އައިހެވެން ފަދަ ބިޔަ މަޝްރޫއުއެއް ފ. އަތޮޅުގައި މި އަހަރު ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ފ. އަތޮޅު ނިލަންދޫ މަތިން ---

ހއ. އަތޮޅުގައި ތަރައްގީކުރާ އައިހެވަން މަޝްރޫއު ފަދަ ރާއްޖޭގެ މަލަމަތި ބަދަލުކޮށްލާނެ ބޮޑު އެހެން ޕްރޮޖެކްޓެއް ފ. އަތޮޅު ސަރަހައްދުގައި މި އަހަރު ފައްޓަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުއް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ހއ. ހޯރަފުށީ ނަރުދަމާގެ މަޝްރޫއުގެ އިފްތިތާހު ކޮށްދެއްވުމަށް އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހއ. އަތޮޅުގައި ތަރައްގީ ކުރާ އައިހެވަން ފަދަ ބިޔަ މަޝްރޫއުއެއް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފ. އަތޮޅުގައި ފައްޓަވާނެ ކަމަށެވެ. އަދި އެ މަޝްރޫއުއަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ހއ. އަތޮޅުގައި އައިހެވަން މަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ދައުލަތަކުން ކަމަށް ވެސް ރައީސް ޔާމީންގެ ވާހަކަފުުޅުގައި ވިދާޅުވި އެވެ.

ނަމަވެސް އެކަމުގެ ތަފްސީލަކަށް ރައީސް ވަޑައިގަތްފައެއް ނުވެ އެވެ. ސަން އަށް އެނގިފައިވާ ގޮތުގައި އެ ގައުމަކީ ސައުދީ އެރެބިޔާ އެވެ.

އައިހެވަން މަޝްރޫއަކީ ސަރުކާރުން އަތޮޅުތެރޭގައި ހިންގަން ނިންމަވާފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ޕްރޮޖެކްޓެވެ. އައިހެވަން މަޝްރޫއުގައި ހިމެނޭ މައިގަނޑު ހަ ކަމަކީ ބަނދަރަކާއި އެއާޕޯޓަކާއި ބަންކަރިންގެ ޚިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރުން ރިއަލް އެސްޓޭޓާއި ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމެވެ.

"އައިހެވަން" މަޝްރޫއަށް ސައުދީ އަރަބިއްޔާގެ އިންވެސްޓްމަންޓްތައް ހޯދުމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސައުދީ އަރަބިއްޔާއަށް ވަޑައިގެންފަ އެވެ. އެ ދަތުރަށް ފަހު މިނިސްޓަރު ޝައިނީ ވިދާޅުވެފައި ވަނީ އައިހެވަން މަޝްރޫ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ދެ ގައުމު ދެމެދުގައި ޝައްކެއް ނެތް މިންވަރަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އެ މަޝްރޫއާ ގުޅޭ ގޮތުން މިހާތަނަށް ހުރިހާ މަޝްވަރާއެއް ކޮށްފައި ވަނީ ސައުދީ ސަރުކާރާ އެކު ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ތަރައްގީގެ ޗާޓުގެ މަލަމަތި ބަދަލުވަމުން ދިޔަ ނަމަވެސް، އެއްފަހަރާ ބިޔަ މަޝްރޫއުތަކެއް ކުރިއަށްގެންދިއުމަކީ އެއްވެސް ބަޔަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ފައިސާ ލިބުނު ނަމަވެސް، ހެޔޮ އަގެއްގައި އެ މަސައްކަތްކުރުމަށް އަމިއްލަ ގައުމުގައި އެކަން ކުރެވޭނެ ގާބިލުކަން ލިބެންދެން އެފަދަ މަޝްރޫއުތައް ފަސްކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންނޫން ނަމަ، އެ މަޝްރޫއަށްދާ ހަރަދު ބޮޑުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް