ހަތިޔާރަކީ ނާޒިމްގެ އެއްޗެއްކަން ދައުލަތުން ސާބިތުކޮށްދޭން ނުޖެހޭ: ޝައިނީ

މާޗް 15، 2016: ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް އިސްތިއުނާފު މައްސަލަ ބަލައި ނިންމާ ހުކުން ކުރުން -- ސަން ފޮޓޯ/ފަޔާޒު މޫސާ

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުހައްމަދު ނާޒިމްގެ ގެއިން ފެނުނު ހަތިޔާރަކީ ނާޒިމްގެ ހަތިޔާރެއްކަން ދައުލަތުން ހާމަކޮށްދޭން ނުޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ކާނަލް ނާޒިމް ދިރިއުޅުއްވި ގެއިން ހަތިޔާރު ފެނުނު މައްސަލައިގައި އޭނާގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.

ނާޒިމް ޖަލަށް ލާފައިވާ މައްސަލަ، އެމްނެސްޓީ އިންޓަނޭޝަނަލް މެދުވެރިކޮށް، ނާޒިމްގެ އާއިލާއިން އދ.ގެ ވޯކިންގް ގްރޫޕަށް ހުށަހެޅީ މިދިޔަ އަހަރުގެ ތެރޭގައެވެ.

އދގެ ވޯކިންގް ގްރޫޕުން އެ މައްސަލައާ މެދު ގޮތް ނިންމާފައިވާ އިރު، އެ ގްރޫޕުން ބުނެފައިވަނީ ނާޒިމް ޖަލަށް ލާފައިވަނީ ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި، ބައިނަލްއަގުވަމީ ގާނޫނުތަކާ ވެސް ޚިލާފަށް ކަމަށާއި، ނާޒިމް ވަގުތަށް ވަގުތަށް ދޫކޮށްލައި، ނާޒިމްގެ ގެއްލިފައިވާ ހައްގުތަކުގެ ބަދަލު، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ދިވެހި ސަރުކާރުން ދޭންޖެހޭ ކަމަށެވެ.

މީގެ އިތުރުން، ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ބުނެވޭތީ، ނާޒިމްގެ ގެއިން ފެނުނު ހަތިޔާރާއި ވަޒަންތަކަކީ ނާޒިމްގެ ތަކެތިކަން ދައުލަތުން ސާބިތުކޮށްދޭންޖެހޭ ކަމަށް ވޯކިންގް ގްރޫޕުން ބުންޏެވެ.

ރޭ ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، ދުނިޔޭގެ އެކި ގައުމުތަކުގައި ސްޓްރިކްޓް ލައިބިލިޓީ އޮފެންސްތައް ކަނޑައެޅިފައިވާ ކަމަށެވެ. ސްޓްރިކްޓް ލައިބިލިޓީ އޮފެންސަކީ، ހާލަތަށް ރިއާޔަތް ނުކޮށް، ޒިންމާވާންޖެހޭ ކުށްތަކެވެ.

ޝައިނީ ވިދާޅުވީ ނާޒިމްގެ މައްޗަށް ދައުވާ ކުރެވުނީ ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން ކަމަށާއި، އެ ގާނޫނުގެ ދަށުން ނާޒިމްގެ މައްޗަށް ތުހުމަތުކުރި ކުށަކީ ސްޓްރިކްޓް ލައިބިލިޓީ އޮފެންސެއް ކަމަށެވެ.

ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ --- ސަންފޮޓޯ// ފަޔާޒު މޫސާ

"ދައުވާގައި ބުނެފައިވަނީ އެ ކުށަކީ ސްޓްރިކްޓް ލައިބިލިޓީ އޮފެންސެކޭ. އޭގެ އެވިޑެންސް ދޭންޖެހެނީ ސަރުކާރުން ނޫން. އެކަން ކުރާ ފަރާތުން ހެކި ދޭންޖެހޭނީ،" ޝައިނީ ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުގައި ސިންގަޕޫރު ނަންގަވަމުން، ޑރ. ޝައިނީ ވިދާޅުވީ ސިންގަޕޫރަށް މަސްތުވާތަކެތި އެތެރެ ކޮށްފި ނަމަ، އެތަކެތި ހުރި ދަބަހުގައި އެތަކެތި ހުރީ ކިހިނެއް ކަމެއް ސިންގަޕޫރުން ނުބަލާނެ ކަމަށެވެ.

"ސިންގަޕޫރުން ނުބަލާނެ ޑްރަގު ދަބަހަށް އެތެރެވީ ކިހިނެއްތޯއެއް. އެ ހިފައިގެން އަންނަ މީހާ ކުށްވެރިވާނެ. ޕްރޫފް ދައްކަން ޖެހޭނީ އެކަން ކުރި މީހަކު،"

ހަމަ އެފަދައިން ރާއްޖޭގައިވެސް އެއް ގުރާމަށް ވުރެ ގިނައިން މަސްތުވާތަކެތި ހުރެގެން މީހަކު ހައްޔަރުކޮށްފި ހާލަތެއްގައި، އެތަކެތި އޭނާގެ އަތުގައި ހުރީ އެތަކެތީގެ ވިޔަފާރި ކުރުމަށްތޯ ނުވަތަ ނޫންތޯ ދައުލަތުން ސާބިތުު ނުކުރާނެ ކަމަށް ޑރ. ޝައިނީ ވިދާޅުވިއެވެ.

"ގާނޫނުގައި އެބަ އޮވޭ އެއް ގްރާމަށް ވުރެ ގިނައިން ހުރެއްޖެ ނަމަ އެއީ ވިއްކަން ގެންގުޅޭ ތަކެތި ކަމަށް ގަބޫލުކޮށް، އޭނާއަށް ވަކި އަދަބެއް ދެވޭނެކަން،" ޝައިނީ ވިދާޅުވިއެވެ.

comment ކޮމެންޓް