އިޓަލީއިން އެންމެ ރީތި ކަނޑުގެ މަންޒިލަކަށް ހޮވީ ދިވެހިރާއްޖެ!

އިޓާލިއަން ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް ލިބުނު އެވޯޑާ ޑރ. ހާލާ ހަވާލުވެލައްވަނީ --

އިޓަލީގެ އިޓާލިއާ ޓްރެވަލް އެވޯޑްސްގައި އެންމެ ރީތި ކަނޑުގެ މަންޒިލު ނުވަތަ ބެސްޓް ސީ ޑެސްޓިނޭޝަންގެ އެވޯޑު ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.

އިޓަލީގެ ވެރިރަށް ރޯމްގެ ރޯމަން އެކުއޭރިއަމްގައި ރޭ އޮތް އިޓާލިއާ ޓްރެވަލް އެވޯޑްސްގައި، ރާއްޖެއަށް ބެސްޓް ސީ ޑެސްޓިނޭޝަންގެ އެވޯޑު ލިބުނީ ޕެސިފިކްގެ ޖަޒީރާ ޕޮލިނޭޝިއާ، އަދި އިންޑިއާ ކަނޑުގެ ޖަޒީރާ، ސީޝެލްސްއާ ވާދަކޮށްގެންނެވެ.

ރާއްޖެއަށް ލިބުނު އެވޯޑާ ހަވާލުވެލެއްވީ، ޖެނީވާގައި ހުންނަވާ ރާއްޖޭގެ ދާއިމީ ސަފީރު ޑރ. ހާލާ ހަމީދެވެ.

އެވޯޑު ލިބުނު އިތުރު ފަރާތްތަކަށް ބަލާއިރު، ބެސްޓް ކަލްޗަރަލް ޑެސްޓިނޭޝަނާއި، ހުރިހާ ގޮތަކުން އެންމެ ރަނގަޅު މަންޒިލަކަށް ހޮވުނީ އިޓަލީއެވެ. އަދި ނޭޗަރ، އެޑްވެންޗާ އެންޑް ސްޕޯޓްސްގެ އެންމެ ރަނގަޅު ޑެސްޓިނޭޝަނަކަށް ހޮވުނީ އޮސްޓްރޭލިއާއެވެ.

މީގެ އިތުރުން، އެންމެ ރަނގަޅު އެއާލައިނުގެ އެވޯޑު ލިބުނީ އެމިރޭޓްސްއަށެވެ.

އިޓާލިއާ ޓްރެވަލް އެވޯޑްސްއަކީ އިޓަލީގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ.

ރާއްޖެއަކީ އިޓަލީގެ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ބޮޑު މާކެޓެއްވެސް މެއެވެ.

އިޓަލީގެ ގައުމީ އެއާލައިން އަލިޓާލިއާއިން ދަނީ މިއަހަރުގެ ފިނި މޫސުމާ ދިމާކޮށް ރޯމްއިން މާލެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވެސް ވަމުންނެވެ.

މިދިޔަ އަހަރު އިޓަލީ އިން ރާއްޖެއަށް 71،202 ފަތުރުވެރިއަކު ރާއްޖެއަށް އައިކަމަށް ރިކޯޑު ކުރެވިފައިވެ އެވެ. މިއީ 2015 ވަނަ އަހަރާ އަޅާ ބަލާއިރު، އިޓަލީ ފަތުރުވެރިންގެ 5.5 އިންސައްތަ ކުރިއެރުމެކެވެ.

މިއަހަރުގެ މާޗު މަހާ ހަމައަށް އިޓަލީއިން 33،000 އަށް ވުރެ ގިނަ ދިވެހީން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހާ އަޅާ ބަލާއިރު 22 ޕަސަންޓުގެ ކުރިއެރުމެކެވެ.

comment ކޮމެންޓް