އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ޓިއުނީޝިއާގެ ބޮޑުވަޒީރު މަގާމުން ދުރުކޮށްފި

ޓިއުނީޝިއާގެ ބޮޑުވަޒީރު ހަބީބު އެއްސީދު: މަގާމާ ހަވާލުވިތާ 18 މަސް ދުވަސް ފަހުން އޭނާ ވަނީ މަގާމުން ދުރުކޮށްފަ ---

ޓިއުނީޝިއާގެ ބޮޑުވަޒީރު ހަބީބު އެއްސީދުއާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، އޭނާ މަގާމުން ދުރުކޮށްފި އެވެ. އޭނާ މަގާމުން ދުރުކޮށްފައި މިވަނީ، މަގާމާ ހަވާލުވިތާ 18 މަސް ފަހުންނެވެ.

ގައުމުގެ އިގްތިސާދީ އަދި ސަލާމަތީ ކަންތައް ހައްލުކުރުމުގައި ފެއިލް ވެފައިވާ ކަމަށް ބުނެ، ބޮޑުވަޒީރުގެ މަގާމުން އެއްސީދު ދުރުކުރަން އިއްޔެ ނެގި ވޯޓުގައި އޭނާގެ އިތުބާރު ނެތް ކަމަށް 118 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ. އޭނާއާ އެއްކޮޅަށް ވޯޓު ދިނީ 27 މެމްބަރުންނެވެ.

އެއްސީދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމުގެ ކުރިން އޭނާއާ ހިތްހަމަނުޖެހޭކަން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މެމްބަރުން ވެސް ވަނީ ފާޅުކޮށްފަ އެވެ. އަދި އެއްސީދު ވެސް ވަނީ އޭނާ މަގާމުން ދުރުވާންޖެހޭކަން އިނގިވަޑައިގަންނަވާކަން ހާމަކޮށްފަ އެވެ.

އާ ބޮޑުވަޒީރަކު ހޮވުމަށް މަޝްވަރާތައް މާދަމަ ފަށާނެ ކަމަށް ބެލެވެ އެވެ.

މިދިޔަ މަހުގެ ތެރޭގައި އެއްބައިވަންތަ ކަމުގެ އާ ސަރުކާރެއް ގެނައުމަށް ޓިއުނީޝިޔާގެ ރައީސް އަލް ބާޖީ ގާއިދު އަލްބަސީ ގޮވާލުމުން އެއްސީދުއަށް ވަނީ ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވެފަ އެވެ.

ޓިއުނީޝިއާގެ ރައީސް ކަމުން ޒައިން އެލް އަބްދިނީ ބިން އަލީ ވަކިކޮށް 2011 ވަނަ ސަރުކާރު ބަދަލުކުރި ފަހުން އެގައުމަށް ވަނީ ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވެ މައްސަލަތައް ބޮޑުވެފަ އެވެ. އަދި ޓިއުނީޝިއާގެ ޒުވާނުންގެ ތެރެއިން ތިން ބައި ކުޅަ އެއްބައި މީހުންނަކީ މިއަދު ވެސް އެއްވެސް ވަޒީފާއެއް ނެތް މީހުންނެވެ. (އަލްޖަޒީރާ)

comment ކޮމެންޓް