އިނގިރޭސިބަސް ނޭނގޭ ކަމަށް ސްރީލަންކާގެ ސްނައިޕަރު ބުނެފި

ކވ. މ. ލިލީޕާކް، ފަޒީލް ހަމީދު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު، ސްރީލާންކާގެ ރައްޔިތެއް ކަމަށްވާ ލަހިރު މަޑުޝަންކަ މަނިއްކު އަޑޫރާ އަދި ގ. އޮއިވާލި އިސްހާގު ހުސައިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އިނގިރޭސިބަސް ނޭނގޭ ކަމަށް ސްރީ ލަންކާގެ ސުނައިޕަރު ކަމަށް ބުނާ ލަހިރު މަދުޝަންކަ މަނިއްކު އަޑޫރާ މިއަދު ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލަން އެއްބަސްވެގެން ރާއްޖެ އައިކަމަށް ބުނާ އެމީހާ އެގޮތަށް ބުނީ މިއަދު ކްރިމިނަލް ކޯޓުގައެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ދެއްކެވި ވާހަކަތައް އިނގިރޭސިބަހުން ތަރުޖަމާކޮށްދިނުމަށް ތަރުޖަމާން އުޅުއްވުމުން އޭނާ ބުނީ އިނގިރޭސިބަސް ނޭނގޭ ކަމަށެވެ.

"ނޭނގެއޭ އޭނަ ބުނަނީ. އަޅުގަނޑަށް ހީވަނީ އިނގިރޭސި ނޭނގޭ ވާހަކަހެން އެބުނަނީ. ސިންހަޅަ ބަހާއި ދިވެހި ބަހާއި ކޮންމެވެސް ވަރެއްގެ އެއްގޮތް ކަމެއް ހުރޭ. ސިންހަޅަ ބަހުން އޭނަ ބުނަނީ ނޭނގެއޭ،" ތަރުޖަމާނެއްގެ ގޮތުގައި މިއަދު ވަޑައިގެންނެވި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހުމަދު ފަޔާޒު ހަސަން ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، މަދުޝަންކަ ފުލުހުންގެ ތަހުގީގަށް ދިން ބަޔާނުގައި އިނގިރޭސިބަސް އޭނާއަށް އެނގޭ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ދިފާއީ ވަކީލާ އެދިވަޑައިގަތްގޮތަށް ސިންހަޅަ ބަހުގެ ތަރުޖަމާނެއް ހަމަޖައްސައިދިނަސް މައްސަލައެއް ނެތް ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މަދުޝަންގެ ގާނޫނީ ވަކީލާ ފަރީޝާ އަބްދުﷲ ވިދާޅުވީ، ސިންހަޅަ ބަހުގެ ތަރުޖަމާނެއް ހަމަޖައްސައިދިނުމަށް އެދޭކަމަށެވެ. ސަބަބަކީ އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ ކޮބައިކަން ރަނގަޅަށް ދޭހަވާނެ ބަހަކުން އެމީހަކަށް އަންގަންޖެހޭނެ ކަމަށް ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާޒީ އަލީ އާދަމް ވިދާޅުވީ، އެ މައްސަލައިގެ އެންމެ ފުރަތަމަ ދެ އަޑުއެހުމުގައި މަދުޝަންކަ އެފަދަ ކަމެއް ފާހަގަކޮށްފައިނުވާ ކަމަށާއި، ސިންހަޅަ ބަހުގެ ތަރުޖަމާނަކު ބޭނުންވާ ކަމަށް ބުނަނީ ވަކީލު ކޯޓަށް ހާޒިރުވެ ކަމަށެވެ.

މަދުޝަންކަގެ އިތުރުން އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާއި މ. ލިލީޕާކް ފަޒީލް ހަމީދުގެ އިތުރުން ގ. އޮއިވާލި އިސްހާގު ހުސައިންގެ މައްޗަށެވެ. އެމީހުންގެ ތެރެއިން މަދުޝަންކަ އާއި އަދީބާއި ފަޒީލްގެ މައްޗަށް އުފުލާފައި ވަނީ އެނގިހުރެ މީހަކު މަރަން ރޭވުމުގެ ކުށުގެ ދައުވާއެވެ. އިސްހާގުގެ މައްޗަށް އުފުލާފައި ވަނީ އެނގިހުރެ މީހަކު މަރަން ރޭވުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އެ އެންމެންގެ މައްޗަށް ދައުވާ ސާބިތުކުރަން ހެކި ހުށަހަޅައިފައެވެ. އެގޮތުން ދައުލަތުން ވަނީ ސިއްރު ހެކީންގެ ގޮތުގައި ފަސް މީހެއްގެ ނަން ހުށަހަޅައިފައެވެ. އަދި ގަރީނާގެ ގޮތުގައި ތިން ޑޮކިއުމެންޓެއް ވަނީ ހުށަހަޅައިފައެވެ. އޭގެތެރޭގައި ހިމެނެނީ މޯލްޑިވްސް އިމިގްރޭޝަންގެ ސިޓީ އަކާއި ލަކީ ހިޔާ ގެސްޓު ހައުސް އިން މަދުޝަންކަ އަށް ދޫކޮށްފައިވާ ކާޑާއި މާބުލް ގެސްޓު ހައުސްގެ ސިޓީއެކެވެ.

އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ ރައީސް ޔާމީން އަވަހާރަކޮށްލަން އަދީބު ރޭވީ ކޮން ކަމެއްކަން އެ ދައުވާ އިން އެނގެން ނެތްކަމަށާއި އެކަން ސާފުވާންޖެހޭ ކަމަށެވެ. އެހެންކަމުން ދައުވާގައި ބުނާ ކަންކަން ސާފުނުވާތީ ހުށަހަޅާނެ ހެއްކެއް ނެތް ކަމަށް ސިރާޖު ވިދާޅުވިއެވެ.

"މި މިންވަރަށް އެނގިގެން ހުށަހަޅާނެ ހެއްކެއް ނެތް،" ސިރާޖު ވިދާޅުވިއެވެ.

އިސްހާގުގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ، ކުށެއް ފުރިހަމަވަނީ ތުހުމަތު ކުރާ އަމަލުވެސް އެނގިގެން ކަމަށެވެ.

ރައީސް ޔާމީން އަވަހާރަކޮށްލަން ބޭނުންވާ ފައިސާ އަދީބު ވިދާޅުވި ފަރާތަށް އިސްހާގު ދީފައިވާ ކަމަށް ބުނާއިރު، އެއީ ކާކުކަމާއި އެފައިސާ ދިނީ ކޮން ގަޑިއެއްގައިތޯ އާއި ކޮން ދުވަހަކުތޯ ސާފުވާންޖެހޭ ކަމަށެވެ.

އެވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ އިސްހާގު ފައިސާ ދިން މީހާގެ ނަން ބުނެފިނަމަ ސިއްރު ހެކީންގެ މައުލޫމާތު ހާމަވެދާނެކަމަށެވެ.

މަދުޝަންކަގެ ވަކީލާ ވަނީ ސްރީލަންކާގެ ދެ މީހަކު ދިފައީ ހެކީންގެ ގޮތުގައި ހުށަހަޅާފައެވެ.

އެ ދެ މީހުން ހެކީންގެ ގޮތުގައި ހުށަހެޅީ މަދުޝަންކަ ރާއްޖެ އައީ ރައީސް ޔާމީން އަވަހާތަކޮށްލަން އެއްބަސްވެގެން ނޫން ކަމާއި އޭނާ ރާއްޖެ އައި ބޭނުން ސާފުކޮށްދިނުމަށް ކަމަށް ވެސް ވަކީލާ ވިދާޅުވިއެވެ.

ފަޒީލްގެ ގާނޫނީ ވަކީލު ނައުޝާދު އަބްދުލް އަޒީޒު ވިދާޅުވީ ކޯޓުން ދޫކުރި ލިޔުންތަކުގެ ތެރޭގައި ފަޒީލްއާ ގުޅޭ އެއްވެސް ލިޔުމެއް ނެތް ކަމަށެވެ. އަދި ރައީސް ޔާމީން އަވަހާރަކޮށްލައިފިނަމަ ފަޒީލަށް ރާއްޖޭގެ ރައީސްކަން ލިބެނީތޯ ވިދާޅުވެ ނައުޝާދު ވަނީ ސުވާލު އުފައްދަވައިފައެވެ.

ނައުޝާދު ވިދާޅުވީ، ދައުވާގައި ބުނާ ކަންކަން ސާފުނުވާތީ ދިފާއުގައި ހެކި ހުށަހަޅަންޖެހޭ ގޮތަށް ހެކި ހުށަހެޅެން ނެތް ކަމަށެވެ. ދެން ހެކި ހުށަހަޅަންޖެހޭނީ އެކަން ނުކުރާކަން ސާބިތުކުރާ ހެކީން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން ދެ މީހެއްގެ ނަން އޭނާ ވަނީ ހެކީންގެ ގޮތުގައި ހުށަހަޅާފައެވެ. އެ މައްސަލައިގައި ދެން އޮންނާނީ ހެކީންގެ ހެކިބަސް ނެގުމެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ މިހާރު ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ހުރި އިސްހާގު ޝަރީއަތް ނިމެންދެން ގޭބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ. އެގޮތަށް އަމުރު ކުރީ އޭނާގެ ސާޖަރީއެއް ހެދުމަށްޓަކައި ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގަތުމުންނެވެ. ދައުލަތުން ވެސް އެކަމަށް އިއުތިރާޒުކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް