ކުރީގެ ބައެއް މުވައްޒަފުންނާ އެކު މެގަ މޯލްޑިވްސް އެނބުރި އަންނަނީ

މާލީ ހާލަތު ދަށްވެގެން، އޮޕަރޭޝަންތައް ވަގުތީ ގޮތުން ހުއްޓާލި ރާއްޖޭގެ ބައިނަލްއަގުވާމީ އެއާލައިން މެގަ މޯލްޑިވްސް އަނެއްކާވެސް އޮޕަރޭޝަންތައް ފެށުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މެގަ މޯލްޑިވްސްގެ ސީއީއޯ ޖޯޖް ވެއިންމަން ފޭސްބުކްގައި ލިޔުއްވާފައިވަނީ، މެގައިން އޮޕަރޭޝަންތައް އަލުން ފަށަން މަސައްކަތް ކުރަމުންދާ ކަމަށެވެ. މެގަ މޯލްޑިވްސްގެ އޮޕަރޭޝަންސް އަލުން ފަށަން އުޅޭކަން މީގެ ކުރިން އެކުންފުނީގެ އޮފިޝަލެއްގެ ފަރާތުން އެނގިފައިވީ ނަމަވެސް، މިއީ ރަސްމީކޮށް އެކުންފުނީގެ ބޭފުޅަކު މިކަން ހާމަކުރި ފުރަތަމަ ފަހަރެވެ.

މެއި މަހު ހުއްޓާލި މެގަ މޯލްޑިވްސް އެއާލައިންސްގެ އޮޕަރޭޝަންތައް އަލުން ފަށާނީ، އެކުންފުނީގެ ކުރީގެ ބައެއް މުވައްޒަފުންނާ އެކުގައި ކަމަށްވެސް ޖޯޖް ވިދާޅުވިއެވެ.

އެހެން ނަމަވެސް ހުސްކޮށް ބައެއް މަގާމުތައް ހުރކަންވެސް ޖޯޖް ފޭސްބުކްގައި ވިދާޅުވިއެވެ. އޭގެ ތެރޭގައި ހެޑް އޮފް ގްރައުންޑް އޮޕަރޭޝަންސް، ޑިރެކްޓަރ އޮފް ސޭލްސް އެންޑް މާކެޓިންގް، ހެޑް އޮފް ރެވެނިއު މެނޭޖްމެންޓް، ޑިރެކްޓަރ އޮފް ކޯޕަރޭޓް އެފެއާޒް، އަދި އޭ330 މަރުކާގެ މަތިންދާ ބޯޓުތަކުގެ ކެޕްޓަނުންނާއި ފަސްޓް އޮފިސަރުން އަދި ޓެކްނިކަލް ސްޓާފުން ހިމެނެއެވެ.

މެގަ މޯލްޑިވްސްގެ ސީއީއޯ ވެއިންމަން (ވ) އަދި އެމްޑީ ރިޟުވާން ޝަރީފް (މ)، އިންޑިއާ ސަފީރު އަކިލޭޝް މިޝްރާއާ އެކު ---- ފޮޓޯ/ މިޝްރާ

މެގަ މޯލްޑިވްސް ހުއްޓާލުމަށްފަހު އެކުންފުނީގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމުގެ ތެރޭގައި، އެކުންފުންޏަށް އާ މެނޭޖިންގް ޑިރެކްޓަރަކު ވަނީ އައްޔަނުކޮށްފައެވެ. އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރަކަށް ހަމަޖައްސާފައިވަނީ ފްލައިމީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު ރިޟުވާން ޝަރީފެވެ.

މެގަ މޯލްޑިވްސްގެ އޮފިޝަލަކު "ސަން"އަށް މީގެ ކުރިން ވިދާޅުވި ގޮތުގައި، އާ ބޯޓުތައް ގެނެސް، އާ ޕައިލެޓުންނާއި ކްރޫއިން ނަގަން ތިން މަސްދުވަހުގެ ތެރޭގައި ނަގާނެ ކަމަށާއި، އޮގަސްޓު މަހު ދަތުރުތައް ފަށާ އިރު ޑިމާންޑު ބޮޑު މަންޒިލްތަކަށް އެ އެއާލައިން މެދުވެރިކޮށް ދަތުރު ކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް