ލަންކާ ސުނައިޕަރަށް ސިންހަޅަ ތަރުޖަމާނެއް ހަމަޖައްސަން ފުރުސަތެއް ނުދިން

ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލަން އެއްބަސްވެގެން ރާއްޖެ އައި ކަމަށް ތުހުމަތު ކުރެވޭ ސްރީ ލަންކާގެ ސުނައިޕަރު ކަމަށް ބުނާ މީހާ އަށް ސިންހަޅަ ތަރުޖަމާނަކު ހަމަޖައްސަން އެދުމުން އެ ފުރުސަތު ކްރިމިނަލް ކޯޓުން ނުދިނެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ލަހިރު މަދުޝަންކަ މަނިއްކު އަޑޫރާ ނަމަކަށް ކިޔާ އެމީހާގެ ގާނޫނީ ވަކީލު ފަރީޝާ އަބްދުﷲ ވަނީ އޭނާ އަށް އިނގިރޭސި ރަނގަޅަށް ނޭނގޭތީ ތަރުޖަމާކޮށްދިނުމަށް ސިންހަޅަ ތަރުޖަމާނެއް ހޯދައިދިނުމަށް އެދިވަޑައިގެންފައެވެ.

އެކަމާ ގުޅޭގޮތުން ގާޒީ އަލީ އާދަމް ވިދާޅުވީ މީގެކުރިން ބޭއްވި އެ މައްސަލައިގެ ދެ އަޑުއުން ވެސް ކުރިއަށް ގެންގޮސްފައި ވަނީ އިނގިރޭސި ބަހުގެ ތަރުޖަމާނަކާ އެކު ކަށާއި އެ ދެ އަޑުއެހުމުގައި އެފަދަ ކަމެއް އޭނާ ފާހަގަކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން ގާޒީ ނިންމެވީ މިއަދުގެ އަޑުއެހުން އިނގިރޭސި ބަހުގެ ތަރުޖަމާނަކާ އެކު ކުރިއަށް ގެންދިޔުމަށެވެ.

މިއަދުގެ އަޑުއެހުމުގައި ސުނައިޕަރު ވަނީ އެ ދައުވާ އަށް އިންކާރު ކޮށްފައެވެ.

ދައުވާ ލިބޭ އެންމެން ދައުވާ އަށް އިންކާރު ކުރުމުން ގާޒީ ވަނީ ހެކި ހުށަހެޅުމަށް ދައުލަތަށް އަންގާފައެވެ. ނަމަވެސް ދިފާއީ ވަކީލުން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.

ދައުވާ ލިބޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ވަކީލު މޫސާ ސިރާޖު ވިދާޅުވީ އެ މައްސަލައިގެ ލިޔުންތައް ލިބުނީ މިއަދު ކަމަށާއި އެ ލިޔުންތައް ދިރާސާ ކުރުމަށް ވެސް ވަގުތު ބޭނުންވާ ކަމަށެވެ. އަދި ހެކި ހުށަހެޅުމަށްޓަކައި އަދީބާ މަޝްވަރާ ކުރަން ބޭނުންވާ ކަމަށާއި މާފުށީ ޖަލުގެ ކަންތައް ހުންނަގޮތުން ވަކީލުންނަށް ދައުވާ ލިބޭ މީހުންނާ ބައްދަލުކުރަން ފުރުސަތު ލިބުމުގައި ގިނަ ދުވަސްތަކެއް ހޭދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާޒީ ނިންމެވީ އަންނަ ހޯމަ ދުވަހު ހެކި ހުށަހެޅުމުގެ އަޑުއެހުން ބޭއްވުމަށެވެ. ނަމަވެސް ސިރާޖު ވިދާޅުވީ އެދުވަހަށް އަދީބާ ބައްދަލުކުރުމުގެ ފުރުސަތު ލިބިވަޑައިނުގެންފިނަމަ ޝަރީއަތް ފަސްކޮށްދިނުމަށް އެދޭ ކަމަށެވެ.

ގާޒީ ވިދާޅުވީ ތާވަލްކުރި ގޮތުގެމަތިން ޝަރީއަތް ކުރިއަށްދާނެ ކަމަށާއި ދައުވާ ލިބޭ މީހުންނާ ބައްދަލު ކުރުމުގެ ކަންތައް ހަމަޖެއްސުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ލަހިރު މަދުޝަންކަ މަނިއްކު އަޑޫރާ އާއި އަދީބުގެ އިތުރުން އެ މައްސަލާގައި ދައުވާ ލިބެނީ މ. ލިލީޕާކް ފަޒީލް ހަމީދު އާއި ގ. އޮއިވާލި އިސްހާގު ހުސައިންގެ މައްޗަށެވެ.

ލަހިރު މަދުޝަންކަ މަނިއްކު އަޑޫރާ އާއި އަދީބު އަދި ފަޒީލްގެ މައްޗަށް ދައުލަތުން ކުރި އެނގި ހުރެ މީހަކު މެރުމުގެ ދައުވާގައި ބުނެފައި ވަނީ އަދީބާއި ފަޒީލް އިތުރު ބަޔަކާ ގުޅިގެން ރައީސް ޔާމީނަށް ހަމަލާދީ އަވަހާރަކޮށްލަން ބަޑިޖަހާ މީހަކު ހޯދަން ރާވާފައިވާ ކަމަށެވެ. އަދި ރާވާފައިވާގޮތުގެމަތިން ސްރީލަންކާގެ ސްނައިޕަރު ރާއްޖެ އައިސްފައިވާ ކަމަށް ވެސް އެ ދައުވާގައިވެއެވެ.

އެ މައްސަލާގައި ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ މުހައްމަދު ހުސައިން (އޮއިއްޓޭ)ގެ ކޮއްކޮ ގ. އޮއިވާލި، އިސްހާގު ހުސައިންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ އެނގިހުރެ މީހަކު މަރަން ރޭވުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާގައި ވަނީ ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނުކަން އެނގިހުރެ އެ އަމަލުގައި ބައިވެރިވުމުގެ ގޮތުން އަދީބު ވިދާޅުވެގެން އެކަމަށް ބޭނުންވާނޭ ފައިސާ އަދީބު ވިދާޅުވި ފަރާތްތަކަށް އޭނާ ފޯރުކޮށްދީފައިވާ ކަމަށެވެ.

comment ކޮމެންޓް