ގައުމީ ހޭންޑްބޯލް މުބާރާތް ފަށައިފި، އެގްޒިބިޝަން މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެއަށް މޮޅެއް

ގައުމީ ހޭންޑްބޯލް މުބާރާތުގެ ތެރެއިން: އެ މުބާރާތުގައި ފިރިހެން ފަސް ޓީމަކާއި އަންހެން ހަ ޓީމެއް ވާދަކުރޭ --- ފޮޓޯ/ ހޭންޑްބޯލް މޯލްޑިވްސް

ބަންގްލަދޭޝްގެ 16 އަހަރުން ދަށުގެ އަންހެން ޓީމާއި ރާއްޖޭގެ 19 އަހަރުން ދަށުގެ އަންހެން ޓީމު ކުޅުނު އެގްޒިބިޝަން މެޗާއެކު ގައުމީ ހޭންޑްބޯލް މުބާރާތް ފަށައިފި އެވެ.

ހަތަރު ވަނަ ގައުމީ ހޭންޑްބޯލް މުބާރާތް ފެށުމުގެ ގޮތުން ބަންގްލަދޭޝް 16 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމު ކުޅުނު މެޗުން މޮޅުވެފައި ވަނީ 7-14 ލަނޑުންނެވެ.

މާފަންނު ސްޓޭޑިއަމްގެ މިނީ ދަނޑުގައި ކުރިއަށްދާ އެ މުބާރާތުގެ ފުރަތަމަ މެޗަކީ އަންހެން ޑިވިޝަންގެ މެޗެކެވެ. އެ މެޗުގައި ޕޮލިސް ކްލަބު އަތުން ޓީއެސްއޭ މޮޅުވެފައި ވަނީ 15-5 ލަނޑުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ޓީއެސްއޭގެ ޝިޔާޒާ އަލީ އެވެ.

ގައުމީ ހޭންޑްބޯލް މުބާރާތުގެ ތެރެއިން: އެ މުބާރާތުގައި ފިރިހެން ފަސް ޓީމަކާއި އަންހެން ހަ ޓީމެއް ވާދަކުރޭ --- ފޮޓޯ/ ހޭންޑްބޯލް މޯލްޑިވްސް

އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި އިއްޔެ ޓީއެސްއޭ އަތުން އޮފް އެފްސީ ވަނީ މޮޅުވެފައެވެ. އެ މެޗުން އޮފް އެފްސީ މޮޅުވެފައި ވަނީ 37-16 ލަނޑުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އޮފް އެފްސީގެ އަހްމަދު ފިރާޝް އެވެ.

އަންހެން ޑިވިޝަނުގައި މުއިވެޔޮއާ ދެކޮޅަށް ކުޅުނު މެޗުން ދިވެހި ސިފައިންގެ ކްލަބު ވަނީ އިއްޔެ މޮޅުވެފަ އެވެ. ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުން ސިފައިން މޮޅުވެފައި ވަނީ 8-7 ލަނޑުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ މަގާމަށް ހޮވުނީ ސިފައިންގެ އައިމިނަތު ޝަހުމާ އެވެ.

އިއްޔެއިން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ގައުމީ ހޭންޑްބޯލް މުބާރާތުގައި ފިރިހެން ފަސް ޓީމަކާއި އަންހެން ހަ ޓީމެއް ވާދަކުރެ އެވެ.

އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ވާދަކުރާ ޓީމުތަކަކީ ޓީރެކްސް އެސްސީ އާއި، އޮފް އެފްސީ އާއި، ދިވެހި ސިފައިންގެ ކްލަބާއި، ޕޮލިސް ކްލަބު އަދި ރެޑްލައިން ކްލަބެވެ. އަންހެން ޑިވިޝަނުގައި ވާދަކުރާ ޓީމުތަކަކީ ޓީރެކްސް އެސްސީ އާއި، ޕޮލިސް ކްލަބާއި، ސިފައިންނާއި، މުއިވެޔޮ ފްރެންޑް ކްލަބާއި، ލަޔަން އެސްސީ އަދި ރޮކް ސްޓްރީޓް އެސްސީ އެވެ.

comment ކޮމެންޓް