އެތައް ބަޔަކު ގަނޑުވަރު ބަލަންދިޔަ އިރު އީދަށް ތަޅުއަޅުވާފައި

އުތީމު ގަނޑުވަރުގެ އިރު އިތުރު ކަނުގައިވާ އަށިގޭގެ ފަން ފަދަލުކޮށްފައި -- ސަން ފޮޓޯ: އަސްރާރު

އީދު ބަންދުވުމާ އެކު ގިނަ ބަޔަކު އެކި ދިމަދިމާއަށް ދަތުރުތައް ފެށިއިރު އޭގެ ތެރެއިން ގިނަ ބައެއްގެ މަންޒިލަކަށް މިފަހަރު ވެސްވީ ހއ. އުތީމެވެ. އެރަށުގެ ގުދުރަތީ ރީތިކަން ބަލާކަށް ނޫނެވެ. ޕޯޗްކީޒުންގެ ކިބައިން ރާއްޖެ ސަލާމަތްކުރެއްވި ތިންބެއިންގެ ރަށަކީ އެއީ ކަމުގައިވާތީ އެވެ. އެބޭފުޅުން ދިރިއުޅުއްވި ގެދޮރު "އުތީމު ގަނޑުވަރުގެ" ގޮތުގައި ޗާލުކަމާ އެކު ފެންނަން ހުރީތީ އެތަން ބަލާލުމަށް ޓަކަ އެވެ. އެތައް ސަތޭކަ އަހަރުވެފައިވާ އެ އިމާރާތަކީ މިއަދު ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އިމާރާތަށްވެފައި އޭރުގެ ދިރިއުޅުން ވަރަށް ފުރިހަމައަށް އެގަނޑުވަރުން ދަށްކުވައި ދޭތީ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން ކުރިއާލާ ދަތުރު ހަދައިގެން މިބަންދުގައި އުތީމަށް ދިޔަ ނަމަވެސް އެފަރާތްތަކަށް ލިބުނީ ބޮޑު ހިތްދަތިކަމެކެވެ.

ބަލާލަން ދިޔަ އުތީމު ގަނޑުވަރު ހުރީ ބަންދުކޮށްފަ އެވެ. އެތަނުގައިހަރުކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ "މިއަހަރުގެ ފިތުރު އީދު ބަންދުގައި އުތީމު ގަނޑުވަރު ހުޅުވާގޮތަށް ހަމަޖެހިފައިނެތް ވާހަކަ ގަނޑުވަރަށް ޒިޔާރަތްކުރައްވާ އެންމެހާ މެހެމާނުންގެ މައުލޫމާތަށް ޓަކައި ދެންނެވީމެވެ."

އެއިއުލާންފެނި އެތައް ބަޔަކު މާޔޫސްކޮށްލާފައިވާ އިރު ދެން އެތަން ދެން ހުޅުވުމަށް ނިންމާފައިވާ ކަމަށް އިއުލާނުގައި ބުނެފައި ވަނީ އަންނަ އާދިއްތަ ދުވަހު އެވެ. އެއީ ބަންދު ނިމި ރަސްމީކޮށް ސަރުކާރުގެ އިދާރާތައް ހުޅުވުމުންނެވެ.

މިވަގުތު އުތީމުގައި ހުރި ބޭރުގެ ނޫސްތަކަށް ފްރީލާންސްކޮށް މަަސައްކަތްކުރާ ދިވެހި ނޫސްވެރިޔާ އުމައިމާ ރަޝީދު ބުނި ގޮތުގައި އިއްޔެ އެކަނި ވެސް ހަތަރު ރަށަކުން މީހުން އުތީމު ގަނޑުވަރު ބަލަން ދިޔަ ކަމަށާއި އެތަން ބަންދުކޮށްފައި ހުރުމުން އެތަނަށް ނުވަދެވި އަނބުރާ ދާންޖެހުނު ކަމަށެވެ. އުތީމު ގަނޑުވަރު ބެލުމަށް އެތައް ބަޔަކު މިބަންދުގައި އެ ރަށަށް އަންނަމުންދާ ކަމަށް އުމައިމާ ބުންޏެވެ.

ހއ. އުތީމުގައި ހުންނަ އުތީމު ގަނޑުވަރު

"ހޮސްޕިޓަލްތަކާއި ޓީވީ ސުޓޭޝަންތަކާއި މިއުޒިއަމްތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބަންދު ދުވަހޭ ކިޔާފައި ބަންދު ކުރާ ތަންތަނެއް ނޫން، އަދި މިރާއްޖޭގައި މިކަހަލަ މަދުތަނެއް ހުންނަ އިރު ޑިއުޓީ ބަހައިގެން ނަމަވެސް މީހުންނަށް ވަދެވެން ވާނެ ނޫންތޯ،" އުމައިމާ ބުންޏެވެ.

އުތީމު ވިޔަފާރިތަކަށް ވެސް ބޮޑުގެއްލުމެއް

އުތީމުގައި ކެފޭ ހިންގާ ވިޔަފާރިވެރިއަކު ބުނި ގޮތުގައި މިދިޔަ ބޮޑު އީދު ބަންދުގައި ދެ ދުވަހަށް ގަނޑުވަރު ހުޅުވީތީ ވެސް ހަފްތާއެއްގެ އާމްދަނީ އޭގެން އެއް ދުވަހުން ލިބުނު ކަމަށެވެ. ގަނޑުވަރު ބެލުމަށް އެރަށަށް އަންނަ މީހުން ކެއިންބުއިމަށް އެކެފޭއަށް ވަންނައިރު އާންމު ދުވަސްދުވަހުގެ ސޭލްސް 2000 ރުފިޔާގައި އުޅޭއިރު އީދު ބަންދުގައި 14000 އަށް ވުރެ މައްޗަށް އަރައިގެން ދާ ކަމަށް އޭނާ ބުންޏެވެ.

"މިދިޔަ އީދުގައި ދެ ދުވަހަށް ހުޅުވީ، ހުޅުވި ފުރަތަމަ ދުވަހު އެކަނި ވެސް ހަފްތާއެއްގެ ސޭލްސް ލިބުނު. މިގޮތަށް ބަންދުކޮށްފައި އޮތުމަކީ އަޅުގަނޑުމެން ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ގެއްލުމެއް، އަޅުގަނޑު އެކަންޏެއް ނޫން، ހުރިހާ ވިޔަފާރިވެރިން ވެސް މިކަމާ ކަންބޮޑުވޭ،" އޭނާ ބުންޏެވެ.

އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި މިފަދަ ބަންދެއްގައި އުތީމުގަނޑުވަރު ބަންދުކޮށްފައި ބެހެއްޓުމަކީ އެރަށު ރައްޔިތުންނާއި ކައުންސިލުން ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް ކަމަށާއި އެކަމުގެ ސަބަބުން އެރަށަށް ލިބެންއޮތް އެތައް ނަފާއެއް ގެއްލިގެންދާ ކަމަށެވެ.

އުތީމުގަނޑުވަރުގެ އެތެރެ--

"އުތީމު އުތީމަކަށް މިވަނީ ގަނޑުވަރު ހުރުމުން ދެއްތޯ، އެހެން ނޫނީ މިހިސާބު އެހެން ރަށެކޭ އުތީމެކޭ ތަފާތެއް ނެތެއްނޫންތޯ؟. މިރަށަށް ގަނޑުވަރު ބަލަން މީހުން އައުމުން އެމީހުން މިރަށުން ވިޔަފާރިކޮށް ވެސް ހަދާނެ، އެއީ މުޅި ރަށަށް ލިބޭ ނަފާއެއް،" ރަޝީދު ވިދާޅުވި އެވެ.

މީގެ ކުރީ އަހަރުތަކުގައި ބަންދު ދުވަސްތަކުގައި އުތީމު ގަނޑުވަރު ހުޅުވި ނަމަވެސް މިހާރު އަލަށް ގެނައި ބަދަލާ އެކު ބަންދު ދުވަސްތަކުގައި އެތަން ބަންދުކުރާތީ އެކަމާ ހިތްހަމަ ނުޖެހޭ ކަމަށާއި އެކަން ރަސްމީކޮށް ހެރިޓޭޖަށް ހުށައަޅަން ނިންމާފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.

މިބޮޑު ބަންދާ އެކު އުތީމުގަނޑުވަރު ބަންދުކުރި ސަބަބު ހޯދަން ހެރިޓޭޖަށް ގުޅި ނަމަވެސް އެފަރާތުގެ ރަސްމީ ބަހެއް ވަނީ ލިބޭގޮތްނުވެފަ އެވެ.

ތާރީހީ ތަންތަން ބެލޭނެގޮތްތަކެއް ހަމަޖައްސަން ޖެހޭ

އީދާ ގުޅިގެން ބޮޑު ބަންދެއް ލިބިފައިވާ އިރު އަދި އެތައް ބަޔަކު ގަނޑުވަރު ބެލުމަށް އުތީމަށްގޮސްފައިވާ އިރު ދިވެހިބަހާއި ތާރީހުގެ ދާއިރާއިން ފުންނާބުއުސް ބޭފުޅެއްކަމަށްވާ އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ ދިވެހި ތާރީހީ ތަންތަން ބަލަން ދިވެހިން ލޯބިކުރާކަމަކީ އުފަލެއް ކަމަށާއި އެފަދަ ފަރާތްތަކަށް މަގުފަހިވާ ގޮތަށް ފުރުސަތުތައް ހަމަޖައްސަން ޖެހޭ ކަމަށެވެ.

އުތީމުގަނޑުވަރުގެ އެތެރެ

"ކިޔަވާކުދިންނަށް ނުވަތަ ވަޒީފާތަކުގައި އުޅޭ ފަރާތްތަކަށް ވެސް، އަދި ގިނަ ބަޔަކަށް އެފަދަ ތަންތަނަށް ޒިޔާރަތްކޮށް ބަލައި ހެދޭނީ ބަންދު ދުވަސްތަކުގައި ކަމަށްވާތީ އެފަރާތްތަކަށް އެ ފުރުސަތު އޮންނަން ޖެހޭ ކަމަށް ގަބޫލް ކުރަނީ." އާދަމް ނަސީރު ވިދާޅުވި އެވެ.

ބަންދު ދުވަސްތަކުގައި ދިވެހިން ރާއްޖެ އިން ބޭރަށް ދަތުރުތައް ކުރާމިންވަރު އިތުރުވުމާ އެކު ރާއްޖެ އިން ބޭރަށް ގެންދާ ޑޮލަރުގެ އަދަދު މަދުކުރުމަށް އަތޮޅުތެރެއަށް ދަތުރުތައް ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން އިލްތިމާސްކުރެ އެވެ.

ކޮންމެ އަކަސް ދިވެހި ރާއްޖޭގައި މިވަގުތު ހުރި އެންމެ ދުވަސްވީ އިމާރާތް، އަދި ރާއްޖެ މިނިވަން ކުރުމަށް ޓަކައި އުތީމު ތިން ބެއިން ކުރެއްވި ޖިހާދު ބަލާލުމަށް އެ ރަށަށް ދިޔަ އެތައް ބަޔަކަށް މިވަނީ މާޔޫސްކަން ގެނުވާފަ އެވެ. ބަންދު ދުވަހު ގަނޑުވަރު ވެސް ބަންދުކުރީތީ އެވެ.

އުތީމު ގަނޑުވަރަކީ؟

އުތީމު ގަނޑުވަރަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކުރުމަށް ޖިހާދު ކުރެއްވި އުތީމު ތަކުރުފާނުންގެ ބައްޕަ ޙުސައިން ޚަޠީބު ތަކުރުފާނުގެ ގެއެވެ.

އުތީމު ތިންބެއިންނާއި ފާޠިމާފާނު އުޅުއްވައި ބޮޑުފުޅުވީ މިގެކޮޅުގަ އެވެ. އިހުގައި މިގެކޮޅުގެ ބިތްތަކުގެ ބައެއް ހަދާފައި ހުރީ ބިމަށް ކާނިމުޑިޖަހައި، ދެމުޑި ދޭތެރޭ ގާފޮޅުމަތީ ފަތިވަކަރާއި އަރިވަކަރު އަޅައި އެވަކަރުތަކަށް މެއްލަޖަހައި ލާދުނބުރިން ބިތްގަތައި ބިތުގެ ބޭރުން ސަޓާޖަހައި އޭގެމަތިން ބިތްފަންދަމައި އޮބިއަޅައިގެންނެވެ. ނަމަވެސް ދަމާދޮރު ލާފައި ހުރި ބިތްތައް މިހާރު ވެސް ފެންނަށް އެހުރީ އޭރު ހުރި ގޮތަށް ލަކުޑިންނެވެ. މިގެކޮޅު ހިޔާކޮށްފައި ހުރީ ބިތްފަނުންނެވެ.

ޕޯޗްކީޒުންގެ ކިބައިން ދިވެހިން ސަލާމަތް ކުރެއްވި ތިން ބޭފުޅުންގެ ތެރޭގައި ހިމެނެނީ އުތީމް އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް(ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު) އާއި، ޙަސަން ރަންނަބަނޑޭރި ކިލެގެފާނު އާއި އުތީމު ޢަލީ ތަކުރުފާނެވެ.

comment ކޮމެންޓް