ރާއްޖެ އޮތް މަގާމަށް ބަދަލެއް ނާދޭ، އިންޑިއާއަށް ދެ ދަރަޖައިގެ ކުރިއެރުމެއް

ސެޕްޓެމްބަރު މަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ރާއްޖޭގެ ޓީމުން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ފީފާ އިން ކޮންމެ މަހަކު އެއްފަހަރު އިއުލާންކުރާ ފީފާ ރޭންކިންގައި ރާއްޖެ އޮތް މަގާމަށް މިފަހަރު އެއްވެސް ބަދަލެއް އައިސްފައިނުވާ އިރު، ވާދަވެރި އިންޑިއާ އިން ދެ ދަރަޖައިގެ ކުރިއެރުމެއް ހޯދައިފި އެވެ.

ދެކުނު އޭޝިއާގެ ފުޓްބޯޅައިގައި އެންމެ ވާދަވެރި އިންޑިއާ އާއި ރާއްޖެ އިން މި މަހު އެއްވެސް މެޗެއް ކުޅެފައެއް ނުވެ އެވެ.

އިއްޔެ އިއުލާންކުރި ފީފާ ރޭންކިންގައި ރާއްޖެ އޮތީ 154 ވަނައިގައެވެ. ދެ ދަރަޖައިގެ ކުރިއެރުމަކާއެކު އިންޑިއާ އޮތީ 135 ވަނައިގައެވެ. ރޭންކިންގައި ދެކުނު އޭޝިއާގެ އެއް ވަނައިގައި އިންޑިއާ އޮތް އިރު، ދެ ވަނައިގައި އޮތީ ރާއްޖެ އެވެ.

ރޭންކިންގައި ދެކުނު އޭޝިއާގެ ތިން ވަނައިގައި އޮތީ އެއް ދަރަ ފަހަތަށް ވެއްޓުނު ބޫޓާން އެވެ. ބޫޓާން އޮތީ ރޭންކިންގެ 177 ވަނައިގައެވެ. ދެކުނު އޭޝިއާގެ ހަތަރު ވަނައިގައި އޮތީ ނޭޕާލެވެ. ނޭޕާލް އޮތީ ރޭންކިންގެ 181 ވަނައިގައެވެ.

ދެ ދަރަޖައިގެ ވެއްޓުމަކާއެކު ދެކުނު އޭޝިއާގެ ފަސް ވަނައިގައި އޮތީ ބަންގްލަދޭޝް އެވެ. ބަންގްލަދޭޝް އޮތީ ރޭންކިންގެ 185 ވަނައިގައެވެ. ދެކުނު އޭޝިއާގެ ހަ ވަނައިގައި ސްރީ ލަންކާ އޮތް އިރު، ހަތް ވަނައިގައި އޮތީ ޕާކިސްތާނެވެ. ފީފާ ރޭންކިންގެ 195 ވަނައިގައި ލަންކާ އޮތް އިރު، ޕާކިސްތާން އޮތީ ރޭންކިންގެ 197 ވަނައިގައެވެ.

ފީފާ ރޭންކިންގައި މިފަހަރު މާބޮޑު ބަދަލުތަކެއް އައިސްފައެއް ނުވެ އެވެ. ރޭންކިންގެ އެއް ވަނައިގައި އާޖެންޓީނާ އޮތް އިރު، ދެ ވަނައިގައި އޮތީ ބްރެޒިލް އެވެ. ރޭންކިންގެ ތިން ވަނައިގައި ޖަރުމަން އޮތް އިރު، ހަތަރު ވަނައިގައި އޮތީ ޗިލީ އެވެ. މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ޕޯޗުގަލް އޮތީ ފްރާންސްގެ ފަހަތުން ރޭންކިންގެ އަށް ވަނައިގައެވެ.

comment ކޮމެންޓް