އަދީބުގެ ސިޓީއާއި ގުޅިގެން ނާޒިމްގެ މައްސަލަ އަލުން ބަލައި ދިނުމަށް އެދިއްޖެ

ނާޒިމް އަނބުރާ ޖަލަށް ގެންދަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ގެއިން ފެނުނު ހަތިޔާރު ބެހެއްޓީ ކާކުކަން އެނގޭކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީއާއި ގުޅިގެން އެމައްސަލަ އަލުން ބަލައި ދިނުމަށް އެއާއިލާއިން ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިއްޖެއެވެ.

ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ސަން އަށް ވިދާޅުވީ އަދީބު އެހެން ވިދާޅުވުމާއި ގުޅިގެން އެމައްސަލަ އަލުން ބަލައިދިނުމަށް އެދި ފުލުހުންނާއި ޕުރޮސިކިއުޓާ ޖެނެރަލްގެ އިތުރުން ސްޕްރީމް ކޯޓުގައިވެސް އެދިފައިވާނެ ކަމަށެވެ.

މިމަހު ކުރީކޮޅު އެއިދާރާތަކުގައި އެކަމަށް އެދިފައިވީނަމަވެސް އަދި ވަކި ޖަވާބެއް ނުލިބޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

އަދީބުގެ އެސިޓީއާއު ގުޅޭގޮތުން ދާދި ފަހުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައި ޖާއިޒު ކަމެއް އޮތްކަމަށް ކާނަލް ނާޒިމްގެ ވަކީލުންނަށް ގަބޫލު ކުރެވެންޏާ، ނާޒިމްގެ މައްސަލަ އަލުން ހުޅުވައިދޭތޯ ސުޕްރީމް ކޯޓަށް އެބޭފުޅުންނަށް ވަޑައިގަތުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ކާނަލް ނާޒިމް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނީ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅު ކަމުގެ ކުށް ސާބިތުވުމުންނެވެ.

ނާޒިމް ދިރިއުޅެމުންދިޔަ އެޕާޓްމެންޓުން ފެނުނު ފިސްތޯލައާއި ތިން ވަޒަނަކީ ނާޒިމްގެ އެއްޗެއް ނޫން ކަމަށާއި، އެކަން ހިނގައި ދިޔަ ގޮތް ރަނގަޅަށް އެނގިލައްވާ ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވަނީ ދާދިފަހުން ވިދާޅުވެ ސްޕުރީމް ކޯޓަށް ސިޓީއެއް ފޮނުއްވާފައެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު އަދީބު ސޮއި ކުރައްވައި ފިންގާޕްރިންޓް ޖައްސަވައި ސުޕްރީމް ކޯޓަށް ފޮނުއްވާފައިވާ ސިޓީގައި ދިވެހިރާއްޖޭޣެ ޝަރުއީ ކޯޓެއްގައި ނާޒިމްގެ ގެއިން ފެނުނު ފިސްތޯލާއި ތިން ވަޒަނުގެ ހަގީގަތް ހާމަކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ އެކަމުގެ ތަފްސީލު ހާމަ ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް