އާބިޓްރަރީ ޑިޓެންޝަންގައި ހުރިކަމަށް ނާޒިމް މައްސަލައެއް ހުށަނާޅާ: ސަރުކާރު

މާޗް 15، 2016: ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް އިސްތިއުނާފު މައްސަލަ ބަލައި ނިންމާ ހުކުން ކުރުން -- ސަން ފޮޓޯ/ފަޔާޒު މޫސާ

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓޑ) މުހައްމަދު ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު މައްސަލައިގެ ތަހުގީގު ކުރިޔަށް ދިޔަ އިރާއި، މިހާރުވެސް އޭނާ ހުންނެވީ އާބިޓްރަރީ ޑިޓެންޝަނެއްގައި ކަމަށް ބުނެ، ކަމާ ބެހޭ ކޯޓަކަށް މައްސަލައެއް ހުށަހަޅާފައި ނުވާކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ނާޒިމް 11 އަހަރަށް ޖަލަށް ލީ މައްސަލަ އދގެ ވޯކިންގް ގްރޫޕު އޮން އާބިޓްރަރީ ޑިޓެންޝަނަށް މިދިޔަ އަހަރު ހުށަހެޅި އިރު، އެ މައްސަލައިގައި މިދިޔަ ހަފްތާގައި އެގްރޫޕުން ވަނީ ގޮތް ނިންމައިފައެވެ. އެ ގްރޫޕުން ބުނީ ނާޒިމް ވަގުތުން މިނިވަންކުރަންޖެހޭ ކަމަށާއި، ނާޒިމްގެ ހައްގުތައް ގެއްލިފައިވާ ކަމުން، އޭނާއަށް ދިވެހި ސަރުކާރުން ބަދަލު ދޭންޖެހޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސެއްގައި، އދގެ ވޯކިންގް ގްރޫޕަށް ރައްދު ދީ، ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވީ، ޖިނާއީ ޢަދުލުގެ ނިޒާމުގެ އެކިއެކި މަރުޙަލާތަކުގައި ނާޒިމްގެ މައްސަލަ ކުރިޔަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އަދި ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމަކަށް ވާ އިރު، ރާއްޖޭގެ ކޯޓުތަކުގެ ހުކުމްތަކަށް އިހްތިރާމް ކުރުމަށް ސަރުކާރުން ގޮވައިލާކަމަށް ވެސް ފޮރިންމިނިސްޓަރު ވިދާޅުވިއެވެ.

ޑރ. އާސިމް ވިދާޅުވީ، ނާޒިމްގެ މައްސަލައިގެ ތަހުގީގަށާއި، އޭނާގެ ޝަރީއަތުގެ ދުވަސްވަރު އެއްވެސް ވަގުތެއްގައި، އަދި މިހާތަނަށްވެސް ނާޒިމް ހުންނެވީ އާބިޓްރަރީ ޑިޓެންޝަނެއްގައި ކަމަށް ބުނެ، މައްސަލަ ކޯޓަކަށް ހުށަހަޅާފައި ނުވާކަމަށެވެ.

"ނާޒިމްގެ ފަރާތުން އާބިޓްރަރީ ޑިޓެންޝަންގައި އޭނާ ބަހައްޓާފައިވާކަމަށް ޝަކުވާއެއް އޮތްނަމަ، ކަމާބެހޭ ކޯޓަކަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު އަދި ފުރުޞަތު އެފަރާތަށް ލިބިގެންވާކަން ފާހަގަކުރަން،" ނާޒިމްއަށް އެ ހައްގު ލިބިފައިވާ ކަމުން، އެކަން ކުރުމަށް ނާޒިމްއަށް ބާރު އެޅުމަށް ވޯކިންގް ގްރޫޕަށް ގޮވާލަމުން، ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ، ވޯކިންގް ގްރޫޕުގެ ލަފާއާ އެކު އާންމުކުރި ބައެއް މައުލޫމާތުތައް އުނިކޮށްފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން، ނާޒިމްގެ ޝަރީޢަތް ކުރިޔަށް ދިޔައީ އަދުލު އިންސާފުވެރިކަމާ އެކުކަން ބަޔާންކޮށް، ރާއްޖެއިން ހުށަހެޅި މައުލޫމާތުތައް އާންމު ނުކުރާކަން ސަރުކާރުން ފާހަގަކުރިއެވެ.

އަދި މިދިޔަ އަހަރުގެ އޭޕްރިލް 21 ވަނަ ދުވަހުން ފެށިގެން ނާޒިމް ހުންނެވީ މާލޭގައި، ގޭބަންދުގައި ކަމަށް ވީ އިރުވެސް، ވޯކިންގް ގްރޫޕުން އާންމުކުރި މައުލޫމާތުގައި އެކަން ފާހަގަކޮށްފައި ނުވާކަމަށް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ ގްރޫޕުގެ ލަފާގައި ރާއްޖޭގެ ބައެއް އަމިއްލަ ޖަމިއްޔާތަކަކީ އިންސަނީ ހައްގުތަކުގެ މާހިރުންގެ ގޮތުގައި މުޚާތަބުކޮށްފައިވާތީ ހިތާމަކުރާ ކަމަށެވެ.

"ވޯކިން ގްރޫޕްގެ ލަފާގައި، ބައެއް އަމިއްލަ ޖަމްޢިޔާތަކުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙާގުޅޭ ގޮތުން ޝާއިޢުކޮށްފައިވާ ޚަބަރުތަކަށް ރިޢާޔަތްކޮށް، އެފަދަ ޖަމްޢިޔާތަކަށް 'ހިޔުމަން ރައިޓްސް އެކްސްޕަރޓްސް' ގެ ނަމުން މުޚާތަބުކޮށްފައިވާކަމީ ދިވެހިސަރުކާރު ހިތާމަކުރާކަމެކެވެ. އ.ދ.ގެ ވޯކިންގ ގްރޫޕްތަކަކީ ވަކިފަރާތަކަށް ނުޖެހޭ، މިނިވަންކަމާއެކު އެފަރާތްތަކަށް ހުށަހެޅޭ މައްސަލަތައް ބެލޭ ފަރާތްތަކަކަށް ވާންޖެހޭނެ،"

ސަރުކާރުން އިތުރަށް ބުނީ، ވޯކިންގް ގްރޫޕުން ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުނި ނަމަވެސް، އެކަމަށް ހުށަހެޅީ ގްރޫޕުގެ ލަފާ ޝާއިއުކުރުމަށްފަހުގައި ކަމީ ހިތާމައެއް ކަމަށެވެ.

ރާއްޖެ އޮތީ އދގެ އިންސާނީ ހައްގުތަކާ ބެހޭ މުއައްސަސާތަކާއި އެހެނިހެން ގުނަވަންތަކާ ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށާއި، ނަމަވެސް ޝަރީޢަތުގެ މަރުހަލާގެ ތެރެއަށް ސަރުކާރުން އަތް ނުފޯރުވާނެ ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

"އ.ދ.ގެ ވަރކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ކުރާ މަސައްކަތްތަކަކީ ވަކިފަރާތަކަށް ނުޖެހޭ، އިތުބާރުލިބިގެންވާ، އަދި ޚަބަރުފަތުރާ ވަޞީލަތްތަކުން ފާޅުކުރާ ޝުޢޫރުތަކުން މިނިވަންވެފައިވާ މަސައްކަތްތަކަކަށްވުމަކީ މުހިއްމުކަމެއް،" ސަރުކާރުގެ ބަޔާން އިއްވަމުން ފޮރިން މިނިސްޓަރު އާސިމް ވިދާޅުވިއެވެ.

އދގެ ވޯކިންގް ގްރޫޕުގެ ލަފާގައި، ނާޒިމްގެ ގެއިން ފެނުނު ހަތިޔާރާއި ވަޒަންތަކަކީ ނާޒިމްގެ ތަކެތިކަން ދައުލަތުން ސާބިތުކޮށްދޭންޖެހޭ ކަމަށް ބުނެފައިވާ އިރު، ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެފައިވަނީ މަނާ ހަތިޔާރު ފެނުމަކީ ރާއްޖޭގައި ސްޓްރިކްޓް ލައިބިލިޓީ އޮފެންސެއް، ނުވަތަ ހާލަތަށް ރިއާޔަތް ނުކޮށް ޒިންމާ ވާންޖެހޭ ކުށެއް ކަމަށެވެ.

"ދައުވާގައި ބުނެފައިވަނީ އެ ކުށަކީ ސްޓްރިކްޓް ލައިބިލިޓީ އޮފެންސެކޭ. އޭގެ އެވިޑެންސް ދޭންޖެހެނީ ސަރުކާރުން ނޫން. އެކަން ކުރާ ފަރާތުން ހެކި ދޭންޖެހޭނީ،" ޝައިނީ ވިދާޅުވިއެވެ.

ވޯކިން ގްރޫޕުން ފާހަގަކޮށްފައިވާ ކަންކަން:

  • ކާނަލް ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރާއި ވަޒަންތަކަކީ އޭނާގެ ކޮޓަރިއަށް ފުލުހުން ވަދެ އަމިއްލައަށް ޕްލާންޓުކޮށްފައިވާ ތަކެތިކަމަށާއި، އެހެން ކަމުން އެކަމުގައި ނާޒިމް ފްރޭމްކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ބެލެވޭ ކަން.
  • އެހާ ސީރިއަސް އަދި ބޮޑު ދައުވާއަކަށް ކްރިމިނަލް ކޯޓުން ދިން ފަސް ދުވަހުގެ މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ނޫން ކަމާއި، ކްރިމިނަލް ކޯޓާއި ހައި ކޯޓަށް ނާޒިމްގެ ފަރާތުން ހުށަހެޅި ގިނަ ދިފާއީ ހެކިންގެ ހެކިބަސް ނުނެގުމާއި ދިފާއީ ހެކިން ހުށަހެޅުމަށް ވެސް ހުރަސްތަކެއް ކުރިމަތިކުރުން.
  • ދައުލަތުން ހުށަހެޅި ހެކިންގެ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ނާޒިމަށް ދީފައިނުވާކަން.
  • މައްސަލަ އިސްތިއުނާފު ކުރުމަށް ބޭނުންވާ ރިޕޯޓާއި އެހެނިހެން ލިއެކިއުންތައް އިސްތިއުނާފްގެ މުއްދަތުގެ ތެރޭގައި ކްރިމިނަލް ކޯޓުން ނާޒިމްގެ ވަކީލުންނަށް ފޯރުކޮށްދީފައި ނުވުން.
  • ފެނުނު ފިސްތޯލައާއި ވަޒަންތަކަކީ ނާޒިމްގެ ތަކެތިކަން ސާބިތުކޮށްދިނުމުގެ ޒިންމާ ދައުލަތާ ހަވާލުކުރުމުގެ ބަދަލުގައި އެއީ ނާޒިމްގެ އެއްޗެއް ނޫންކަން ޝަރީއަތުގައި ނާޒިމަށް ސާބިތުކޮށްދޭން ޖެހުން.
  • ހައިކޯޓުން މައްސަލަ ކުރިއަށް ގެންދިޔުމުގައި ފަސް މަސް ހޭދަކުރުމާއި މައްސަލަ އަވަސްކޮށްދޭން ސްޕްރީމް ކޯޓަށް ވެއްދި މައްސަލަ ބޭރުކޮށްލުން.
comment ކޮމެންޓް