ޕެރިހަށް ހަމަލާދިން ސަލާހް އަބްދުއްސަލާމްގެ ވަކީލުން އިސްތިއުފާ ދެއްވައިފި

ޕެރިހަށް ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ ސަލާހް އަބްދުއްސަލާމް -- ފޮޓޯ: ފްރެންޗް ފުލުހުން

ޕެރިސް (އޮކްޓޯބަރު 12): ފްރާންސުގެ ޕެރިހަށް މިދިޔަ އަހަރު ހަމަލާތަކެއްދީ 130 މީހަކު މަރާލި ހަމަލާތަކުގައި އިސް ދައުރެއް އަދާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސަލާހް އަބްދުއްސަލާމްގެ ވަކީލުން އިސްތިއުފާ ދެއްވައިފި އެވެ.

އަބްދުއްސަލާމްގެ ވަކީލަކު ކަމަށްވާ ފްރޭންކް ބާޓަން ވިދާޅުވި ގޮތުގައި އަބްދުއްސަލާމް ވަނީ ހަނު ހުރުމުގެ ހައްގު ބޭނުން ކުރުމަށާއި އޭނާއަށް ވަކީލަކު ބޭނުން ނުވާ ކަމަށް ނިންމާފައެވެ.

"އަޅުގަނޑުމެން އެންމެ ފުރަތަމަވެސް ބުނިން، ކްލައެންޓް ހަނު ހުންނަ ނަމަ އަޅުގަނޑުމެން އިސްތިއުފާ ދޭނެ ކަމަށް،" އަބްދުއްސަލާމްގެ ދެވަނަ ވަކީލު ސްވެން މޭރީއާ އެކު ވާހަކަފުޅު ދައްކަވަމުން ބާޓަން ވިދާޅުވި އެވެ.

މިދިޔަ މާޗު މަހު ބެލްޖިއަމުން އަބްދުއްސަލާމް ހައްޔަރު ކުރުމަށް ފަހު އޭޕްރިލް މަހު އޭނާ ފްރާންސަށް ބަދަލު ކުރި ފަހުން އަބްދުއްސަލާމް ވަނީ ހަނު ހުރުމުގެ ހައްގު ބޭނުން ކުރަން ފަށައިފައެވެ. އަބްދުއްސަލާމް ހަނު ހުންނަނީ ޕެރިހުގައި އޭނާ ބަހައްޓާފައި ހުންނަ ޖަލަކީ 24 ގަޑި އިރު ވީޑިއޯއިން މޮނިޓާ ކުރާ ކުޑަ ގޮޅިއެއް ކަމުން ކަމަށް ވަކީލުން ބުންޏެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޕެރިހުގެ ބާތަކަކަށާއި، ރެސްޓޯރެންޓުތަކަށާއި، ކޮންސަޓް ހޯލަކަށާއި ފުޓްބޯޅަ ސްޓޭޑިއަމްއަކަށް ދިން ހަމަލާތަކުގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ނަގައިފައެވެ. (ބީބީސީ)

comment ކޮމެންޓް