16 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޗެމްޕިއަންކަން މަޖީދިއްޔާއަށް

އިންޓާ ސުކޫލް ހޭންޑްބޯލް މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޗެމްޕިއަންކަން މަޖީދިއްޔާ ސްކޫލް ހޯދުމަށް ފަހު އެ ޓީމުން އުފާފާޅު ކުރަނީ --- ސަން ފޮޓޯ: ޔޫސުފް ސަފްވާން ރަޝީދު

ހޭންޑްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި އިންޓާ ސްކޫލް ހޭންޑްބޯލް މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޗެމްޕިއަންކަން ހުޅުމާލޭ ރެހެންދި ސުކޫލް ބަލިކޮށް މަޖީދިއްޔާ ސްކޫލް ހޯދައިފި އެވެ.

މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ރެހެންދި ސްކޫލުގެ މައްޗަށް މަޖީދިއްޔާ ކުރި ހޯދީ 2-10 ލަނޑުގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ވެސް މަޖީދިއްޔާ އިން ގިނަ ވަގުތު ބޯޅަ ގެންގުޅެ، ގިނަ ހަމަލާތަކެއް އުފެއްދި އެވެ. މަޖީދިއްޔާއިން ނުވަ ގޯލު ކާމިޔާބުކޮށް ބޮޑު ލީޑެއް ނެގި ފަހުން ރެހެންދި ސްކޫލުން ވަނީ ގޯލެއް ކާމިޔާބުކޮށް ސުން ކަނޑުވާލައިފަ އެވެ.

އަދި މެޗުގެ ފަހު ވަގުތު ކޮޅުގައި މަޖީދިއްޔާއިން އެ ޓީމުގެ ދިހަވަނަ ގޯލު ކާމިޔާބުކުރި އިރު، ރެހެންދި ސްކޫލުން ވެސް ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ގޯލެއް ކާމިޔާބުކޮށްފަ އެވެ. ނަމަވެސް މެޗު ނިމިގެން ދިޔައީ އަށް ލަނޑުގެ ބޮޑު ތަފާތަކުން މަޖީދިއްޔާ ކުރީގައި އޮވެގެންނެވެ.

މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 24ގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ މުބާރާތުގައި 10 ސްކޫލަކުން ޖުމްލަ 39 ޓީމު ވާދަކޮށްފައިވެ އެވެ.

comment ކޮމެންޓް