ދުބާއީ އެއާޕޯޓުން ޑްރޯނެއް އުދުއްސުމުން 30 މިނިޓް ވަންދެން ފްލައިޓުތައް ހުއްޓުމަކަށް!

ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ވައިގެ ސަރަހައްދުން ޑްރޯނެއް ފެނުމުން މީގެ ކުރިންވެސް ފްލައިޓުތައް ހުއްޓާލަން ޖެހުނު --ފޮޓޯ: އޭޕީ

ދުބާއީ (ސެޕްޓެމްބަރު 28): ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ވައިގެ ސަރަހައްދުން މިއަދު ޑްރޯނެއް އުދުއްސުމުގެ ސަބަބުން 30 މިނިޓް ވަންދެން ފްލައިޓުތައް ހުއްޓާލަން ޖެހުނު ކަމަށް އެއެއާޕޯޓުން ބުނެފި އެވެ.

އެއާޕޯޓުން ބުނި ގޮތުގައި އެތަނުގެ ވައިގެ ސަރަހައްދު ބަންދު ކުރީ "އެއާޕޯޓު ކައިރީ އުދުއްސަން ހުއްދަ ދީފައި ނުވާ" ޑްރޯނެއް އެސަރަހައްދުން ފެނުމުންނެވެ.

"ޑްރޯން އޮޕަރޭޓު ކުރާ ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން ހަނދާންކޮށްދެން، އެއްވެސް އެއާޕޯޓެއް ނުވަތަ ފްލައިޓް ޖައްސާ ސަރަހައްދަކާ ފަސް ކިލޯމީޓަރަށް ވުރެ ކައިރިން ޑްރޯން އުދުއްސުމަކީ މަނާކަމެއް،" ދުބާއި އެއާޕޯޓުން ޓުވީޓު ކުރި އެވެ.

ދުނިޔޭގެ އެންމެ ކާރުބާރުބޮޑު އެއް އެއާޕޯޓު ކަމަށްވާ ދުބާއީ އެއާޕޯޓުން ޑްރޯން ހަރަކާތްތައް ފެނުމުގެ ސަބަބުން ފްލައިޓްތައް ހުއްޓާލަން ޖެހުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ޖޫން މަހު ހިނގި އެފަދަ ހާދިސާއެއްގެ ސަބަބުން އެއް ގަޑިއިރަށް ވުރެ ގިނަ އިރުވަންދެން ފްލައިޓުތައް ހުއްޓާލަން ޖެހުނެވެ.

އަދި އެހާދިސާއާ ގުޅިގެން ޔޫއޭއީން ވަނީ ޑްރޯން ގަތުމާއި ބޭނުން ކުރުމުގެ ގަވާއިދުތައް ހަރުކަށި ކުރަން ނިންމާފައެވެ. (ބީބީސީ)

comment ކޮމެންޓް