އައިފަލް ޓަވަރު ވަށައި ވަޒަން ނާރާ ބިއްލޫރި ފާރެއް "ރާނަނީ"

ފްރާންސްގެ މަޝްހޫރު ތާރީޚީ ބިނާ، އައިފަލް ޓަވަރު ކައިރީގައި އެގައުމުގެ ފުލުހުން ފޯރިމަރަނީ --- ފޮޓޯ/ އޭޕީ

ޓެރަރިސްޓް ހަމަލާއަކުން ފްރާންސްގެ މަޝްހޫރު ތާރީޚީ ބިނާ، އައިފަލް ޓަވަރުގެ ސަލާމަތް ކުރުމަށް އެ ބިނާ ވަށައި ވަޒަން ނާރާ ބިއްލޫރި ފާރެއް "ރާނަން" ނިންމައިފި އެވެ.

ގާތްގަނޑަކަށް ތިން މީޓަރު އުސްކޮށް ހަދާ އެ ބިއްލޫރި ފާރު ރާނަނީ ނިމިދިޔަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯއަށް އައިފަލް ޓަވަރު ވަށައި ހެދި ދަގަނޑު ފެންސްގެ ބަދަލުގައެވެ.

އެ ފާރު ހެދުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފަށަން ނިންމާފައިވާއިރު އެ ޕްރޮޖެކްޓަށް 20 މިލިއަން ޔޫރޯ (21 މިލިއަން އެމެރިކާ ޑޮލަރު) ހަރަދުވާނެ އެވެ.

ޕެރިހުގެ ޑެޕިއުޓީ މޭޔަރު ޖީން ފުރޭންސުވާ މާޓިންސް ވިދާޅުވީ، ޕެރިހަކީ ހަމަލާއެއް ދީފާނެ ކަމުގެ ބިރު އެންމެ ބޮޑަށް އޮތް ސިޓީ ކަމުން އައިފަލް ޓަވަރުން ފެށިގެން އެ ސިޓީގެ އެންމެ ނުރައްކާ ބޮޑުވާނޭ ހެން ހީވާ ސައިޓްތަކުގެ ހާއްސަ ސެކިއުރިޓީ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

"އަހަރަކު ގާތްގަނޑަކަށް ހަ މިލިއަން މީހުން ޒިޔާރަތްކުރާ އައިފަލް ޓަވަރު ވަށައި ހަދާ ބިއްލޫރި ފާރުގެ ސަބަބުން އެ ބިނާ ކައިރިއަކަށް އާއްމުންނާއި ވެހިކަލްތަކަކަށް ނުވަދެވޭނެ،" ޕެރިހުގެ ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ.

ދެހާސްފަނަރަ ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން ނިމިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޓެރަރިސްޓުން ފްރާންސަށް ދީފައިވާ ހަމަލާތަކުގައި އެގައުމުގެ 238 މީހުން ވަނީ މަރުވެފައެވެ.

އެ ހަމަލާތަކާ ގުޅިގެން ފުރާންސްގެ ފަތުރުވެރިން ޒިޔާރަތްކުރާ ތަންތަނާއި ޓްރާންސްޕޯޓް ސިސްޓަމްގެ އިތުރުން އަޅުކަންކުރާ ތަންތަނުގައި ސަލާމަތީ ކަންކަން ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ. (ސްކައި ނިއުސް)

comment ކޮމެންޓް