އެޗްއާރްސީއެމްގެ މެމްބަރު ކަމުން ޝިފާގު އިސްތިއުފާ ދެއްވައިފި

ހިސްޓޯ: މެމްބަރުކަމުން ވަނީ އިސްތުއުފާ ދެއްވާފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޝިފާގު މުފީދު (ހިސްޓޯ) އެ ކޮމިޝަންގެ މެމްބަރު ކަމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އެޗްއާރްސީއެމްގެ މެމްބަރުގެ މަގާމުން ހިސްޓޯ އިސްތިއުފާ ދެއްވިކަން އޭނާ ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވާފަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއް ނުވި އެވެ.

ފުވައްމުލަކު މެދު ދާއިރާ މެންބަރު ކަން ވެސް ކުރެއްވި ހިސްޓޯ ވަނީ އެޗްއާރްސީއެމްގެ ބައެއް ނިންމުންތަކާމެދު ހިތްހަމަނުޖެހިވަޑައިގެން، މީޑިއާގައި ވާހަކަފުޅު ދައްކަވާފަ އެވެ. ހިސްޓޯ އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ކަށަވަރެއް ނުވެވެ.

ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ހިސްޓޯ އެޗްއާރްސީއެމްގެ މެމްބަރު ކަމަށް އައްޔަން ކުރެއްވީ 2015 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ.

އޭނާ އެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން ހުންނެވީ ސަރުކާރު ހިންގާ ޕީޕީއެމްގެ އާންމު މެމްބަރެއްގެ ގޮތުގަ އެވެ. ހިސްޓޯ ސިޔާސީ ދާއިރާއަށް ނުކުންނެވީ އަދާލަތު ޕާޓީންނެވެ. އެއަށްފަހު އެމްޑީޕީގެ ޓިކެޓުގައި 2009 ވަނަ އަހަރު މަޖިލިސް އިންތިހާބު ކާމިޔާބު ކުރައްވައި ފުވައްމުލަކު މެދު ދާއިރާ ގޮނޑިއަށް އިންތިހާބު ވެވަޑައިގެންނެވި އެވެ. އެއަށްފަހު 2012 ވަނަ އަހަރު އޭރުގެ އިދިކޮޅު ޕާޓީ، ޕީޕީއެމާ ގުޅިވަޑައިގެންނެވުމަށްފަހު، ޖެހިގެން އައި 2013 ވަނަ އަހަރު ޖުމްހޫރީ ޕާޓީއަށް ވެސް ސޮއި ކުރެއްވި އެވެ.

comment ކޮމެންޓް