ނަހުލާގެ އުފެއްދުންތައް ވެސް ސަން ޕްލޭ އަށް، ފިލްމު ޔޫސުފް މިހާރު ބަލައިލެވޭނެ

ފިލްމް ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާ އަދި ސަން މީޑިއާ ގްރޫޕްގެ ސީއޯއޯ މިންހާ ފާއިޒު --- ސަންފޮޓޯ: ފަޔާޒް މޫސާ

މަޝްހޫރު ފިލްމް ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އުފެއްދުންތައް ސަން ޕްލޭ ގައި ހިމަނަން ނިންމައި ސަން މީޑިއާ ގުރޫޕާއި ނަހުލާއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ސަން މީޑިއާ ގުރޫޕާއި ނަހުލާއާ ދެމެދު މި ވެވުނު އެއްބަސްވުމުގެ ދަށުން ނަހުލާ އުފައްދާފައިވާ ވީޑިއޯ ލަވަ ތަކާއި ފިލްމުތައް ސަން ޕްލޭ މެދުވެރިކޮށް ބަލައިލުމުގެ ފުރުސަތު ފަހިވެގެން ދާނެ އެވެ. އެ ގޮތުން ނަހުލާ އުފައްދާފައި ގިނަ އަދަދެއްގެ ވީޑިއޯ ލަވަތައް މިހާރު ވަނީ ސަން ޕްލޭގައި ހިމަނައިފަ އެވެ.

ނަހުލާ ގެ ފިލްމު ތަކުގެ ތެރެއިން އާންމުންގެ މަގުބޫލުކަން އެންމެ ބޮޑަށް ލިބިގެން ދިޔަ އެއް ފިލްމު ކަމަށްވާ "ޔޫސުފް" ވެސް ސަން ޕްލޭ އިން މިހާރު ބަލައިލެވޭނެ އެވެ.

ފިލްމް ޔޫސުފްގެ ފޯސްޓަރ

ކުރިޔަށް އޮތް ދުވަސް ތަކުގެ ތެރޭގައި ނަހުލާގެ އެހެން ފިލްމުތައް ކަމަށްވާ، ވީރާނާ، ޒުލޭޚާ، ކަލާޔާނުލާ، ނާއުއްމީދު، މިހަށީންފުރާނަދަންދެން އަދި ލޯބިނުވެވުނުނަމަ ވެސް ސަން ޕްލޭއަށް އަންނާނެ އެވެ.

ނަހުލާ ގެ ހުރިހާ ފިލްމު ތަކަކީ ވެސް އާންމުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ފިލްމުތަކެވެ. އަދި އެ ފިލްމު ތަކަށް ވަނީ ގިނަ އެވޯޑު ތަކެއް ލިބިގެން ގޮސްފަ އެވެ.

ސަން ޕްލޭ އަކީ އޮންލައިންކޮށް އެކި ކަހަލަ ވީޑިއޯތައް ބަލައިލެވޭ ގޮތަށް ރާއްޖޭގައި ތައާރަފުކޮށް ހިންގަމުން އަންނަ އެންމެ ބޮޑު ވެބްސައިޓެވެ. ސަން މީޑިއާ ގުރޫޕުގެ ކުޑައިގެ ދަށުން ހިންގަމުން އަންނަ ސަން ޕްލޭގެ ވެބްސައިޓުގައި މިހާރު 3000 އަށް ވުރެ ގިނަ ވީޑިއޯ ވަނީ ހިމަނައިފަ އެވެ. މި ވީޑިއޯ ތަކުގެ ތެރޭގައި މުނިފޫހި ފިލުވުމާއި ދީނީ މައުލޫމާތު ތަކާއި ސިއްހަތާއި ތާރީޚު ފަދަ ދާއިރާ ތަކުގެ ވީޑިއޯތައް ހިމެނެ އެވެ. ސަން ޕްލޭ އަށް ވަނުމަށް ފަހު އެ މީހަކު ބޭނުން ދާއިރާ އަކުން ފަސޭހަކަމާ އެކު ވީޑިއޯތައް ސާޗް ވެސް ކޮށްލެވޭނެއެވެ.

މި ވަގުތު ސަން ޕްލޭ ގައި ހުންނަ ވީޑިއޯތައް ބެލޭނީ އުރީދޫ ނެޓްވޯކު މެދުވެރިކޮށެވެ.

comment ކޮމެންޓް