މިރެއަށް ތާވަލުކުރި ގާސިމްގެ ޝަރީއަތް ވެސް ކެންސަލްކޮށްފި

ގާސިމް އިބްރާހީމް ކޯޓަށް ހާޒިރުވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދައުވާގެ އަޑުއެހުން މިރޭ އަށެއް ޖަހާއިރަށް ތާވަލު ކުރުމަށްފަހު ކެންސަލްކޮށްފި އެވެ.

އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ދޭއް ޖަހާއިރަށް ވެސް ތާވަލު ކުރި އެވެ. ނަމަވެސް އެ ޝަރީއަތް ވެސް ކެންސަލް ކޮށްފައި ވަނީ ގާސިމްގެ ސިއްހީ ހާލަތު ގޯސްވެ އޭޑީކޭ އެޑްމިޓް ކުރުމާ ގުޅިގެންނެވެ. ގާސިމް މިހާރު ވެސް އޮންނެވީ އޭޑީކޭގައި އެޑްމިޓްކޮށްފަ އެވެ.

މިރެއަށް އަޑުއެހުން ތާވަލުކޮށް ފޮނުވި ޗިޓްގައި ބުނެފައި ވަނީ ގާސިމް ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށްގެންދާނެ ކަމަށެވެ. ނަމަވެސް މައްސަލަ ކެންސަލް ކުރި ސަބަބެއް ސާފެއް ނުވެ އެވެ.

ގާސިމްގެ ވަކީލު ހިސާން ހުސައިން ވިދާޅުވީ ގާސިމްގެ ސިއްހީ ހާލަތު ހުރިގޮތުން ކޯޓަށް ހާޒިރު ނުވެވޭނެ ކަން މިއަދު އަންގާފައިވާ ކަމަށާއި އަދި މިރޭ ޗިޓް ފޮނުވުމާ ގުޅިގެން އެ ޗިޓަށް ވެސް ހަމަ އެ ސަބާބާ ހެދި ހާޒިރު ނުވެވޭނެ ކަން އަންގާފައި ވާނެ ކަމަށެވެ.

ހިސާން ވިދާޅުވީ 2008 ވަނަ އަހަރުގެ ގާނޫނޫއަސާސީ ވުޖޫދަށް އައިފަހުން ޖިނާއީ މައްސަލައެއް ދައުވާލިބޭ މީހާގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ.

ގާނޫނުއަސާސީގެ 51 ވަނަ މާއްދާ (ޅ)

  • އެމީހެއްގެ ހާޒިރުގައި ޝަރީއަތް ކުރެވުމާއި އެމީހަކު އިހުތިޔާރުކުރާ ގާނޫނީވަކީލެއްގެ އެހީގައި ކުށުން ބަރީއަތްވުމަށް މަސައްކަތްކުރުމުގެ ހައްގު ލިބިގެންވެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 174 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބި މަގުބޫލު އުޒުރެއް ދިމާވެގެން ކޯޓަށް ހާޒިރު ނުވެވޭނަމަ އަމުރުގައި ބަޔާންކޮށްފައިވާ ގަޑީގެ އެއްގަޑިއިރު ކުރިން ކޯޓަށް އަންގަން ޖެހޭނެ އެވެ.

މަޤުބޫލު އުޒުރެއް ކަމަށް ބަލާ ހާލަތްތައް

  • ހާޒިރުވާންޖެހޭ މީހާ ކޯޓަށް ހާޒިރު ނުވެވޭ ފަދަ ބައްޔެއް ވުން
  • މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރާއި އެއްގަމު ދަތުރު ކުރެވޭ ގޮތް ނުވުން
  • ފަނޑިޔާރަށް ގަބޫލުކުރެވޭ އެހެން އުޒުރެއް މެދުވެރިވުން
comment ކޮމެންޓް