ހުޅުމާލެ އަލިފާނުގެ ހާދިސާގައި އަނިޔާވި އެންމެން ކުންފުނީގެ ހަރަދުގައި ރާއްޖޭން ބޭރަށް

ހުޅުމާލޭގައި ހުންނަ އަމިން ކޮންސްޓްރަކްޝަންގެ ގުދަނެއްގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާގައި ހާލު ސީރިއަސްވި މީހަކު މާލެ ގެންދަން ލޯންޗަށް އަރުވަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ހުޅުމާލޭގައި ހަދާފައިހުރި ގުދަނެއްގައި، މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި އެންމެންގެ ފަރުވާއަށް ރާއްޖޭން ބޭރަށް ފުރުވާލަން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އަމީން ކޮންސްޓްރަކްޝަންގެ އޮޕަރޭޝަން މެނޭޖަރު މުހައްމަދު ސާޖިދު "ސަން" އަށް ވިދާޅުވީ، އަލިފާނުގެ ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކު ރޭގެ ވަގުތެއްގައި އިންޑިއާއަށް ފުރުވާލާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހާދިސާގައި ހަށިގަނޑުގެ ބޮޑުބައެއް ފިހުނު މީހާ ހިމެނޭ ކަމަށް ސާޖިދު ވިދާޅުވިއެވެ.

އައިޖީއެމްއެޗުގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓުގެ ޑިރެކްޓަރު އަހުމަދު މައުސޫމް މިއަދު ވިދާޅުވީ، ހާލު ސީރިއަސްވެގެން އެ ހޮސްޕިޓަލުގައި އޮތް މީހާ ރާއްޖޭން ބޭރަށް ރޭ ފުރުވާލިއިރު، އޭނާގެ ގައިގެ 40 ޕަސެންޓް ފިހިފައިވާ ކަމަށާއި، ހާލު ސީރިއަސް ކަމަށެވެ.

ނަމަވެސް އޭނާ ރާއްޖޭން ބޭރަށް ފުރުވާލީ އަލިފާނުގެ ހާދިސާގައި ލިބުނު އަނިޔާގެ އިތުރުން، ރޯވި ދުމުގެ ސަބަބުން ކާބޮން މޮނޮކްސައިޑުގެ ސަބަބުން ހަށިގަނޑު ވިހަވުމުގެ ސަބަބުން ކަމަށް މައުސޫމް ވިދާޅުވިއެވެ.

އަދި ވިދާޅުވީ، އެ ހާދިސާގެ ސަބަބުން މިވަގުތު އައިޖީއެމްއެޗްގައި ފަސް މީހަކު އެޑްމިޓްކޮށްފައި އެބަ އޮތް ކަމަށެވެ.

ގުދަނެއްގެ ގޮތުގައްޔާއި އެކޮމަޑޭޝަން ބުލޮކެއްގެ ގޮތުގައި ހަދާފައިވާ ތަނުގައި ހިނގި އަލިފާނުގެ ހާދިސާގައި 31 މީހަކަށް ވަނީ ފަރުވާދީފައެވެ. އޭގެ ތެރޭގައި ދެ ދިވެހިން ހިމެނޭއިރު ދެން ހިމެނެނީ އިންޑިއާގެ ރައްޔިތުންނެވެ.

ސާޖިދު ވިދާޅުވީ، މިރެއާ މާދަމާ ވެސް ބައެއް މީހުން ފުރުވާލަން ހަމަޖެހިފައިވާ ކަމަށެވެ.

"އެކިވަރުގެ އަނިޔާ ލިބުނު 22 މީހަކު ހަމަ ކުންފުނީގެ ހަރަދުގައި އިންޑިއާއަށް މި ފޮނުވަނީ. މިތަނުގައި ބައިތިއްބައިގެން ފަރުވާ ދިނުމަށްވުރެ އާއިލާ ކައިރިގަ ތިބެގެން ފަރުވާ ހޯދަން އެމީހުން ވެސް ބޭނުންވާތީ ފޮނުވާލަނީ،" ސާޖިދު ވިދާޅުވިއެވެ.

comment ކޮމެންޓް