ލޫވްރް މިއުޒިއަމްގައި ފޯރިއަށް ހުރި ސިފައިންގެ މީހަކަށް ވަޅިން ހަމަލާދިން މީހެއްގެ ގަޔަށް ބަޑިޖަހައިފި

ޕެރިސްގެ އެއް ރަމްޒު ކަމުގައިވާ ލޫވްރް މިއުޒިއަމްގައި ސިފައިން ފޯރިމަރަނީ ---

ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ މަޝްހޫރު ލޫވްރް މިއުޒިއަމަށް ވަނުމުގެ ހުއްދަ ނުލިބުމުން އެސަރަހައްދުގައި ވަޅިއެއް ނަގައިގެން ހަމަނުޖެހުން ހިންގަން އުޅުނު މީހެއްގެ ގަޔަށް ބަޑިޖަހައިފިއެވެ.

ފްރާންސްގައި މިދިޔަ އަހަރުތަކުގެ ތެރޭގއި ވަނީ ޓެރަރިޒަމްގެ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އެކަމާ ގުޅިގެން އެގައުމުގެ ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަކޮށްފައެވެ.

ނޫސް އޭޖެންސީތަކުން ރިޕޯޓު ކުރާ ގޮތުގައި، ލޫވްރް މިއުޒިއަމަށް ސޫޓްކޭހެއް ހިފައިގެން ވަންނަން ދިޔަ ފިރިހެނަކަށް، އެތަނަށް ވަނުމުގެ ހުއްދަ ނުދިނުމުން އޭނާ ވަނީ ވަޅިއެެއް ނަގައި، ލޫވްރް މިއުޒިއަމްގެ ސަލާމަތީ ކަންކަން ބަލަހައްޓައި، އެތަނުގައި ފޯރިމަރަން ހުރި ސިފައިންގެ މީހަކަށް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފައެވެ.

ފްރާންސްގެ ސިފައިންގެ އޮފިޝަލަކު ބުނި ގޮތުގައި، އެމީހާ ވަޅިން ހަމަލާ ދޭން އުޅުނީ "ﷲ އަކްބަރު"އޭ އަޑު އުފުލައި ކިޔުމަށްފަހުއެވެ.

ބަދަލުގައި އެ ސިފައިންގެ މީހާ ވަނީ ހަތިޔާރުގެ ބޭނުންކޮށް، އެނާގެ ގަޔަށް ފަސް ފަހަރު ބަޑިޖަހައި، އޭނާގެ އަމަލުތައް ހުއްޓުވައިފައެވެ. އެމީހާގެ ގަޔަށް ބަޑި ޖެހުމުގެ ސަބަބުން އޭނާއަށް ވަނީ ސީރިއަސް ޒަޚަމްތަކެއް ލިބިފައެވެ.

ފްރާންސްގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވީ މިއީ ވަރަށް ސީރިއަސް ހާދިސާއެއް ކަމަށެވެ.

ދެހާސް ފަނަރަވަނަ އަހަރުގެ ނޮވެމްބަރު މަހުު ޕެރިހުގެ ސްޓޭޑް ދޮ ފްރާންސްގެ ބޭރުގައި ބޮން ގޮއްވައި، އެސަރަހައްދުގައި ހުރި ކެފޭތަކާއި ރެސްޓޯރަންޓްތަކުގައި ބޮން ގޮއްވައި، ބަޑި ޖެހުމުގެ ހާދިސާތަކެއް ހިންގައި 130 މީހުންނާއި، ހަަމަލާތަކުގައި ބައިވެރިވި ހަތް މީހުން ވަނީ މަރުވެފައެވެ.

އެ ހާދިސާއާ ގުޅިގެން ފްރާންސްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާ އިރު، އެ ހާލަތު ހަތަރު ފަހަރެއްގެ މަތިން ވަނީ އިތުރު ކޮށްފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ފްރާންސްގައި އަދިވެސް ހިނގަމުންދާ އިރު، މިއަދު ލޫވްރް މިއުޒިއަމް ކައިރީގައި ހިނގި ހާދިސާއާ ގުޅިގެން އެސަރަހައްދު، އާންމުންނަށް ނުވަދެވޭ ގޮތަށް ވަނީ ބަންދު ވެސް ކޮށްފައެވެ. އަދި ލޫވްރް މިއުޒިއަމްގައި ތިބި މީހުން އެތަނުން ބޭރަށް ނެރެފައިވެއެވެ.

comment ކޮމެންޓް