މިނިވަން ފުޅަނދުބުރު، ދިވެހި ސަގާފަތް ބީރައްޓެހި ކޮށްލައިފި

މިރޭ ބޭއްވި ފުޅަނދުބުރުގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިރޭ 8:00 ޖެހުމާއެކު މާލޭގެ ބޮޑެތި މަގުތައް ގުގުމާލީ ގައުމީ ލަވައިންނެވެ. އެތައް ބަޔަކު އުވާވެރިކަމާއެކު ފުޅަނދު ބެލުމަށް އެއްވި އެވެ. ގައުމީ ލަވައިން މުޅި ސަރަހައްދު ގުގުމާފައިވީ ނަމަވެސް ހިތާމައަކީ އެއިން އެއްވެސް ފުޅަނދަކުން ދިވެހިވަންތަކަން ދަށްކުވައި ނުދޭތީ އެވެ. މިނިވަން ދުވަސްފަދަ ގައުމީ ދުވަހެއް ފާހަގަކުރުމަށް ދައުލަތުގެ މުއައްސަސާތަކުން ނެރުނު ހުރިހާ ފުޅަނދެއްގައި ވެސް ދައްކުވައިދީފައި ވަނީ ބޭރުގެ ގައުމުތަކުގެ ސަގާފަތްތަކާ ފިކުރުތަކެވެ.

ސްޓާ ވޯސް ރޯގް ވަން ފިލްމުގެ ކެރެކްޓާތައް އެ ހެދުންތަކާއެކު ސުޓެލްކޯއިން ދައްކާލިިއިރު އެމްއޭސީއެލުން ދައްކުވައި ދެނީ ޑިސްނީ ލޭންޑްގެ ކާޓޫން ކެރެކްޓާސްތަކެވެ. އެސްޓީއޯގެ ފުޅަނދުން ދައްކުވައި ދެނީ އެލައިން އިން ވޮންޑަލޭންޑް ޓީޕާޓީގެ ކެރެކްޓާސްތަކެވެ. މުޅިން ވެސް ދިވެހިންގެ އާދަކާދައާ ނުގުޅޭ ސަގާފަތްތަކެވެ.

އެކަމާއި ގުޅިގެން "ސަން"އިން ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން ދިވެހި ބަހުގެ އެކަޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ ގައުމީ ދުވެހެއް ފާހަގަކޮށް މީހުންގެ ހިތްތަކުގައި ގައުމީ ލޯއިބާއި ޝައުގު އުފެއްދުމަށް ދައްކަން ވާނީ ދިވެހި ސަގާފަތް ކަމަށެވެ.

"ދިވެހި ރާއްޖޭގެ މި އޮތް މުއްސަނދި ތަރިކަތަކާއި އަޅުގަނޑުމެންގެ އިސްލާމް ދީން އަޅުގަނޑުމެންގެ ތެރެއަށް ފެތުރިގެން އައި ގޮތާއި އަޅުގަނޑުމެންގެ ރާއްޖެއަށް މީހުން ވަޒަންވެރިވެގެން އައި ގޮތްތަކާއި އިއްޔެގެ މާޒީގެ ދިވެހި ރާއްޖެ އަދަށް އެބަޖެހޭ ކޮންމެ ވެސް ސިފައެއްގައި ދައްކުވައިދޭން، ކީއްވެބާ ފުޅަނދުތަކުގެ ގޮތުގައި ނުދެއްކޭނީ،" އަޝްރަފް ވިދާޅުވިއެވެ.

ކުޑަކުދިން ހިތްހަމަ ޖެއްސުމަށް އެ ކުދިން ޝައުގުވެރިވާ ފަދަ ބައެއް ބޭރުގެ ކަންކަން ދެއްކުމަކުން ގޯހެއް ނެތް ކަމަށާއި ނަމަވެސް އެކަން ކުރަން ވާނީ ދިވެހި ސަގާފަތް އިސްކުރުމަށްފަހު ކަމަށް އަޝްރަފް ވިދާޅުވި އެވެ. ދައުލަތުން މިހާ ބޮޑު ހޭދައެއް މިކަމަށް ކުރާއިރު ދިވެހިވަންތަ ކަމަށް ލޯބި ނުކުރާތީ އަޝްރަފް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މީގެ އަހަރުތަކެއް ކުރިން ރާއްޖޭގައި ފުޅަނދުބުރު ދައްކާލިއިރު އޭގެ ފުޅަނދުބުރުތަކުން ދިވެހި ވަންތަކަން ދައްކުވައިދެ އެވެ. ރޯނު ވެށުމާއި މަސްވެރިކަން ފަދަ ކަންކަން މީގެ ކުރިން ދައްކުވައިދެ އެވެ. ނަމަވެސް މިއަދު އެ މަންޒަރެއް ނުފެނެ އެވެ. މިއީ އަދަބިއްޔާތާއި ދިވެހި ވަންތަކަމަށް ލޯބި ކުރާ ފަރާތްތަކުގެ ބޮޑު ކަންބޮޑުވުމެކެވެ.

"އަޅުވެތިކަމަށްފަހު ލިބޭ މިނިވަންކަމަކީ އަމިއްލަވަންތަކަމުގެ ލޯބީގައި އިންސާނާ ވާ ގުރުބާނީއެއްގެ ނަތީޖާ، އެހެންވީމާ އަމިއްލަވަންތަކަމަށް ބީރައްޓެހި ޖީލެއް ބޮޑުކުރެވޭނަމަ އެބޮޑުކުރެވެނީ މިނިވަންކަމުގެ ހަގީގީ މާނައަށް ބީރައްޓެހި އެމިނިވަންކަން ދިފާއުކުރުމުގެ މައިދާނަށް ލޯ ހުޅުވުން ކުޑަ، ބުރަހެލި ފިނޑި ޖީލެއް،" ދިވެހި އަދަބިއްޔާތަށް ހިދުމަތް ކުރަމުންދާ އާދަމް ނަސީރު އިބްރާހިމް ވިދާޅުވި އެވެ.

ފުޅަނދު ހެދި ފަރާތްތަކުގެ އަމާޒަކީ މީހުން ޝައުގުވެރިކުރުވުން!

މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގެ ބޮޑެތި މަގުތަކުގައި އެތައް ބަޔަކަށް ފެންނަހެން ބޭއްވި ފުޅަނދުބުރަށް އެތައް ފާޑުކިޔުމެއް ރައްދުވެފައިވާއިރު ފުޅަނދުތައް ތައްޔާރު ކުރި ފަރާތްތަކުން ބުނަނީ އެއީ ދިވެހިންގެ ޝައުގުވެރި ދާއިރާތަކުގެ ހަރަކާތްތައް ކަމަށެވެ.

ސްޓާ ވޯސްގެ ފުޅަނދު ތައްޔާރު ކުރި ސުޓެލްކޯގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެފުޅަނދު ހެދުމުގައި ބޮޑަށް ބަލާފައި ވަނީ ދިވެހިން ޝައުގުވެރި ދާއިރާތަކަކަށް ކަމަށެވެ.

"ގައުމީ އުފެއްދުންތެރިކަމާއި އަޅުގަނޑުމެންގެ އުފެއްދުންތެރިކަމާއި އަޅުގަނޑުމެން ކުދިންގެ ހުނަރުވެރިކަން މީގައި ދައްކަން ޖެހޭނީ، ދެން މި އިންނަނީ ކުދިންގެ ޝައުގުވެރިކަން، މި ޖީލު ކުދިންގެ ޝައުގުވެރިކަން ހުރީ އެ ދިމާލުގައި،" ސްޓެލްކޯގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ގިނަ ބަޔަކު އުފައްދާ ސުވާލަކީ އާންމުން އެކަން ބަލައިގަންނާނެތޯ ކަމަށާއި ޖަވާބަކީ ދިވެހިން ޝައުގުވެރި ވަނީ އެދާއިރާތަކަށް ކަމަށެވެ.

މިފަހަރުގެ މިނިވަން ދުވަހުގެ ފުޅަނދު ބުރުގައި 14 ފުޅަނދެއް ބޭނުންކުރިއިރު އޭގެ ތެރެއިން އެންމެ ރީތިފުޅަނދެއް ހޮވަން ވަނީ ނިންމާފަ އެވެ. ހޯމް މިނިސްޓްރީން އެކަމުގައި ވެސް ބަލަނީ އާމުންގެ ވޯޓަށާއި އުފެއްދުންތެރިކަމަށެވެ. ސަގާފަތަކަށް ނޫނެވެ.

comment ކޮމެންޓް