އޮފީސް ހޭންޑްބޯލް: ފިރިހެން ބައިގެ ޗެމްޕިއަންކަން އެމްޕީއެލްއަށް، އަންހެން އިމިގްރޭޝަނަށް

އަންހެން ބައިގެ ޗެމްޕިއަންކަން ހޯދި އިމިގްރޭސަން ޓީމް ތަށި އުފުލާލަނީ --- ފޮޓޯ: ޕީއެސްއެމް

މޯލްޑިވްސް ހޭންޑް ބޯލް އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ ދެވަނަ އިންޓަރ އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އެމްޕީއެލް ހޯދިއިރު އަންހެން ބައިގެ ޗެމްޕިއަންކަން އިމިގްރޭޝަނުން ހޯދައިފިއެވެ.

ކުޅިވަރި އެކުވެނި ވެލި ދަނޑުގައި ރޭ ކުޅުނު ފިރިހެން ބައިގެ ފައިނަލް ކާމިޔާބުކޮށް، އެ މުބާރާތުގެ ޗެމްޕިއަންކަން އެމްޕީއެލް އިން ހޯދީ ފައިނަލްގައި ސްޓެލްކޯގެ މައްޗަށް 35-25 ލަނޑުން ކުރި ހޯދައިގެންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ އެމްޕީއެލްގެ އަޙްމަދު ރަޒުނީ މުޙައްމަދެވެ.

ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި އެމްޕީއެލް ޓީމް ޓްރޮފީއާ އެކު --- ފޮޓޯ: ޕީއެސްްއެމް

އެންމެ މޮޅު ހަތް ކުޅުންތެރީންނަށް ހޮވިފައިވަނީ އެމްޕީއެލްގެ ރަޒުނީގެ އިތުރުން ޢަބްދުﷲ ޒިޔާއު އާއި އަޙްމަދު އަޒްމީލް ބިން އާދަމް އާއި މުޙައްމަދު ފިރުޝާން އާއި ސްޓެލްކޯގެ ރިފްޝާން ރަޝީދު އާއި އަޙްމަދު ސާއިފް ނަޢީމް އާއި ޕޮލިސް ކުލަބްގެ އިސްމާޢީލް އަޙްމަދެވެ.

އަންހެން ބައިގެ ޗެމްޕިއަންކަން އިމިގްރޭޝަން ހޯދީ ފަސޭހަ ކަމާ އެކު ޔޫތު މިނިސްޓްރީ 14-29 ޕޮއިންޓުން ބަލިކޮށްގެންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިމިގްރޭޝަންގެ ފާޠިމަތު ރިޝްމާއެވެ.

އެންމެ މޮޅު ހަތް ކުޅުންތެރީންނަށް ހޮވިފައިވަނީ އިމިގްރޭޝަންގެ ރިޝްމާގެ އިތުރުން ނަޝްފާ ޢާމިރު އާއި ޔޫތު މިނިސްޓްރީގެ ޝިޒްނާ ރަޝީދު އާއި ޢާއިޝަތު ނާޒިމާ އާއި އިސްރަތު ޙަމީދު އާއި އައިޖީއެމްއެޗްގެ އާމިނަތު ނަސްރާ އާއި ޢާއިޝަތު ޝާނާ އިސްމާޢީލެވެ.

comment ކޮމެންޓް