ކެނޑުނު ގުޅުމެއް އަލުން ބަދަހިކުރަން ސިޔާސަތަށް ބަދަލެއް ނުގެންނާނަން: ގަތަރު

ގަތަރުގެ ފޮރިން މިނިސްޓަރު ޝައިހް މުހައްމަދު ބިން އަބްދުލްރަހްމާން އަލް ތާނީ -- ފޮޓޯ/ ގަލްފް ނިއުސް

އެކި ގައުމުތަކާ އޮތް ގުޅުން ކެނޑިފައިވާތީ "ދެރަވާ" ކަމަށާއި ނަމަވެސް ކެނޑުނު ގުޅުމެއް އަލުން ބަދަހި ކުރުމުގެ ބޭނުމުގައި ހާރިޖީ ސިޔާސަތަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ގަތަރުން ބުނެފި އެވެ.

ގަތަރުން އެހެން ބުނީ ގައުމުގެ ފޮރިން މިނިސްޓަރު ޝައިހް މުހައްމަދު ބިން އަބްދުލްރަހްމާން އަލް ތާނީ އަލްޖަޒީރާ އަށް ދިން އިންޓަވިއުއެއްގަ އެވެ.

"އަޅުގަނޑުމެން އަޅުގަނޑުމެންގެ ގައުމުގެ ފޮރިން ޕޮލިސީ [ހާރިޖީ ސިޔާސަތު] އަށް ބަދަލެއް ގެނައުމުގެ އެއްވެސް ވިސްނުމެއް ނުގެންނާނަން. އެއީ ވާނެކަމެއް ނޫން،" ގަތަރުގެ ފޮރިން މިނިސްޓަރު އަލްޖަޒީރާ އަށް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ އެ ގުޅުންތައް އަލުން ބަދަހި ކުރުމަށް އެ ގައުމާ ވަކިވި އެއްވެސް ގައުމަކުން މިހާތަނަށް އެއްވެސް ޑިމާންޑެއް ވެސް ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ހަމަޖެހޭ ގޮތަކަށް އެ މައްސަލަތައް ހައްލުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ގަތަރާ އެކު ބާއްވަމުން ގެންދިޔަ ޑިޕްލޮމެޓިކް ގުޅުންތައް ސައޫދީ އާއި ބަހްރައިން އާއި ޔޫއޭ އާއި މިސްރުން ކުއްލި ގޮތަކަށް ކަނޑާލާފައިވާ އިރު، ގަތަރުން ބުނީ މިހަތަރު ގައުމުގެ ނިންމުމާމެދު ހައިރާންވާ ކަމަށާއި އެ ގައުމުތަކުން ގަތަރާ ދެކޮޅަށް ކޮށްފައި ވަނީ އަސާސެއް ނެތް ތުހުމަތު ތަކެއްކަމުގަ އެވެ.

ގަތަރުގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގަލްފުގެ ސަރަހައްދަށް ބާރާއި ނުފޫޒު ހިންގައި ގަލްފުގެ ގައުމުތަކުގެ ސަރުކާރުތައް ވައްޓާލަން ގަތަރުން މަސައްކަތް ނުކުރާ ކަމަށާއި އަދި ހަރުކަށި ޖަމާއަތްތަކަށް ފައިސާދީ ގަލްފުގެ އަމަނާއި ސަލާމަތް ނަގާލަން ވެސް ގަތަރުން މަސައްކަތް ކޮށްފައިނުވާނެ ކަމުގަ އެވެ.

ސައޫދީ އާއި ބަހްރައިން އާއި ޔޫއޭ އާއި މިސްރުން ވަނީ ގަތަރާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލުމުގެ އިތުރުން އެ ގައުމުތަކުގައި ތިއްބެވި ގަތަރުގެ ޑިޕްލޮމޭޓުން ފުރުމަށް ވެސް އަމުރުކޮށްފަ އެވެ.

މީގެ އިތުރުން މިހަތަރު ގައުމުން ވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދާއި ކަނޑުގެ ސަރަހައްދަށް ގަތަރުގެ ވަޔާއި ކަނޑުގެ އުޅަނދުތަކަށް ވަނުންވެސް މަނާކޮށްފަ އެވެ. މީގެތެރޭގައި ކަނޑާއި ވައިގެ ބަނދަނރުތައް ބޭނުންކުރުން ވެސް މަނާކުރުން ވެސް ހިމެނެ އެވެ. މި ހަތަރު ގައުމުގެ ތެރޭން ސައޫދީ އާއި ޔޫއޭއީން ވަނީ އެ ދެ ގައުމުގައި ދިރިއުޅޭ ގަތަރުގެ އާންމުން ވެސް 14 ދުވަހުގެ ތެރޭގައި ފުރުމަށް އަންގާފަ އެވެ.

ސައޫދީ ސަރުކާރާ ހަވާލާދީ އެގައުމުގެ ރަސްމީ ނޫސް އެޖެންސީ ބުނިގޮތުގައި ގަތަރާ ހުރިހާ ބާވަތެއްގެ ގުޅުންތައް ކަނޑާލަންޖެހުނީ ދީނީގޮތުން ހައްދު ފަހަނަޅައި ދިޔުމާއި ޓެރަރިޒަމްގެ ނުރައްކަލުން ސައޫދީ ސަލާމަތް ކުރުމުގެ ބޭނުމުގަ އެވެ.

ބަހްރައިން އިންބުނީ ގަތަރާ ގުޅުންތައް ކަނޑާލަންޖެހުނީ އެގައުމުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާތީ ކަމުގައެވެ. ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އިންބުނީ ގަތަރާ ގުޅުންތައް ކަނޑާލަންޖެހުނީ ގަތަރުން ގަލްފުގެ ސަރަހައްދަށް ބާރާއި ނުފޫޒު ހިންގައި ގައުމުތަކުގެ ސަރުކާރުތައް ވައްޓާލަން މަސައްކަތްކޮށް ހަރުކަށި ޖަމާއަތްތަކަށް ފައިސާދީ ގަލްފުގެ އަމަނާއި ސަލާމަތްވެސް ނަގާލަން މަސައްކަތްކުރާތީ އެވެ.

comment ކޮމެންޓް