މިފަހަރު ވެސް މާޒިޔާގެ މެއިން ސްޕޮންސަރަކަށް އޭޑީކޭ

މާޒިޔާ އާއި އޭޑީކޭ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: މާޒިޔާ

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މެއިން ސްޕޮންސަރަކަށް ވޭތުވެދިޔަ ހަތަރު އަހަރު ވެސް ހަރަކާތްތެރިވެފައިވާ އޭޑީކޭ ގްރޫޕް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެކަމަށްޓަކައި މިއަދު ހަވީރު އެފްއޭއެމް ހައުސްގައި ބޭއްވި ހަފްލާއެއްގައި މާޒިޔާގެ ފަރާތުން ސޮއިކުރެއްވީ އެ ކްލަބްގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ވައްހާބު(ވައްކޭ) އެވެ. އޭޑީކޭ ގްރޫޕުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލެވެ.

ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އައްފާލު ވިދާޅުވީ މެއިން ސްޕޮންސަރެއްގެ ގޮތުގައި ވޭތުވެ ހަތަރު އަހަރު ރަސްމީކޮށް ސޮއިކުރި ނަމަވެސް މާޒިޔާއާ އެކު މަސަތްކަތް ކުރަމުންދާތާ އަށް އަހަރަށް ވުރެން ގިނަ ދުވަސް ވެދާނެ ކަމަށެވެ.

"ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ މާޒިޔާގެ ކުރިއެރުމަށް އޭޑީކޭއިން އެހީތެރިކަން ފޯރިކޮށްދެމުން އެކުމުގައި ބައިވެރިވަމުން ގެންދާތާ. ކުރިއަށް އޮތްތާންގައި ވެސް މާޒިޔާއާ އެކު މަސަތްކަތް ކުރުމުގައި ދެމިތިބޭނަން،" އައްއާލު ވިދާޅުވި އެވެ.

މާޒިޔާއާ އެކު އޭޑީކޭއިން ސޮޕޮންސަޝިޕްގައި ސޮއިކުރި އަގު ދެފަރާތުން ވެސް ހާމަ ނުކުރި ނަމަވެސް އަފްއާލު ވިދާޅުވީ އެއްބަސްވުމުގެ ދަށުން މާބޮޑު މާލީ ފައިދާތަކެއް ނުކުރާނެ ކަމަށާއި އެއީ ކުޅިވަރަށް ކުރިއެރުވުމަށް އެހީތެރިވުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.

ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ވައްހާބު ވިދާޅުވީ އޭޑީކޭގެ ފަރާތުން މާޒިޔާއަށާއި ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ވަރަށް ގިނަ އެހީތެރިކަމެއް ލިބެމުންދާ ކަމަށާއި ހާއްސަކޮށް އޭޑީކޭ ގްރޫޕްގެ ޗެއާމަން އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ހޭދަކުރައްވާވަރަށް ފުޓްބޯޅައަށް ހޭދަކުރާ ދެވަނަ ފަރާތެއް ރާއްޖޭގައި ނެތް ކަމަށެވެ.

comment ކޮމެންޓް