ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފި

ނާޒިމް އަނބުރާ ޖަލަށް ގެންދަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފި އެވެ.

ނާޒިމްގެ ގޭކަމަށްވާ ސީނުކަރަންކާގޭ ކައިރީގައި ހުރި ސަންގެ ނޫސްވެރިޔާ މުއާވިޔަތު އަންވަރު ބުނިގޮތުގައި ކަރެކްޝަންގެ ބޭފުޅުން މިއަދު 3:50 ކަންހާއިރު ނާޒިމް ބަހަށް އަރުވައިގެން ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.

ކާނަލް ނާޒިމް މިއަދު ކެރެކްޝަންސްގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން އޭނާގެ މަންމައާއި ބައްޕައާއެކު-- ފޮޓޯ: އިސްމާއިލް ހަމީދު

އެކަމާއި ގުޅޭގޮތުން ކަރެކްޝަންގެ ބަހެއް ހޯދަން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބް ވާގޮތްނުވެފައެވެ.

ގޭގައި ހުންނަވަނިކޮށް ނާޒިމް މިދިޔަ މާޗްމަހުގެ 29 ވަނަ ދުވަހު ޖަލަށް ގެންދިޔަ ނަމަވެސް މިދިޔަ މޭ މަހު 26 ވަނަ ދުވަހު އޭނާ އަނބުރާ ގޭބަންދަށް ވަނީ ބަދަލުކޮށްފައެވެ. ގޭބަންދަށް ބަދަލުކުރީ ރޯދައަށެވެ.

ކާނަލް ނާޒިމް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނީ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅު ކަމުގެ ކުށް ސާބިތުވުމުންނެވެ.

ނާޒިމް އަނބުރާ ޖަލަށް ގެންދަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނާޒިމް އަނބުރާ ޖަލަށް ބަދަލުކުރަން ނިންމާފައިވާއިރު ނާޒިމް ދިރިއުޅެމުންދިޔަ އެޕާޓްމެންޓުން ފެނުނު ފިސްތޯލައާއި ތިން ވަޒަނަކީ ނާޒިމްގެ އެއްޗެއް ނޫން ކަމަށާއި، އެކަން ހިނގައި ދިޔަ ގޮތް ރަނގަޅަށް އެނގިލައްވާ ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވަނީ ދާދިފަހުން ވިދާޅުވެ ސްޕުރީމް ކޯޓަށް ސިޓީއެއް ފޮނުއްވާފައެވެ.

މިމަހުގެ 20 ވަނަ ދުވަހު އަދީބު ސޮއި ކުރައްވައި ފިންގާޕްރިންޓް ޖައްސަވައި ސުޕްރީމް ކޯޓަށް ފޮނުއްވާފައިވާ ސިޓީގައި ދިވެހިރާއްޖޭޣެ ޝަރުއީ ކޯޓެއްގައި ނާޒިމްގެ ގެއިން ފެނުނު ފިސްތޯލާއި ތިން ވަޒަނުގެ ހަގީގަތް ހާމަކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ އެކަމުގެ ތަފްސީލު ހާމަ ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް