ހަވާލުވެފައި ހުރި ގިނަ ޕްރޮޖެކްޓްތައް މިއަހަރުގެ ނިޔަލަށް ނިމޭނެ: އެމްއާރުޑީސީ

މިއަދު އެމްއާރުޑީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަވާލުވެފައި ހުރި ގިނަ ޕްރޮޖެކްޓްތައް މި އަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އިން ބުނެފި އެވެ.

އެމްއާރުޑީސީގެ ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަރު ޕްރޮޖެކްޓްސް، މުހައްމަދު ޝަރީފް ވިދާޅުވީ، ޕްރޮޖެކްޓްތައް ވީހާވެސް އަވަހަށް ނިންމައި ރައްޔިތުންނަށް އެތަނުގެ ހިދުމަތް ލިބިދިނުމަށް އެ ކުންފުނިން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މިއަހަރު ނިމުމަކާ ހިސާބަށް ދާއިރުގައި މީގެތެރެއިން ގިނަ ޕްރޮޖެކްޓްތަކެއް ނިމިގެންދާނެކަން،" މުހައްމަދު ޝަރީފް ވިދާޅުވި އެވެ.

އެގޮތުން މަގުހެދުމުގެ މަޝްރޫތަކުގެ ތެރެއިން ހދ. ކުޅުފުއްޓާއި ހއ. ދިއްދޫގެ މަގުހެދުމުގެ މަސައްކަތްތައް މިއަހަރުގެ އޮގަސްޓްގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ 67 ރަށެއްގެ ފުޓްސަލް ދަނޑު ހެދުމުގެ މަސައްކަތް މިހާރު އެ ކުންފުނިން ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން އޭގެ ތެރެއިން ވެސް ގިނަ ރަށްތަކެއްގެ މަސައްކަތްތައް ވެސް މިހާރު ނިމުމަކާ ކައިރިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފާހަގަކޮށްލަން ފުޓްސަލް ދަނޑުތަކުގެ މަސައްކަތް މި ގެންދެވެނީ ދެބަޔަކަށް. ފުރަތަމަ ބަޔަކީ ސިވިލް ވޯކްސްގެ މަސައްކަތް ދެވަނަ ބަޔަކީ ފެންސާ ޓާފް އެޅުމާ ލައިޓް ހަރުކުރުމުގެ މަސައްކަތްތައް. ސިވިލް ވޯކްސްގެ މަސައްކަތްތައް ވެސް މިހާރު ދެބައިކުޅަ އެއްބައިގެ ރަށްތަކުގައި މިވަނީ ނިމިފައި،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިވިލް ވޯކްތައް މިހާރު ނިމިފައި ހުރި ރަށްތަކުގެ އެހެނިހެން މަސައްކަތްތައް ޑިސެމްބަރުގެ ކުރިއަށް ނިންމާލެވޭނެ ކަމަށެވެ.

އެ މަސައްކަތްތަކުގެ އިތުރުން އެމްއާރުޑީސީން ތިނަދޫގައި ހަދާ ޕާކްގެ މަސައްކަތްތައް ވެސް މިހާރު 90 ޕަސެންޓް ނިންމާލެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މިހާރު ކުރަމުންދަނީ ޕާކްގެ ތެރޭގައި ހަރުކުރަންޖެހޭ ކުދިކުދި ބޯޑުތައް ހަރުކުރުމުގެ މަސައްކަތްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް