އިޓަލީގެ ގައުމީ އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަނީ

އަލިޓާލިއާގެ މަތިންދާބޯޓެއް ---

މިއަހަރުގެ ފިނި މޫސުމާ ދިމާކޮށް، ރާއްޖެ އާއި އިޓަލީއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް އިޓަލީގެ ގައުމީ އެއާލައިން އަލިޓާލިއާ އިން ނިންމައިފި އެވެ.

ރާއްޖެއަކީ އިޓަލީގެ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ.

އަލިޓާލިއާގެ މި ދަތުރުތައް ފަށާނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ކަމަށް އެ އެއާލައިނުން ބުނެ އެވެ. އަދި އަންނަ އަހަރުގެ މާޗު މަހުގެ 24 އާ ހަމައަށް، ހަފްތާއަކު ތިން ދުވަހު އަލިޓާލިއާއިން މާލޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ރޯމްގެ ލިއޮނާޑޯ ޑަ ވިންޗީ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރު ކުރާނެ އެވެ.

ރޯމްއިން މާލެއަށް ފްލައިޓު ދަތުރުކުރާނީ އަންގާރަ، ހުކުރު އަދި ހޮނިހިރު ދުވަހު އެވެ. އަދި މާލެއިން ރޯމްއަށް ދަތުރުކުރާނީ ބުދަ، ހޮނިހިރު އަދި އާދީއްތަ ދުވަހު އެވެ.

މާލެއާ ރޯމްއާ ދެމެދު ކުރާ ސީދާ ދަތުރަކީ އަލިޓާލިއާއިން ކުރާނެ ފަސްވަނައަށް އެންމެ ދިގު ދަތުރެވެ.

އަލިޓާލިއާގެ ސީއީއޯ ކްރޭމާ ބޯލް ވިދާޅުވީ ރާއްޖެއަކީ ފިނި މޫސުމުގައި އިޓަލީ މީހުންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލަށް ވާ އިރު، އިޓަލީއަކީ ރާއްޖެއަށް ހަތަރުވަނައަށް އެންމެ ގިނަ ފަތުރުވެރިން ދާ ގައުމު ކަމަށެވެ.

"އަލިޓާލިއާ އިން މި ގެންދަނީ ދަތުރުތައް ފުޅާކުރުމަށް އެންމެ ރަނގަޅުވާނެހެން ހީވާ ސަރަހައްދުތައް ބަލަމުން. އެގޮތުގެ މަތިން ރާއްޖެއަށް ދަތުރުތައް ފެށުމަށް މި ނިންމީ،"

އަލިޓާލިއާއިން ރާއްޖެއަށް ދަތުރުކުރާނީ 250 މީހުންގެ ޖާގައިގެ، އެއާބަސް 330 މަރުކާގެ ބޯޓެއްގަ އެވެ.

މިދިޔަ އަހަރު އިޓަލީ އިން ރާއްޖެއަށް 71،202 ފަތުރުވެރިއަކު ރާއްޖެއަށް އައިކަމަށް ރިކޯޑު ކުރެވިފައިވެ އެވެ. މިއީ 2015 ވަނަ އަހަރާ އަޅާ ބަލާއިރު، އިޓަލީ ފަތުރުވެރިންގެ 5.5 އިންސައްތަ ކުރިއެރުމެކެވެ.

އަދި މި އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު އިޓަލީއިން ރާއްޖެއަށް ގާތްގަނޑަކަށް 23،300 ފަތުރުވެރިން ރާއްޖެ އައި ކަމަށް ޓޫރިސްޓް އެރައިވަލް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

comment ކޮމެންޓް