އިބްތިހާލުގެ މަރު: އެޗްއާރްސީއެމަށް ދައުލަތުގެ މުވައްޒަފަކު ހާޒިރުވާން އެންގީ އޮޅުމަކުން

އެޗްއާރްސީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން/ފޮޓޯ

ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ތިން އަހަރުގެ އިބްތިހާލުގެ މަރުގެ ތަހިގީގު ނިމިފައިވަނިކޮށް، އެ މައްސަލާގައި އެޗްއާރްސީއެމަށް ދައުލަތުގެ މުވައްޒަފަކު ހާޒިރުވާން އެންގުނީ އޮޅުމަކުންކަން ހާމަވެއްޖެ އެވެ.

އެޗްއާރްސީއެމްގެ ނައިބު ރައީސް ޝިފާގު މުފީދު މިއަދު ސަން އަށް ވިދާޅުވީ އެ މަައްސަލައިގެ ތަހުގީގު ވަނީ ނިމިފައި ކަމަށާއި ޕްރޮސިކިއުޓާ ޖެނެރަލް ދައުވާ އުފުލާފައި ވަނީ ތަހުގީގު ނިމުމުން ކަމަށެވެ. އަދި އެ މައްސަލާގައި އެއްވެސް މީހަކު އެޗްއާރްސީއެމަށް މާދަމާ ހާޒިރު ކުރަން ނޫޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތަހުގީގު ވަނީ ނިމިފައި. އިތުރަށް އެއްވެސް މީހަކު ކޮމިޝަނަށް ހާޒިރުކުރަން އަޅުގަނޑުމެން ދަންނަވާފައެއް ނުވާނެ،" ޝިފާގު ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ އިބްތިހާލްގެ މަރާ ގުޅިގެން ކުރާ ތަހުގީގަށް މައުލޫމާތު ސާފުކުރުމަށް މާދަމާގެ ވަގުތެއްގައި އެޗްއާރްސީއެމް އަށް ހާޒިރުވާން އެ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު މުހައްމަދު ޝަކީބަށް އަންގާފައިވާ ކަމަށެވެ.

ނަމަވެސް އެކަން އެޗުއާރުސީއެމް އިން ކަށަވަރެއް ނުކޮށްދެ އެވެ.

އިބްތިހާލްގެ މަރާ ގުޅިގެން އިހުމާލުވި ކަމަށް ތުހުމަތުކުރެވޭ ދައުލަތުގެ ފަސް މުވައްޒަފެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. އޭގެތެރޭގައި ޝަކީބު ވެސް ހިމެނެއެވެ.

އެ މައްސަލާގައި ދެން ދައުވާ އުފުލި މީހުންގެ ތެރޭގައި ވ. ފުލިދޫ، ނަލަހިޔާ، އާމިނަތު ޝިޔާޒާ އާއި ގދ. ފިޔޯރީ، ބީޗްވިލާ، އަހުމަދު ޝުޒާދު ހިމެނެއެވެ. އެ ދެ މީހުންނަކީ ހާދިސާ ހިނގި އިރު ޖެންޑާ މިނިސްޓްރީގައި މަސައްކަތް ކުރި ދެ މުވައްޒަފުންނެވެ.

ދެން ދައުވާ އުފުލާފައި ވަނީ މިހާރުވެސް ޖެންޑާ މިނިސްޓްރީގައި މަސައްކަތް ކުރާ ގއ. ދެއްވަދޫ، ނަސްރީނުގޭ، މުހައްމަދު ރަޝީދުގެ މައްޗަށެވެ.

ހާދިސާ ހިނގިއިރު މޯލްޑިވްސް ޕޮލިސް ސާވިސްގެ ވ. އަތޮޅު އެކްޓިން ކޮމާންޑަރުގެ މަގާމުގައި ހުންނެވި ބ. އޭދަފުށީ، މާބަގީޗާގޭ، ލިސާން އަބޫބަކުރުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފަ އެވެ.

ވ. ފުލިދޫ، ވައިޖެހޭގެއަށް ނިސްބަތްވާ އިބްތިހާލް މަރާލާފައި ވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެ ކުއްޖާ މަރާލި ކަމަށް އޭނާގެ މަންމަ އާފިޔާ މުހައްމަދު މަނިކު ވަނީ އިއުތިރާފުވެފަ އެވެ.

comment ކޮމެންޓް