އަދީބުގެ ސިޓީގެ މައްސަލައިގައި ނާޒިމްގެ ވަކީލުން ކޯޓަށް ވަޑައިގަންނަވާ: ރައީސް

މީގެ ކުރީން ދަރުބާރުގޭގައި ބޭއްވި ހަފްލާއެއްގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ ---- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެއިން ފެނުނު ހަތިޔާރު ބެހެއްޓީ ކާކުކަން އެނގޭކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައިވާ ވާހަކަތަކާ ގުޅިގެން، ނާޒިމްގެ ވަކީލުންނަށް ސުޕްރީމް ކޯޓަށް ދިއުމުގެ ފުރުސަތު އެބަ އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ޕީޕީއެމްއަށް ސޮއިކުރުމަށް ޕީޕީއެމް އޮފީހުގައި ކުރިޔަށްދާ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްއިން ދާދި ފަހުން ވަކިވި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ދަނީ، އެމަނިކުފާނަށް ނުފުއްދައިދެވޭނެ ކަންކަން އެމަނިކުފާނަށް ޝަރުތު ކުރަމުން ކަމަށެވެ.

ރައީސް ވިދާޅުވީ، ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ ގެއިން ފެނުނު ހަތިޔާރާ ގުޅޭ މައުލޫމާތު އަދީބަށް އެނގިވަޑާއިގަންނަވާ ކަމަށް ވިދާޅުވެ އެމަނިކުފާނު ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ބުނެ، ރައީސް ޔާމީންގެ ރިޔާސީ ބާރު ބޭނުންކުރައްވައިގެން ނާޒިމް ދޫކޮށްލުމަށް ބައެއް މެމްބަރުން ވިދާޅުވަމުން ގެންދެވި ކަމަށެވެ.

"ސުޕްރީމް ކޯޓުން މިހެން ނިންމާފައި އޮތަސް، ރައީސް ޔާމީން އެގްޒެކެޓިވް ބާރު ބޭނުންކުރައްވައިގެން ނާޒިމް ދޫކޮށްލާށޭ [ވިދާޅުވޭ]. އަޅުގަނޑަކީ ޝަރުއީ ދާއިރާއިން ނިންމާފައި ހުރި ކަންކަން، އެގްޒެކެޓިވް ބާރު ބޭނުންކޮށްގެން އެ ނިންމުން އަނެއް ކޮޅަށް ޖަހާނެ މީހެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައި ޖާއިޒު ކަމެއް އޮތްކަމަށް ކާނަލް ނާޒިމްގެ ވަކީލުންނަށް ގަބޫލު ކުރެވެންޏާ، ނާޒިމްގެ މައްސަލަ އަލުން ހުޅުވައިދޭތޯ ސުޕްރީމް ކޯޓަށް އެބޭފުޅުންނަށް ވަޑައިގަނެވޭނެ ކަމަށެވެ.

"އެ މައްސަލަ އަލުން ހުޅުވާލާތޯ ސުޕްރީމް ކޯޓަށް ވަޑައިގަތުމަކީ ރައީސް ޔާމީން ކުރަން ޖެހޭ ކަމެއް ނޫން،"

ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކޮށްފައިވާ ހުކުމް މައާފުކޮށްދެއްވުމަށްފަހު ދޫކޮށްދޭންވެސް ބައެއް ފަރާތްތަކުން އެދެމުންދާ ކަމަށާއި، ނަމަވެސް އެއީވެސް ރައީސަށް ކުރެވޭނެ ކަމެއް ނޫން ކަމާށެވެ.

"އަޅުގަނޑަށް ނުފުއްދޭ މިކަހަލަ ޝަރުތުތައް ކުރިމަތިކޮށްފައި، އަޅުގަނޑާ އެކީ މަސައްކަތް ކުރެއްވި މަޖިލީސް މެމްބަރުން އަޅުގަނޑާ ވަކިވިޔަސް އޭގައި ކުރެވޭނެ ކަމެއް ނޯންނާނެ. އަޅުގަނޑަކީ އުސޫލާ އެއްގޮތަށް ކަންކަން ކުރަން ބޭނުންވާ މީހެއް،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް