަނައިގައި އޮތް ނޭޕާލް އޮތީ ދުނިޔޭގެ ރޭންކިންގެ 169 ވަނައިގައެވެ. ބަނގުލަދޭޝް 189 ވަނަައިގައި އޮތް އިރު އަވައްޓެރި ސްރީ ލަންކާ އޮތީ 197 ވަނައިގައެވެ. އަދި ޕާކިސްތާނު އޮތީ 200 ވަނައިގައެވެ.

އޭޝިއާގެ އެއްވަނައިގައި އޮތް އީރާނަށް ދުނިޔޭގެ ރޭންކިން އިން 24 ވަނަ ލިބޭއިރު، ދެވަނައިގައި އޮތް ޖަޕާނަށް ލިބެނީ ދުނިޔޭގެ ރޭންކިންގެ 44 ވަނައެވެ. އޭޝިއާގެ ފުލުގައި އޮތީ ސާކްގެ ފުލުގައިވެސް އޮތް ޕާކިސްތާނެވެ.

ވިލާތުގެ ގައުމުތަކަށް ބަލާއިރު ޖަރުމަނުގެ ފަހަތުން ދެވަނައިގައި އޮތީ ދުނިޔޭގެ ރޭންކިންގެ ހަތަރު ވަނައިގައި އޮތް ސްވިޓްޒަލޭންޑެވެ. ޔޫރަޕްގެ ޗެމްޕިއަން ޕޯޗްގަލް އެ ސަރަހައްދުގެ ހަތަރު ވަނައިގައި އޮތް އިރު އެޓީމަށް ދުނިޔޭގެ ރޭންކިން އިން ލިބެނީ ހަވަނައެވެ.

ވިލާތުގެ ވަނައިގައި އޮތް ފްރާންސް ދުނިޔޭގެ ރޭންކިންގެ 10 ވަނައިގައި އޮތް އިރު އޭގެ ފަހަތުން 11، 12، 13ގައި އޮތީ ސްޕޭން، އިޓަލީ އަދި އިންގްލޭންޑެވެ.

ދުނިޔޭގެ ރޭންކިންގައި މިފަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައި ވަނީ، ރޭންކިންގެ 136 ވަނައިގައި އޮތް ނެމީބިއާއެވެ. އެގައުމު ވަނީ 20 ދަރަޖައިގެ ކުރިއެރުމެއް ހޯދައިފައެވެ. އަދި އެންމެ ބޮޑު ވެއްޓުމެއް ލިބުނީ، ކެރީބިއަން ސަރަހައްދަށް ނިސްބަތްވާ ޖަޒީރާ ގައުމެއް ކަމަށްވާ ކުރަސާއޯއެވެ.

comment ކޮމެންޓް